ބައިނޭންސްގެ އިދާރާއެއް.-- ފޮޓޯ: ބައިނޭންސް
ބައިނޭންސް ހެކުކޮށް 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި
މިއީ ދުނިޔޭގެ ކްރިޕްޓޯކަރަންސީގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު ވައްކަން
މަރްޔަމް މުހައްމަދު 30 އޮކްޓޯބަރ 2026 (ހުކުރު)   17:14
ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖު ކަމަށްވާ މަޝްހޫރު "ބައިނޭންސް" އިން 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ކްރިޕްޓޯކަރަންސީ ހެކަރުން ވަގަށް ނަގައިފިއެވެ.

ބައިނޭންސްއިން ފައިސާ ނެގުމުގެ ހިދުމަތް، މި ހާދިސާއާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، މިއީ ކްރިޕްޓޯކަރަންސީގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު ވައްކަމުގެ ގޮތުގައި ދުނިޔޭގެ މީޑިއާތަކުގައި އަންނަނީ ސިފަކުރަމުންނެވެ.

އެހެން ނަމަވެސް، ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކަމާއެކު އެބަހުރި ކަމަށާ، އެއް ބިލިއަން ޑޮލަރުގެ ރިޒާވް ފަންޑާއި ކުންފުނީގެ އަމިއްލަ ފައިސާ ބޭނުންކޮށްގެން ލިބުނު އެންމެހައި ގެއްލުންތައް ފޫބައްދައިދޭނެ ކަމަށް، އެ ކުންފުނީގެ ކޯ-ސީއީއޯ ރިޗާޑް ތެންގް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން، ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް އަލުން ފެށޭނެ ކަމަށް ލަފާކޮށް ބައިނޭންސް އާ ހަވާލާދީ އެމެރިކާގެ ބްލޮކްޗެއިން އެނަލިސިސް ފާމްތައް ކަމަށްވާ ޓީއާރުއެމް ލެބްސް އާއި ޗެއިނަލިސިސް އިން ބުނެފައިވަނީ، އެންމެ 20 މިނެޓު ތެރޭގައި ހިންގި މި ހަމަލާގެ ފަހަތުގައިވަނީ އުތުރު ކޮރެއާގެ އެލީޓް ހެކިން ޔުނިޓު ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

މި ހަމަލާ ދީފައިވަނީ 2025 ވަނަ އަހަރު ބައިބިޓް އެކްސްޗޭންޖަށް ދިން ހަމަލާއާ ދާދި އެއްގޮތް ގޮތަކަށް، އިންޖީނިއަރެއްގެ ލެޕްޓޮޕް ހެކްކޮށް، މަދުވެގެން ދެ ވޮލެޓެއްގެ ޕްރައިވެޓް ކީސް ހޯދައިގެން ކަން، ބައިނޭންސްގެ ފުރަތަމަ ތަހުގީގުން ހާމަވެއެވެ.

މި ހާދިސާއާ ގުޅިގެން ޓެތަރ ސާކަލްއިން 2.38 ބިލިޔަން ޑޮލަރު މިހާރު ވަނީ ފްރީޒްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގެ ޚަބަރު ފެތުރުމާއެކު ކްރިޕްޓޯ މާކެޓަށް ބޮޑު ސިހުމެއް ލިބި، ބިޓްކޮއިން  ގެ އަގު 5 ޕަސެންޓް ވެއްޓި، މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 77,000 ޑޮލަރަށް ވުރެ ދަށަށް ދިޔަ އެވެ. ނަމަވެސް ފަހުން އަގުތައް ވަނީ ކުޑަކޮށް މައްޗަށް ޖެހިލައިފައެވެ.

މީގެ ކުރިން ކްރިޕްޓޯގެ ތާރީހުގައި ހިންގި އެންމެ ބޮޑު ވައްކަމަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް  އެކްސްޗޭންޖުން އުތުރު ކޮރެއާގެ ހެކަރުން ވަގަށް ނެގި 1.5 ބިލިއަން ޑޮލަރެވެ. އިއްޔެގެ ހަމަލާއަކީ އޭގެ ހަތަރު ގުނަ ބޮޑު ވައްކަމެކެވެ. 

ކޮމެންޓް