އެކްސްޕޯ 2025ގެ ތެރެއިން - ފޮޓޯ: ހެލްތު މިނިސްޓްރީ
ހެލްތު އެންޑް ފެމިލީ އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހު ފަށަނީ
މިއުޒިކް ޝޯތަކާއި، ބިރުވެރިހޮހަޅަ ފަދަ މުނިފޫހިފިލުވުމުގެ އެކި ހަރަކަތާތައްވެސް ހިމެނޭ މި އެކްސްޕޯ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ
ހަސަން އިބްރާހީމް 3 ނޮވެމްބަރ 2026 (އަންގާރަ)   14:39
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ "ހެލްތު އެންޑް ފެމިލީ އެކްސްޕޯ" އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.

މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން، މި މަހުގެ 5 އިން 7 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިއީ މި އެކްސްޕޯ ބާއްވާ ތިންވަނަ ފަހަރެވެ. ފާއިތުވި ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ހަރަކާތުގައި، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ސްޓޯލް ބަހައްޓާނެއެވެ.

އެކްސްޕޯގެ މައިގަނޑު މަގުސަދުތަކާއި ހަރަކާތްތައް ތިރީގައި އެވަނީއެވެ:

ހޭލުންތެރިކުރުވުން: ސިއްހީ، އިޖުތިމާއީ އަދި ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން.

ހިދުމަތްތައް އެއްތަނަކުން: ސިއްހީ މުއައްސަސާތަކާއި ޖަމިއްޔާތަކުން ދޭ ޚިދުމަތްތައް އެއްތާކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

ކުޑަކުދިންނަށް ހާއްސަ: ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާ، ހެދިބޮޑުވުމުގެ މައުލޫމާތު، ވެކްސިންގެ ކަންކަމާގުޅޭ މައުލޫމާތުގެ އިތުރުން، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް.

ތަފާތު އުމުރުފުރާތަކަށް: ޒުވާނުންނަށް ހާއްސަ ހަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮކަމުގެ މައުލޫމާތު، އަދި ބިދޭސީންނަށް ޚާއްސަ ސިއްހީ މައުލޫމާތާއި ހެލްތު ސްކްރީނިންގ ޕްރޮގްރާމްތައް.

އުފާވެރި މާހައުލެއް: އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި މިއުޒިކް ޝޯތަކާއި ބިރުވެރި ހޮހަޅަ ފަދަ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

މީގެ އިތުރުން، ސިއްހީ ވުޒާރާއާ ގުޅޭ ޝަކުވާތައް ބަލައިގަނެ، އެ ކަންކަމަށް ޖަވާބުދާރީވުމުގެ އިންތިޒާމުތައްވެސް މި އެކްސްޕޯގެ ތެރެއިން ހަމަޖެހިގެންދާނެއެވެ. މި ހަރަކާތް ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ކޮމެންޓް