ވެލިދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވެފައި.--
ވެލިދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށިމަސް ކުއްލިއަކަށް މަރުވެއްޖެ
ފިޔެސް 1 ނޮވެމްބަރ 2026 (އާދީއްތަ)   09:48
ނ.ވެލިދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތަކެއް ކުއްލިއަކަށް މަރުވެއްޖެ އެވެ.

މި ހާދިސާ ހުކުރު ދުވަހު ހިނގާފައިވާއިރު، އެއީ ސީދާ ކޮން ސަބަބަކާ ހުރެ ހިނގިކަމެއް ކަން ސާފުވެފައެއް ނުވެއެވެ. ފޭސްބުކް ވީޑިއޯއަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މުށިމަސް އޮތީ މަރުވެ ފެނުން މައްޗަށް އަރާފައެވެ.

މިކަމާ ގުޅޭގޮތުން ފިޔެސް އާ ވާހަކަ ދައްކަވަމުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ، މަސްތައް މަރުވާން ފެށިކަން ފާހަގަކުރެވުނީ ހުކުރު ދުވަހު މެންދުރުފަހު ކަމަށެވެ.

"މެންދުރުފަހު ފާހަގަވީ މަސްތައް މަރުވެގެން މައްޗަށް އަރަން ފެށީމަ. އެކަން މެދުވެރިވި ސަބަބު ސީދާ ދަންނަވާކަށް ނޭނގެ. ދިޔަވަރަށް އަންނަ ބަދަލާއެކު ފަޅުތެރޭގައި މަސްތައް ގިނަވީމަ، އޮކްސިޖަން ނުލިބުމުގެ މައްސަލައަކަށްވެސް ވެދާނެ،" ވެލިދޫ ރައީސް އާތިފް ވިދާޅުވި އެވެ.

ވެލިދޫ ފަޅަށް މިފަހަރު މުށިމަސް ވަންނަން ފެށިތާ ހަތަރުވަރަކަށް މަސްވެފައިވާކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ، ހުކުރު ދުވަހަކީ އާދަޔާ ހިލާފަށް ގިނަ އަދަދަކަށް މުށިމަސް ވަތް ދުވަހެއް ކަމަށެވެ.

ވަރަށް ގިނަ އަދަދެއްގެ މަސްތައް މަރުވެގެން ފެނުން މައްޗަށް އަރާފައި ހުރުމުން ކައުންސިލާއި އާންމުން ގުޅިގެން އެ މަސްތައް ފަޅުން ނެގުމަށް ފަހު، މިހާރު އެ މަސްތައް ވަނީ ބޮޑު ވަޅުގަނޑެއް ކޮނެ ވަޅުލާފަ އެވެ.

ވެލިދޫ އަކީ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތައް މަދު ރަށަކަށް ވުމާއެކު ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގިނަބަޔަކު މުށިމަސް ބޭނުމުގައި ވަގުތު ހޭދަކުރެއެވެ. އަދި އެރަށުގެ ގިނަ މީހުންގެ ކެއުމުގެ އިތުރުން، ފަރުމަސްވެރިކަން ކުރުމުގައި އެމެއްގެ ގޮތުގައި ވެސް މުށިމަސް ބޭނުންކުރާއިރު، މިއީ ރައްޔިތުންނަށް ލިބުނު ބޮޑު ދެރައެއްގެ ގޮތުގައި ވެލިދޫ ކައުންސިލުންނާއި އެ ރަށުގެ އާންމު ރައްޔިތުން ވެސް ފާހަގަކުރެއެވެ.

ކޮމެންޓް