ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި އާވެ އާލާވާން ޖެހޭ.--
ޝަހީދުންގެ ޒިކުރާއޭ، ގައުމީ ހިމާޔަތޭ!
ދާލުމީމު 3 ނޮވެމްބަރ 2026 (އަންގާރަ)   12:39
އަދަކީ ނޮވެމްބަރު ތިނެކެވެ. މި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން ދިގުރަށުގެ ހިތްގައިމު ތުނޑިމަތީގައި އެދަނީ މިނިވަންކަމުގެ ޖޯޝް އުފައްދަމުން ދިޔައެވެ. ހުދު ދޮންވެލި ތުނދީގައި ދެ ޒުވާނުން މަޑުމަޑުން، ލަސްލަހުން ފިޔަވަޅު އަޅަމުން ކުރިއަށް ދަނީ ގައުމީ ފިކުރެއްގައެވެ. އެތައް ފޫޓު ދުރަކަށް ދެމިފައިވާ ރަށުގެ ރީތި ތުނޑީގެ ގޮނޑުދޮށަށް ރާޅުތައް ދިޔައީ ބީއްސަމުންނެވެ. މި ހިއްގައިމުކަމުގެ މާހައުލުގެ ހިމޭންކަން ނަގާލީ ޔުމްނާ ކިޔަލި ޅެންބައިތަކުންނެވެ. "ހިތްތަކުން ގައުމީ މި ޖޯޝް އާލާކުރަން ތެދުވަންވީއޭ، ނޮވެމްބަރު ތިނެއްގެ ނަސްރުގެ ހަނދާން އާކުރަންވީއޭ..." ޔުމްނާގެ އަޑުގައި ހުރި ސާބިތުކަމުން ފަރުހާދަށް ހުއްޓުން އެރިއެވެ. ފުން ނަޒަރަކުން ކަނޑުގެ ރާޅުތަކަށް ބަލަން ހުރެފައި އިސްއުފުލާލިއެވެ.

ފަރުހާދު ޔުމްނާއާ އަރާ ހަމަކުރަމުން ބުންޏެވެ. "ޔުމްނާ، ތި ޅެންބައިތަކަކީ ހަމަ ކޮންމެ ދިވެހި ޒުވާނެއްގެ ހިތް ރޮއްވާލާނެ ފަދަ ވަރުގަދަ ޖޯޝެއް ހުރި ބަސްތަކެއް. އެކަމަކު މިއަދުގެ ޒުވާނުންނަށް މިއިން ލިބޭ ހަގީގީ މެސެޖަކީ ކޮބައިތަ؟" ޔުމްނާ ހިނިތުންވެލަމުން ފުން ނޭވާއެއްލަމުން ޖަވާބުދިނެވެ. "ފަރުހާދު، މީގެ ފުރަތަމަ މެސެޖަކީ ޒިކުރާ އާކުރުން. 'ބިރުވެރި ނާމާން ރެއެއްގައި ގައުމު ސަލާމަތް ކުރަން، ލޭއޮހޮރުވާލި ބަތަލުންގެ ޒިކުރާ އާކުރަންވީއޭ.' މިއީ ހަމައެކަނި ތާރީހީ ވާހަކައެއް ކިޔުމެއް ނޫން. މިއީ 88 ނޮވެމްބަރު 3 ގައި ދިވެހި އުންމަތުގެ ޝަރަފުގައި ފުރާނައިން ގުރުބާންވި 19 ޝަހީދުންގެ ލޭގެ އަގު ވަޒަންކުރުން. އެދުވަހު، އެ ބަތަލުން ލޭ އޮހޮރުވާނުލި ނަމަ، މިއަދު އަހަރެމެންނަށް މިނިވަންކަމާއެކު ހިނގާލައި، ސާފު ވައިގެތެރެއަށް ނޭވާލުމުގެ ފުރުސަތެއް ނުލިބުނީސް."

