
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް އެމްޑީޕީގެ 13 މެންބަރަކު ހުށަހެޅުއްވި އެ މައްސަލާގައި މިއަދު ނެގި ވޯޓުގައި ސައީދުއާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. އަދި އޭނާއާ އެއްކޮޅަށް ޕީއެންސީގެ 54 މެންބަރަކު ވޯޓު ދެއްވި އެވެ.
ސައީދު ވަކިކުރަން ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި އޮތީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގެ ވާޖިބު އަދާކުރެއްވުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ވެސް އެ ހުށަހެޅުމުގައި ތުހުމަތުކޮށްފައި އޮތެވެ.
އިތުބާރުނެތްކަމުގެ މައްސަލައިގާ ކޮށްފައިވާ ތުހުމަތު ތަކަށް ރައްދު ދެއްވަމުން މިއަދުގެ ޖަލްސާގައި މިނިސްޓަރ ސައީދު ވިދާޅުވީ، ވަޒީރު ކަމުގެ ޒިންމާތައް އަދާކުރައްވަނީ ކުރެއްވި ހުވަޔާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. މީގެ ކުރިންވެސް އިކޮނޮމިކް މިނިސްޓަރުކަން 5 އަހަރު ވަންދެން ކުރެއްވިކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އެ މިނިސްޓްރީ ހިންގެވުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވީ އޭނާ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގެ ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވައި އެ ތުހުމަތުތައް ސައީދު ދޮގުކުރެއްވި އެވެ.




