
ރަސްމާލޭގެ ބިމުން ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެދަށުން ކުރިއަށްދާ ގައުމީ ހަރަކާތުގެ ފަރާތުން އަންނަ ހުކުރުދުވަޖުގެ ރޭ ބާއްވާ އެއްވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސްެމެންބަރު އަލީ ހުސައިން ވިދާޅުވީ، ރަސްމާލެ ހިއްކައިގެން ބޭރުގެ ބަޔަކު އާބާދުކުރުމަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާ އާދައިގެ ކުޑަ ކަމަކަށް އެކަން ވެގެންނުދާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއާއެކު، ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ބޭރު ބައެއްގެ އަތް މައްޗަށް ފުރޮޅައިލެވޭނެ ކަމަށާ، އެކަމާއެކު، ދިވެހި ދައުލަތުގެ ތެރޭ އިތުރު ދައުލަތެއް ވެސް އުފެދިގެން އަންނާނެ ކަމަށެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުގައި އިސްކޮށް ހަރަކާތްެރިވާ ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި އަމަންއަމާންކަން ދެމެހެއްޓުމަށް ހުވާކޮށްގެން ތިބި އެންމެ މުހިންމު ދެ މުއައްސަސާއަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ފުލުހުންގެ ހިދުމަތް ކަމަށް ވީހިނދު، ސަރުކާރުން ކުރަން އުޅޭ މި ކަންކަމާމެދުގައި، އެ ދެ މުއައްސަސާގެ ގިނަ މެންބަރުން ދެކޮޅު ކަމަށެވެ.
މުއައްސަސާތަކުގެ އޮނިގަނޑާއި ގަވާއިދުތައް ހުންނަ ގޮތުން އެ ބޭފުޅުންނަށް ފާޅުގައި ނުކުމެ ވާހަކަދެއްކުމުގެ ފުރުސަތު ނެތް ނަމަވެސް، އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ސިފައިންނާއި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ، އެ ބޭފުޅުން ވަކި ފަރާތްތަކެއްކަން ނުވަތަ ވަކި ބައެއްކަން ނޭނގޭ ގޮތަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، ގައުމީ ސިފައިންނާއި ފުލުހުން އެ ކުރައްވާ މަސައްކަތްތައް ހިތުގެ އަޑިން ބަލައިގަންނަ ކަމަށާ، އެ ބޭފުޅުން އަދާކުރައްވަމުން ގެންދަވަނީ އެ ބޭފުޅުން ވެފައިވާ ހުވަޔާ އެއްގޮތަށް ގައުމާއި ދީނުގެ ދިފާއުގައި އަދާކުރަންޖެހޭ ގައުމީ ވާޖިބު ކަމަށެވެ.
އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ ބަޔަކު އަރައިގަތުމަށް ދިވެހި ރައްޔިތުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ވެސް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
އަންނަ ހުކުރުދުވަހުގެ ރޭ ބޮޑު ރެލީއެއް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ބާއްވާނެކަމުގެ އިންޒާރު ދީފައި ވަނީ، ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައެވެ. ހަމަ އެރޭ
"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ވަނީ އެ ހަރަކާތަށް ހާއްސަ ލޯގޯއެއް ވެސް ތައާރަފްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ރައްޔިތުންގެ ވޯޓެއް ނެގުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ޤަރާރެއް ފާސްކޮށްފައެވެ. އަދި ސަރުކާރުން އެކަމަށް އިޖާބަ ނުދީފިނަމަ، ސިޔާސީ އެހެން ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ސީދާ ޙަރަކާތަށް ނުކުންނާނެ ކަމުގެ އިންޒާރުވެސް އެ ޕާޓީން ވަނީ ދީފައެވެ.