ފަރުހާދު އެ ވާހަކައަށް ފުންކޮށް ވިސްނާލަމުން އެއްބަސްވިއެވެ. "ރަނގަޅަށް ތިބުނީ، ހާއްސަކޮށް ޝަހީދު ހުސައިން އާދަމް! 'ހުސައިން އާދަމް ދެއްކެވި އެ ސާބިތު ކަމުގެ ރޫހުން، އުންމަތުގެ ދިފާއުގައި ފާރަވެރިވާން ތެދުވަންވީއޭ.' އެއީ ޒުވާން އުމުރުގައި ގައުމަށްޓަކައި ދެއްކެވި ކިހާބޮޑު، ލާމަސީލު ސާބިތުކަމެއްތަ. މިއަދު އަހަރެމެން ޒުވާނުންނަށް ބޭނުންވަނީ އެ ފާރަވެރިކަން. އެކަމަކު މިއަދު ގައުމާމެދު ފާރަވެރިވާންވީ ހަމައެކަނި ބަޑިހިފައިގެނެއް ނޫން." ޔުމްނާ ދޮންވެލިގަނޑުގައި އިށީންނަމުން، މިއަދުގެ ހަގީގަތާ ދިމާއަށް ވާހަކަ މިސްރާބުޖެހިއެވެ. "ހަމަ ސާބަސް ފަރުހާދު! ތި ދެއްކީ މިއަދުގެ ސިޔާސީ މަސްރަހާ ގުޅޭ ވަރަށް މުހިންމު ވާހަކައެއް. ޅެންވެރިޔާ އެބަބުނޭ 'ބާގީންގެ މަކަރުވެރި ރޭވުންތައް ފުނޑުފުނޑު ކޮށްލި' އޭ. އެދުވަހު ބާގީން އައީ ބޭރުގެ ޓެރަރިސްޓުން ގޮވައިގެން ހަތިޔާރާއެކު ސީދާ ގައުމުގެ ސިޔާދަތާ މިނިވަންކަން ނަގާލަން. އެކަމަކު މިއަދުގެ 'ބާގީ ފިކުރަކީ' ނުވަތަ ގައުމަށް އޮތް ނުރައްކަލަކީ ސިޔާސީ ގޮތުން ގައުމު ބައިބައިކޮށް، އަމިއްލަ އެދުމާއި ކޮރަޕްޝަނުގެ ތެރެއިން ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރުތައް ނަގާލަން އުޅޭ އުޅުން."

ޔުމްނާގެ ވާހަކަ މިއަދުގެ ވެރިކަމުގެ ނިޒާމާ ދިމާއަށް އަނބުރާލިއެވެ. "މިއަދުގެ ވެރިކަމުގެ ފަރާތުން ފެންނަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ދަޅަދައްކާ ދޯހަޅި ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރު. އިގުތިސޯދުގައި ދައުރުކުރާނެ ޑޮލަރެއް ނެތް، އެކަމުގެ ސަބަބުން މުދަލުގެ އަގުތައް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުން މިވަނީ ބޮޑު ތަކުލީފަކަށް ވެފައި. މި ހުރިހާ ކަމެއްގެ ތެރެއިން ރައްޔިތުން މިއަދު ތިބީ ސިޔާސީ ހޮޅި ވައުދުތަކުގެ 'ޅޮސް އުނދޯއްޔަކަށް' އަރުވާފައި. އެއްކޮޅުން ތަރައްގީގެ ތަރާނާތައް އިއްވާއިރު، އަނެއްކޮޅުން ރައްޔިތުންގެ ޖީބުތައް ހުސްވެ، މާޔޫސްކަމުގައި މިވަނީ އުނދޯއްޔަށް ބިއް ޖެހިފައި." ފަރުހާދު ޔުމްނާގެ ކައިރީގައި އިށީންނަމުން ވިސްނުންތެރިކަމާއެކު އިތުރުކޮށްލިއެވެ. "ތިޔައީ ހަމަ ހަގީގަތް. ހާއްސަކޮށް މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ ރަސްމާލެ މަޝްރޫއުގެ ވާހަކައަށް ބަލަމާ. އެ ތަން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ ބަހުސް ރައްޔިތުން ކުރަނީ ސިޔާދަތީ ކަމަކަށް ވާތީ. އާންމުންގެ ބޮޑު ކަންބޮޑުވުމަކީ، އަހަރެމެންގެ ކާބަފައިން ލޭ އޮހޮރުވައިގެން ހޯދައިދިން މި ފަސްގަނޑުގެ ސިޔާދަތީ ބާރުތައް، ވިޔަފާރީގެ ނަމުގައި ބޭރުގެ މަހުޖަނުންނަށް ދޫކޮށްލުމަކީ ނޮވެމްބަރު 3 ގެ ޝަހީދުވެދިޔަ މުޖާހިދުންނަށް ވާ ހިޔާނާތެއް ކަމަށް."

