މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ.-
ކެންސަރު ބަލީގެ ފަރުވާއަށް ބޭރަށް ފޮނުވަން ޖެހޭ އަދަދު ވަނީ އިތުރު
މަރްޔަމް މުޙައްމަދު 8 ޖުލައި 2026 (ބުދަ)   11:35
އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވަނީ ކެންސަރު ބަލީގެ ފަރުވާއަށް ކަމަށާއި ކެންސަރު ބަލީގެ ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ އަދަދު އިތުރުވަމުންދާ ކަމަށް މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ކުޑޫގެ ސުވާލުގައި ވިދާޅުވީ ބޭސްފަރުވާއަށް ގިނަ ބަޔަކު ރާއްޖޭން ބޭރަށް ފޮނުވުމަށް ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭއިރު، އެ ހިދުމަތްތައް ރާއްޖޭން ފޯރުކޮށްދެވޭނަމަ ހަރަދާއި ތަކުލީފުތައް ކުޑަވާނެ ކަމަށް ވިދާޅުވެ، ސިއްހީ ކަންކަމުގައި ރާއްޖޭން ބޭރަށް ބަރޯސާވުން ކުޑަކުރުމަށް އޮތް ސަރުކާރުގެ ދުރު ރާސްތާ ޕްލޭނަކީ ކޮބައިތޯއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ގީލާ ވިދާޅުވީ ބޮޑެތި ބަލިތަކުގެ ފަރުވާ ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް މިދިޔަ އަހަރުތަކުގައި ގިނަ ޚިދުމަތްތައްތަކެއް ރާއްޖެއަށް ފުޅާކޮށްފައިވާކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ 3 އަހަރު، އާސަންދައިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުން މަދުކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023އިން 2025ގެ ނިޔަލަށް ބަލާއިރު، 338 މީހުންގެ މަދުވުމެއް ގެނެވިފައިވާކަމަށެވެ.

ނަމަވެސް މި ބަދަލު ބޮޑުތަނުން ނުފެންނަނީ ކެންސަރު ބަލީގެ ފަރުވާއަށް ފޮނުވާ މީހުންގެ އަދަދު އިތުރުވަމުންދާތީކަމަށެވެ.

"2023-2025އަށް، 483 މީހުން ކެންސަރަށް ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވި. ކެންސަރު ނޫން ބަލިތަކަށް 821 މީހުން މި މުއްދަތުގައި ވަނީ މަދުކުރެވިފައި. މިއީ ރާއްޖޭގައި އެ ފަރުވާތައް ލިބެން ފެށުމުން ފެންނަ ބަދަލު. ދެވެން ނެތް ފަރުވާ، ބޮތި ސްޕެޝަލިސްޓް ފަރުވާއާއި ކެންސަރ، ނަރުފަދަ އޮޕަރޭޝަންއަށް ފޮނުވަނީ. 3 އަހަރުތެރޭ އެންމެ ގިނައީ ކެންސަރުގެ ފަރުވާ." މިނިސްޓަރު ވިދާޅުވުވިއެވެ.

ކެންސަރާ ގުޅޭ ޓެސްޓްތައް ހެދުމަށް 2023ވަނަ އަހަރު 1638 މީހުން، 2024ވަނަ އަހަރު 1996 މީހުން އަދި 2025ވަނަ އަހަރު 2000+ މީހުން، ޓެސްޓުތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެތެރޭގައި ތަކުރާރުކޮށް ޚިދުމަތް ހޯދި މީހުން ހިމެނެއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުން އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މި ހިދުމަތްތައް ގާއިމުކުރުންކަމަށާއި، އެކަމުގައި ކުރިއެރުންތައް ހޯދާފައިވާކަމަށެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގައި އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ހިދުމަތް ގާއިމުކުރުމާއެކު، މިހާތަނަށްވެސް 750 މީހުން ރާއްޖޭގައި ތިބެގެން ޓެސްޓްކޮށްފައިވާ ކަމަށެވެ. އިތުރު 3 އަތޮޅުގައި ހިދުމަތް ގާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން ކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ކެންސާ ރަޖިސްޓްރީގައި 1900 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަންހެނުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރެވެ. އޭގެ އިތުރުން ކޮލޯން ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރާއި ސާވިކަލް ކެންސަރާއި ލިވާ ކެންސަރު ވެސް ރާއްޖޭގައި ގިނަކަން ފާހަގަވެ އެވެ.

ކެންސަރު ބަލީގައި ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި 2020 ވަނަ އަހަރު ކެންސަރު ބަލީގައި 264 މީހުން ރާއްޖޭގައި މަރުވިއެވެ.

ކޮމެންޓް