ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް.-- ފޮޓޯ: ރައީސް އޮފީސް
މޫސާ އަލީ ޖަލީލް އެންސީޓީސީގެ އެންމެ އިސް ވެރިޔަކަށް އައްޔަނުކޮށްފި
ހިޝާމް ހާރޫން 29 އޮކްޓޯބަރ 2026 (ބުރާސްފަތި)   14:03
ޓެރަރިޒަމް އާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އެންމެ މަތީ ވެރިޔަކަށް މޫސާ އަލީ ޖަލީލް އައްޔަނުކޮށްފި އެވެ.

އެންސީޓީސީގެ ވެރިޔަކަށް މޫސާ އަލީ ޖަލީލް، އިއްޔެ އައްޔަނުކޮށްފައިވާކަން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވީ ވައިސް ވަހީދެވެ.  ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ އެ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް ރިޓަޔަރޑް ވައިސް ވަހީދު ވަކި ކުރުމަށްފަހުގަ އެވެ. ވައިސް އެ މަގާމުގައި ހުންނެވީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގަ އެވެ.

މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި، މޫސާ އަލީ ޖަލީލަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެ ސަލަމާތް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ.

ޖުލައި 3، 1980 ވަނަ އަހަރު ލާންސްކޯޕްރަލް ރޭންކުގައި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި މޫސާ އަލީ ޖަލީލު ވަނީ ދިވެހި އަސްކަރިއްޔާގައި އިސް މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން 31 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކޮށް ދެއްވި މޫސާ އަލީ ޖަލީލް ވަނީ އަސްކަރީ ޔުނިޓްގެ ކޮމާންޑަރުގެ މަގާމާއި ކޯސްޓްގާޑްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރައްވައިފައެވެ.

ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސުގެ މަގާމު އަދާކުރެއްވީ ނޮވެމްބަރު 6، 2008 އިން ފެށިގެން ފެބްރުއަރީ 9، 2012 އަށެވެ. އޭގެ ފަހުން އޭނާ ވަނީ ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފައެވެ.

ޖުމުލަ 31 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ބޭކަލެއްގެ ގޮތުގައި ހިދުމަތް ކޮށްދެއްވި މޫސާ އަލީ ޖަލީލް ރިޓަޔާ ކުރެއްވިއިރު، އޭނާއަށް ވަނީ ނުވަ ކުލަ އާއި 11 މެޑަލް ލިބިވަޑައިގެންފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އަސްކަރީ ގޮތުން މޫސާ އަލީ ޖަލީލް ކުރެއްވި އަގުހުރި ހިދުމަތް ފާހަގަކޮށް މި ސަރުކާރުގައި އޭނާއަށް ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވައިފަ އެވެ.

ކޮމެންޓް