
މި ހާދިސާގައި އެ ރަށުގެ ހަތަރަކަށްވުރެ ގިނަ ގޭގެ ފުރާޅު އެއްލާލައި، ބައެއް ގުދަންތަކާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވައިގަދަވުމުގެ ސަބަބުން ވިއްސައިގެންދިޔަ ޓިނުގަނޑެއް ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، އޭނާއަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދައި ހާލަތު ވަޒަންކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން ފަށާފައިވާއިރު، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
"ރޭ ފަތިހު އައި ވިލާގަނޑެއްގައި ށ. ޅައިމަގު ކައުންސިލް އިދާރާއަށާއި ބައެއް ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބުމާ ގުޅިގެން، ރަށު ކައުންސިލާ ގުޅިގެން ފުލުހުން ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހާދިސާގައި ކައުންސިލް އިދާރާގެ އިތުރުން ދެ ގެއެއްގެ ފުރާޅުން ޓިނު ވަޔާއެކު އެއްލައިލުމާއި، ދެ ގެއެއްގެ ފާރުން ބައެއް ވެއްޓި އަދި ބައެއް ގަސްތައް ވެއްޓިފައިވާއިރު، ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ." ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާތީ، އާންމު ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.




