
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ކަމަކީ ރިފަރެންޑަމެއް ނަގާނެ ކަމެއް ނޫން ކަމަށާ، މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ގާނޫނުގެ ބިލުގައި ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތްކުރެވިގެންދާ ގޮތަށް ކަންކަން ބައްޓަންކުރެވިފައިވާނެ ކަމަށެވެ.
އަދި އެ ގާނޫނުން ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށާ، އެ ކަމާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި ވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެ ކަމަށާ، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ވެސް ނިންމިދާނެ ކަމަށް، ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ އިން މިދިޔަ އަހަރު ފާސްކުރި ރިފަރެންޑަމް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.
މި ގަރާރާ ގުޅޭ ގޮތުން އެމްޑީޕީން ބުނީ، މި ގަރާރު ހުށަހެޅި ސަބަބަކީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ބިދޭސީންނަށް ރަސްމާލޭގައި ވަޒަންވެރިވެވޭ ގޮތަށް ރައްވެހިކަން ލިބޭގޮތަށް 99 އަހަރަށް ބިން ދޫކުރާތީކަމަށާ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިއްކާ ބިމެއް މިގޮތަށް ދޫކުރުމުން ގައުމީ މަސްލަހަތަށް އަސަރުކޮށްފާނެތީ، ރައްޔިތުންގެ ބަސް ހޯދަންޖެހޭނެ ކަމަށް އެމްޑީޕީން ދެކޭތީ ކަމަށެވެ.
އެގޮތުން އެމްޑީޕީން ހުށަހެޅި މި ގަރާރުގައި ވޯޓަށް އެހުމަށް ހުށަހަޅާފައިވާ ސުވާލަކީ: "ބިދޭސީންނަށް އެ ބިމުގައި ވަޒަންވެރިވުމުގެ ހައްގު ލިބޭ ގޮތަށް 'މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ' ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ފުށިދިއްގަރު ފަޅުން ނުވަތަ ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ތާއީދު ކުރައްވަންތޯ؟" މިއެވެ.
ވޯޓު ނަގަންވީ މުއްދަތުގެ ގޮތުގައި އެ ގަރާރުގައި ފާހަގަކޮށްފައި ވަނީ، މަޖިލީހުން އެ ގަރާރު ފާސްވާތާ 60 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓު ނެގުމަށް އެދޭ ކަމަށެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ މިކަމާ ގުޅޭގޮތުން ރިފަރެންޑަމްއަކަށް ދިއުމަށް ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސުޕަ-މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީ އަށް އޮތުމުން މިފަދަ ގަރާރެއް ފާސްވުމަކީ ދަތިކަމެއް ކަމަށް އިދިކޮޅު މެންބަރުން ފާހަގަކުރެއެވެ.