"ސީދާ ތިބުނީ ހަމަ ތެދު،" ޔުމްނާ ބުންޏެވެ. "ރަސްމާލެ ކުއްޔަށް ދިނުމުގެ ސިޔާސަތާ މެދު ރައްޔިތުންގެ ދެކޭގޮތް ވަރަށް ސާފު. ތަރައްގީއަކީ ގައުމުގެ ބިމާއި މިނިވަންކަން ނީލަން ކިޔުން ކަމަށް ވާނަމަ، އެއީ ޒުވާނުން ގަބޫލުކުރާނެ ހަމައެއް ނޫން. މިއަދު ސިޔާސީ ޕޯޑިއަމްތަކުންނާއި ސޯޝަލް މީޑިއާއިން ފެންނަނީ ޒުވާނުންގެ ޖޯޝް ނާޖާއިޒު ގޮތުގައި ހިފާ މަންޒަރު. ޒުވާނުން ބޭނުންކުރަނީ ސިޔާސީ ލީޑަރުންގެ އައްޑަނައެއްގެ ގޮތުގައި. ޅެންވެރިޔާ އެދޭ މެސެޖަކީ މިއަދުގެ ހައްލު: 'މިއަދުގެ ޒުވާނުންނޭ ގައުމުގެ އަމާނާތް ހިފަހައްޓާ، ދީނާއި މި މިނިވަންކަން ނަގަހައްޓަން ތެވަންވީއޭ.' ގައުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ ނުވަތަ ވަކި ލީޑަރެއްގެ މިލްކެއް ނޫން. އެއީ އަހަރެމެންނާ ހަވާލުވެފައިވާ ވަރަށްބޮޑު މުގައްދަސް އަމާނާތެއް."

ޔުމްނާ ވާހަކަ ނިންމާލަމުން ޒުވާނުންނަށް ވަރުގަދަ ގޮވާލުމެއް ގޮވާލިއެވެ. "އާނ ފަރުހާދު، އަހަރެމެން ޒުވާނުންގެ ވިސްނުން ތޫނު ކުރަން އެބަޖެހޭ. ދީނާއި، މިނިވަންކަމާއި، ގައުމުގެ ދިފާއަކީ ސިޔާސީ ކުޅިވަރަކަށް ނުވަތަ ވިޔަފާރި މުއާމަލާތަކަށް ވެގެން ނުވާނެ. ނަސްރުގެ ދުވަހުން އަހަރެމެންނަށް ދަސްކޮށްދެނީ، އެއްބައިވަންތަކަމާއި ސާބިތުކަމާއެކު ތެދުވެއްޖެ ނަމަ ކޮންމެ ފަދަ ބާގީ ރޭވުމެއްވެސް ފުނޑުފުނޑު ކޮށްލެވޭނެ ކަން. މިއަދުގެ ސިޔާސީ ކަނޑުއޮޅިންނާއި، ވެރިކަމުގެ ދަޅަތަކުން ގައުމު ސަލާމަތް ކުރަން ތިބީ ހަމަ ޒުވާނުން. އަހަރެމެން މި ތުނޑިމަތީގައި ހިނގާއިރު ފާރަވެރިވާ ފަދައިން، ގައުމުގެ މުސްތަގުބަލާމެދު އަޅާ ކޮންމެ ސިޔާސީ ފިޔަވަޅަކަށްވެސް ފާރަވެރިވާން ޖެހޭ."

ޔުމްނާ އާއި ފަރުހާދުގެ ވާހަކަ ނިންމާލީ މިއަދުގެ ކޮންމެ ދިވެހި ޒުވާނެއްގެ ހިތުގައި ސުވާލުމާކެއް ޖައްސަމުންނެވެ. ނޮވެމްބަރު 3 ގެ ޝަހީދުން ދެއްކެވި ގައުމީ ލޯބި، މިއަދުގެ ސިޔާސީ ވާދަވެރިކަމާއި ރަސްމާލެ ކުއްޔަށްދިނުން ފަދަ ކަންކަމުން އަހަރެމެންނަށް ރައްކާތެރި ކުރެވޭނެބާވައެވެ؟ ޅޮސް އުނދޯލިން ރައްޔިތުން ފޭބުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ޖަވާބު އޮތީ ޒުވާނުންގެ އަތްމަތީގައެވެ.

ކޮމެންޓް