
އެ ޔަގީންކަން ރައީސް ދެއްވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
"މި ތާރީހީ މައިދާނުގައި ހުރެ، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަގީންކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަންކަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމުމެއް ނިންމަވާނީ ދިވެހި ގައުމީ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައެވެ.
"އެ މާތް މަގުސަދުގައިކަން. އެ ގޮތުން ދިވެހި ރައްޔިތުންނަށް މާ ތަރައްގީ އާ ހަޔާތެއް ހޯދައިދިނުމުގެ މަތިވެރި އުފަލާއި ޔަގީންކަމާ އެކުގައިކަން،" ދިވެހި ގައުމިއްޔަތުގެ ރުކުންތައް ފުނޑުފުނޑު ކޮށްނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަސްރުގެ ދުވަހު ދިވެހިން ކާމިޔާބު ހޯދީ މިނިވަންކަމަށްޓަކައި ކަމަށެވެ. ރައީސް ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި ޝަހީދުވީ ރާއްޖެއަށް ދެރަގޮތެއް ވާން ބޭނުން ނުވި ބައެއް ކަމަށާއި އެ މީހުންގެ ބޭނުމަކީ މި އަމާންކަމުގެ ސުވަރުގެ އަމާންކަންމަތީ ދެމެހެއްޓުން ކަމަށެވެ.
"މި ސައްތައިންސައްތަ މިނިވަން އިސްލާމީ ވަތަންގެ އެ މަތިވެރި ޝަރަފަށް ކުޑަވެސް ލޮޅުމެއް އަރަން ހިތް ނޭދޭތީ. ނަސްރުގެ ދުވަހުގެ ކޮންމެ މުޖާހިދަކީ ހާއްސަކޮށް، ކޮންމެ ޝަހީދަކީ އަޅުގަނޑުމެންނަށް އެތައް ވާހަކަތަކެއް ދޫކުރެއްވި ބޭފުޅެއް. ބައެއް ބޭފުޅުންގެ ކުރިފުޅުމަތީގައި ވަނީ ލޯބިވާ އަނބިދަރީންނާއި ލޯބިވާ ގައުމު. އާއިލާގެ އުފާވެރި މުސްތަގުބަލާއި ގައުމުގެ ސަލާމަތްތެރި މާދަމާ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރުވާ ގައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންގިލާބީ ބަދަލުތަކާ ކުރިމަތިލުމުން ރައްޔިތުން އެދޭ އެތެރޭގެ ތަރައްގީއަށް ދައުލަތުގައި ފުދުންތެރިކަން ގާއިމުވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ސަބަބުން ބޭރު ދުނިޔެއާ މުއާމަލާތް ކުރުމުގައި ދިވެހި ދައުލަތުގެ އިގްތިސާދީ މައިކަށި ހަރުދަނާވެ، އިގްތިސޯދީ މިނިވަންކަންވެސް ލިބޭނެ ކަމަށެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ މި ސަރުކާރުން ހިއްކަމުންދާ ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމަށް ނިންމަވާފައި ވަނިކޮށެވެ.
ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ މަޝްރޫއާ ގުޅޭގޮތުން ގިނަބަޔަކު ސުވާލު އުފެއްދި ނަމަވެސް އެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި ސަރުކާރުން އަންނަނީ އެ މަޝްރޫއު ދިފާއުކުރަމުންނެވެ. އަދި އެ މަޝްރޫއުގެ ދާއިމީ އެގްރީމެންޓްގައި މި ނޮވެމްބަރު މަހުގެ ތެރޭގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.




