
އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު، މިނިސްޓަރ ސައީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.
އެ މައްސަލައިގެ ބަހުސް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާއިރު އެމްޑީޕީގެ ފަރާތުން އެ މައްސަލަ އިއްވެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
އިތުބާރުނެތްކަމުގެ މައްސަލައިގާ ކޮށްފައިވާ ތުހުމަތު ތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ވަޒީރު ކަމުގެ ޒިންމާތައް އަދާކުރައްވަނީ ކުރެއްވި ހުވަޔާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. މީގެ ކުރިންވެސް އިކޮނޮމިކް މިނިސްޓަރުކަން 5 އަހަރު ވަންދެން ކުރެއްވިކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އެ މިނިސްޓްރީ ހިންގެވުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވީ އޭނާ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި ފާހަގަކޮށްފައިވާ ޑޮލަރު ރޭޓް ބޮޑުވުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައަޅަން ގާނޫނުގައި ލާޒިމުކޮށްފައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. އެކަމަކު އެކަމުގައި އޭނާއާ ސުވާލުކުރާތީ ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެ އޭނާ ހުށަހެޅުއްވީ ތަފާސްހިސާބުތަކެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 17، 2023އާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައި ވަނީ 1.75 ބިލިއަން ޑޮލަރެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން ދޫކުރި ޑޮލަރުގެ އަދަދަކީ 1.9 ބިލިއަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެހާސް ސައްވީސް ވަނަ އަހަރު އެކަނި 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް، 15.42 ގެ ރޭޓްގައި ދޫކޮށްފައި ވޭ. އެއީ 2012 އާ އަޅާ ބަލާއިރު 97 ޕަސެންޓް ބޮޑުވުމެއް. ދެން 2025 ވަނަ އަހަރަށް ބަލާއިރު މި ދެންނެވި ބާވަތްތަކަށް [ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު] 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައި އެބަވޭ. 2026 ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު ކުރީގެ ސަރުކާރުގެ ފަހު ތިން އަހަރު ޑޮލަރު ދޫކުރި ވަރަށް ވުރެ މި ތިން އަހަރު މަހަކަށް ޑޮލަރު ދޫކުރި ވަރު ހުރީ މަހަކަށް ގާތްގަނޑަކަށް 97 ޕަސެންޓުން އިތުރުވެފައި ކަމަށެވެ.
އެވަރަށް ޑޮލަރު އިތުރުވީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކިވަރަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތައް މި ސަރުކާރުން އެޅީމައެވެ. އެއީ މީގެ ކުރިން އެއްވެސް ވެރިޔަކަށް ކުރައްވަން ކެރިވަޑައިގަތް ކަމެއް ނޫންކަން ސައީދު ފާހަގަ ކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތްއިރުވެސް ކާޑަށާއި ތެލަށާއި ގޭހަށް ނުޖެހި އޮމާންކަމާއެކު ރާއްޖޭގެ ކަންކަން ކުރިއަށްދިޔައީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަން ސައީދު ފާހަގަ ކުރެއްވި އެވެ. އަދި އަސާސީ ކާބޯތަކެތީގެ ގޮތުގައި ހަނޑޫ، ހަކުރު، ފުށް އޮތުމުގެ ބަދަލުގައި އިތުރު މުހިންމު ބާވަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖެއްސިކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލާގައި ކޮށްފައިވާ އެހެން ގިނަ ތުހުމަތުތަކަށް ވެސް މިއަދުގެ ޖަލްސާގައި އޭނާ ރައްދު ދެއްވިއެވެ.
އެ މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން، މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ގޮތަށް މިނިސްޓަރ ސައީދަށް ޖުމްލަ އެއްގަޑިއިރުގެ ފުރުސަތެއް ދިނެވެ. އެ މައްސަލާގައި ބަހުސްކުރަން މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންނަށް 38 މިނެޓް ދިން އިރު މައްސަލަ ހުށަހެޅި އެމްޑީޕީގެ މެންބަރުންނަށް ލިބުނީ 9 މިނެޓެވެ.
ބަހުސް ނިމުމުން މި މައްސަލައިގާ ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.




