
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ ކޮޗިންގައި ދިރިއުޅޭ ބައެއް ދިވެހިރައްޔިތުންނާ ބައްދަލުކުރައްވާ އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ހާލު ބައްލަވާލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކޮޗިންގައި ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ވެސް ޒިޔާރަތް ކުރައްވާ މިއަދު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުނަތަކުގައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ފައިސަލް ވަނީ ގާތުން އަޑުއައްސަވާފައެވެ.
ކޮޗިންގައި މިވަގުތު ބޭސްފަރުވާއަށް ގޮސްތިބި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމުގައި ވަރަށްބޮޑެތި ދަތިތައް އެމީހުންނަށް އެބަހުއްޓެވެ. އެގޮތުން މާލެއިން ފުރުމުގެ ކުރިން އާސަންދަ ދީފައި ފޮނުވި ނަމަވެސް ބޭސްފަރުވާގެ ބައެއް ހަރަދުތައް އާސަންދައިން ކަވަރުކޮށް ނުދިނުމާއި، ފަރުވާ ދޭ ހޮސްޕިޓަލުން އާސަންދައަށް އެޕްރޫވަލްއަށް ފޮނުވާ ކޮންމެ އެއްޗެއް އެޕްރޫވް ވުމަށް އެތަށް ގަޑިއިރެއް ހޭދަވާކަމަށް އެ ރައްޔިތުން ބުންޏެވެ.
އަދި އެކަމުގެ ސަބަބުން ބަލިމީހާއަށް އެތަށް ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށްވެސް އެފަރާތްތަކުން ފާހަގަކުރިއެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާވަރަށް ޑޮލަރު ހޯދުމަށް ހުރި ދަތިތައްވެސް އެމީހުން ފާހަގަކޮށްފައި ވާއިރު، ބޭސްފަރުވާއާ ގުޅުންހުރި އެނޫންވެސް އެތައް ކަންބޮޑުވުންތަކެއް ކޮޗިންގައި ތިބި ބައެއް ދިވެހިން ހިއްސާކުރިއެވެ.
ކޮޗިންގައި ދިރިއުޅޭ ބައެއް ދިވެހިންނާ ފައިސަލް ނަސީމް ބައްދަލުކުރެއްވުން - ފޮޓޯ: ފައިސަލް ކެމްޕެއިން ޓީމްބޭސްފަރުވާގެ ކަންކަމުގައި ދިވެހިން ކުރި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، ބޭސްފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް އެންމެބޮޑަށް އިސްކަންދިން އެއް ދާއިރާކަމަށެވެ.
އަދި ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ވެސް ބޭސްފަރުވާގެ ކަންކަމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނެސްދިނުމަށްޓަކައި ސިއްހީ ނިޒާމް ހަރުދަނާކޮށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ކޮޗިންގައި ތިބި ދިވެހިން ދިރިއުޅޭ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް މިހާތަނަށް އެންމެބޮޑަށް ބެލީ ލާމަރުކަޒުކޮށް އެނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ހިދުމަތްދީ ވިޔަފާރިތައް ކުރިއަރުވާ ރަނގަޅުފެންވަރުގެ ތައުލީމާއި ސިއްހަތު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.




