އައިޖީއެމްއެޗް،
ކޮންމެ 16 ގަޑިއިރަކުން މީހަކު ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗަށް ގެންދޭ
ސްޓްރޯކަށް މީހުން ހޭލުންތެރިކުރުވުމުގެގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ކުރިއަށްދާނެ، އެ ތަނުން ހިލޭ ޗެކްކޮށްލުމުގެ ފުރުސަތު ލިބޭނެ - އައިޖީއެމްއެޗް
ހިޝާމް ހާރޫން 30 އޮކްޓޯބަރ 2026 (ހުކުރު)   14:57
ކޮންމެ 16 ގަޑިއިރެއްގެ ތެރޭގައި ސްޓްރޯކް ޖެހިގެން ބަލިމީހަކު އައިޖީއެމްއެޗަށް ގެންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ހާމަކުރެއްވި ގޮތުގައި، ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު ފަރުވާއަށް ގެންދާކަމަށެވެ.

ޑރ. ސަލްމާން މިކަމުގެ އިތުރު ތަފުސީލް ހާމަނުކުރެއްވި ނަމަވެސް، އައިޖީއެމްއެޗުން ބުނަނީ، ގިނަ ސްޓްރޯކަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދިފާއުވެވިދާނެ ކަންކަމެއް ކަމަށާ، އެގޮތުން ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު ބެލުމުގެ އިތުރުން، ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެކަމަށް މީހުން ހޭލުންތެރިކުރުވުމުގެގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ކުރިއަށްދާނެ ކަމަށާ، އެ ތަނުން ހިލޭ ޗެކްކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

ސްޓްރޯކް ޖެހޭ މައިގަނޑު ސަބަބު ކަމަށްވާ، ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރުތަކަށް މައްސަލަ ދިމާވުން އިތުރުވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރާ ކަންތައްތަކަކީ:

  • ލޭ މައްޗަށް ދިޔުން: ލޭގެ ބާރުމިން މަތިވުން ނުވަތަ ލޭމައްޗަށް ދިޔުމަކީ، ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރުތަކަށް މައްސަލަ ދިމާވުމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބު.
  • ހަކުރުބަލި: ޑައިބެޓިކް ނުވަތަ ހަކުރުބަލި ހުންނަ މީހުން ގިނަވުމަކީ ވެސް ސްޓްރޯކްގެ ނުރައްކާތައް އިތުރުވާ ސަބަބެއް.
  • ކާނާގެ ވައްޓަފާޅި: ތެޔޮ އެކުލެވޭ ކާނާއާއި، ފޮނި އެއްޗެއްސާއި، ލޮނު ގިނައިން ބޭނުންކުރުން އާންމުވުން.
  • ކަސްރަތު މަދުވުން: ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަސްރަތު ނުކުރުމާއި، ހަރަކާތްތެރިވެއުޅުން މަދުވުން.
  • ދުންފަތުގެ އިސްތިއުމާލުކުރުން: ސިނގިރޭޓާއި އެހެނިހެން ދުންފަތުގެ ބާވަތްތައް ބޭނުންކުރުން.
  • ބަރުދަން މަތިވުން: ހަށިގަނޑުގެ ބަރުދަން މަތިވެ، ބަރުދަން ކޮންޓްރޯލްނުކުރެވުން.

އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ސިއްހީ ހާލަތު ބެލުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުން މުހިންމުކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.

ކޮމެންޓް