ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުން.-- ފޮޓޯ: ރައީސް އޮފީސް
ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
3 ނޮވެމްބަރ 2026 (އަންގާރަ)   09:38
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފި އެވެ.

ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން އަދި އެކި ދުވަސްވަރު ސިފައިންގޭގައި ޚިދުމަތްކުރެއްވި ބޭކަލުންވެސް ބައިވެރިވެވަޑައިގަތެވެ.

ނަސްރުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަ ކުރަނީ، 1988 ނޮވެމްބަރު 3 ގައި ދިވެހީންގެ ބަޔަކު އިސްވެތިބެ ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކާއެކު މާލެ އަރައި ދިން އުދުވާނީ ހަމަލާއަށް ނިސްބަތްކޮށެވެ. 19 ދިވެހީން ޝަހީދުވި އެ ނުރައްކާތެރި ހާދިސާ އިން ދިވެހީންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުންނެވެ.

މިއަހަރުގެ ނަސްރުގެ ދުވަސްވެސް ފެށީ ބޮޑު ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދަށްފަހު، ރާއްޖެއަށް ކުރިމަތިވި އެ އުުދުވާނުގައި ޝަހީދުވި ގައުމީ އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ.

ކޮމެންޓް