ފައިސަލް އަދި އާޒިމް، މާލޭ ބަނދަރުމަތީ ސަރަހައްދުގައި: ރަސްމާލެ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައި.--
ރަސްމާލެ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލައިފި
މިފަދަ ނުރައްކާތެރިކަން ބޮޑު މަޝްރޫއެއް ރައްޔިތުންގެ ވިސްނުމާ އިދިކޮޅަށް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެން ދެކޮޅު ހަދާ ކަމެއް: ފައިސަލް އަދި އާޒިމް
30 އޮކްޓޯބަރ 2026 (ހުކުރު)   09:58
ދުބާއީގެ އީގަލް ހިލްސް ކުންފުނީގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނާ ހިއްސާ ކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ގެ ކެމްޕޭން ހަރަކާތުން ގޮވާލައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައިސަލް އާއި އާޒިމް އެކުގައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެ ހަރަކާތުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް އެ މަޝްރޫއުގައި ހިމެނޭ އެންމެހާ ކަންކަން ހާމަކުރުމުގެ ބަދަލުގައި، ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް އޮތް ކަމެއްގެ ގޮތުގައި ކަމަށެވެ.

މިކަމުގައި ކަންތައްތަކެއް ފޮރުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށާއި މި ކަންކަން ސާފުކުރުމަށްޓަކައި އެކި ގޮތްގޮތުން އިދިކޮޅު ފަރާތްތަކުންނާއި މިނިވަން ނޫސްވެރިން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރާއި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން މިކަމުގައި އެހީތެރިވެ ސަރުކާރަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ މިކަމުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް ކަން އެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"މިއީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދީނީ އެއްބައިވަންތަކަމާއި އިޖްތިމާއީ ހަމަޖެހުން ގެއްލިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އޮތް ކަމެކެވެ." ނޫސްބަޔާނުގައި ވެއެވެ.

މީގެއިތުރުން ނޫސްބަޔާނުގައި ބުނެފައިވަނީ، މި މަޝްރޫއާ ގުޅިގެން ސަރުކާރުން އަމަލުކުރާ ގޮތާމެދު ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އެބައޮތް ކަމަށާއި މިފަދަ ގޮތަކަށް މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، އިއާދަނުކުރެވޭނެ ވަރުގެ ބޮޑު މާލީ އަދި އިޖްތިމާއީ ގެއްލުމަކާ ދިވެހި ރައްޔިތުން ކުރިމަތިލާން ޖެހުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ. އަދި ދިވެހިންގެ ދީނީ އެއްބައެއްވަންތަކަމާއި ޒަމާންވީ މިނިވަންކަމާ އަދި އިސްތިޤްލާލަށް ނުރައްކާ ވުމަކީ ނުހަނު ގާތުގައި އޮތް ކަމުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، މިފަދަ ނުރައްކާތެރިކަން ބޮޑު މަޝްރޫއެއް ރައްޔިތުންގެ ވިސްނުމާ އިދިކޮޅަށް ކުރިއަށް ގެންދިޔުމަކީ އެ ބޭފުޅުން ދެކޮޅު ހައްދަވާ ކަމެއް ކަމަށް ފައިސަލް އާއި އާޒިމްގެ ކެމްޕޭނު ހަރަކާތުން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.

ކޮމެންޓް