ރައީސް މުއިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި
ހަސަން އިބްރާހީމް 2 ނޮވެމްބަރ 2026 (ހޯމަ)   10:07
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.

މި ޚިދުމަތަށް އެދެން ބޭނުންވާ ވިޔަފާރިތަކަށް ބީސީސީގެ ވެބްސައިޓް ގައިވާ "ކުމެވި" ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. މިއީ އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބީސީސީ އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ތައާރަފުކުރި އިންތިޒާމެކެވެ.

މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ވިއްކާ ދިވެހި ވިޔަފާރިތަކަށް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބޭރުގެ ކާޑުތަކުން ދައްކާ ފައިސާ ސީދާ ޔޫއެސް ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އެކައުންޓަށް ޖަމާވާ ޑޮލަރު، ވިޔަފާރީގެ އެކައުންޓާ ގުޅިފައިވާ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން އޮންލައިން ސަބްސްކްރިޕްޝަންތަކަށާއި ބޭރުގެ އެކި ޚަރަދުތަކަށް ސީދާ ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 1 ނޮވެމްބަރު 2026 އިން ފެށިގެން މި އިންތިޒާމު ހަމަޖެހިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގެ އިނާމު ދިނުމުގެ ޖަލްސާގައެވެ.

ރައީސް ވިދާޅުވީ، މިއީ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ބޭރު ފައިސާއިން ފައިސާ ބަލައިގަތުމުގެ ފުރުސަތު ލިބުމަކީ، ބައިނަލްއަގުވާމީ ބާޒާރުތަކަށް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ވިޔަފާރިތަކުގެ އާމްދަނީ އިތުރުވެ، ކުރިއެރުމުގެ އާ ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް