
އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު، މިނިސްޓަރ ސައީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެންމެ މުހިންމު ކަމަކަށް އޮތީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.
މިނިސްޓަރ ސައީދުގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މިނިސްޓަރު ސައީދު އިހުމާލުވެ ވަޑައިގެންފައިވާ ކަމަށެވެ.
އަދި މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ ފަދަ އަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. އެހެންކަމުން ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރުމަށް އެ ގަރާރުގައި ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ، އެ ގަރާރުގެ ބަހުސް މަޖިލީހުގައި ކުރިއަށްގެންދިއުމަށް މެންބަރުންނަށް އެއްގަޑިއިރުގެ ވަގުތެއް ދިނުމަށެވެ. މީގެއިތުރުން، މި މައްސަލައިގެ ބަހުސް މަޖިލިސް ތަޅުމުގައި ކުރިއަށްދާ އިރު، މިނިސްޓަރަށް އަމާޒުކޮށް މެންބަރުން ދައްކަވާ ވާހަކަތަކަށް ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި، މަޖިލިސް ތަޅުމުގައި މިނިސްޓަރު ސައީދަށް ވެސް އެއްގަޑިއިރުގެ ވަގުތެއް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ 14 ބިމެއް ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރުން ނިންމި ނިންމުމާމެދު މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔުންވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.




