
ފުރަތަމަ މުސްލިމް ސެނެޓަރ: އަބްދުލް-އަލްސައިދު
އެމެރިކާގެ ސެނެޓުގެ ތާރީހުގައި މުސްލިމް މެންބަރަކު މިހާތަނަށް ހޮވިވަޑައިގަންނަވާފައެއް ނުވެއެވެ. އިއްޔެ ބޭއްވުނު އިންތިހާބުގައި މިޝިގަން ސްޓޭޓުން ވާދަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އަލް-ސައިދު ވަނީ ފުރަތަމަ މުސްލިމް ސެނެޓަރަށް ވުމުގެ ފުރުސަތާއެކު، ތާރީހީ ވަރަށްބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. އަބްދުލްގެ މި ކެމްޕޭނަކީ އެމެރިކާގެ މުސްލިމުންގެ ސިޔާސީ ބައިވެރިވުން އާ ހިސާބަކަށް ގެންގޮސްދިން މުހިންމު ހަރަކާތެކެވެ.
ފުރަތަމަ ކަޅު ކޮންގްރެސް ސްޕީކަރ: ހަކީމް ޖެފްރީޒް
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް އުސްއައްޔަކީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ބާރު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން ހިނގި ބަދަލެވެ. އިންތިހާބުގެ ނަތީޖާއާއެކު، ބްރޫކްލިންއަށް ނިސްބަތްވާ ހަކީމް ޖެފްރީޒް ވެގެންދާނީ އެމެރިކާގެ ތާރީހުގައި ހައުސްގެ ލެފްޓިނެންޓް ނުވަތަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ކަޅު، އެފްރިކަން-އެމެރިކަން ސްޕީކަރަށެވެ.
ފުރަތަމަ ކަޅު އަންހެން ގަވަރުނަރު
އެމެރިކާގެ ސްޓޭޓެއްގެ ގަވަރުނަރުކަމަށް ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ ބޭފުޅަކު އިންތިހާބުވީ 1989 ގައެވެ. އެ ފަހަރު ވާޖިނިއާގެ ގަވަރުނަރަކަށް ހޮވިވަޑައިގަތީ ޑަގްލަސް ވައިލްޑަރ އެވެ. ނަމަވެސް،އިއްޔެ ބޭއްވުނު 2026 ގެ މިޑްޓާމް އިންތިހާބު ވެގެންގޮސްފައިވަނީ ކަޅު ނަސްލުގެ ކެނޑިޑޭޓުން ގަވަރުނަރުކަމުގެ ރޭހުގައި އާ ސަފުހާއެއް ލިޔެލި ތާރީހީ ރެކޯޑަކަށެވެ. އެގޮތުން ޖޯޖިއާ ސްޓޭޓްގެ ގަވަރުނަރުކަން ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެއިޝާ ލާންސް ބޮޓަމްސް އަކީ އެމެރިކާގެ ތާރީހުގައި ސްޓޭޓެއްގެ ގަވަރުނަރުކަމަށް އަލަސް އިންތިހާބުވި ފުރަތަމަ ކަޅު އަންހެން ބޭފުޅާއަށެވެ. ކެއިޝާ އަކީ އެޓްލާންޓާގެ ކުރީގެ މޭޔަރެވެ. މީގެ އިތުރުން ފްލޮރިޑާ ސްޓޭޓުން ރިޕަބްލިކަން ކެންޑިޑޭޓް ބައިރަން ޑޮނަލްޑްސް ވަނީ އެ ސްޓޭޓްގައި ހޮވުނު ފުރަތަމަ ކަޅު ގަވަރުނަރުގެ މަގާމު ހޯދާފައެވެ. އަދި މިއާއެކު އެމެރިކާގެ ތާރީހުގައި ހޮވުނު ފުރަތަމަ ކަޅު ރިޕަބްލިކަން ގަވަރުނަރުގެ ޝަރަފުވެސް ހޯއްދަވާފައެވެ. މިއާއެކު މޭރީލޭންޑްގެ ގަވަރުނަރުކަން ދިފާއު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ވެސް މުއަރ ގެ ކާމިޔާބީއާއެކު އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކަޅު ތިން ގަވަރުނަރުން އެއް ފަހަރާ ސްޓޭޓްތަކުގެ އިސްވެރިންގެ ގޮތުގައި ހިދުމަތް ކުރައްވަން ފައްޓަވާނެއެވެ.
ކޮންގްރެސްގެ މުސްލިމް މެންބަރުންގެ ކާމިޔާބީ އާއި ވޯޓުގެ އިންސައްތަ
އެމެރިކާގެ ފެޑެރަލް ގާނޫނު ހަދާ މަޖިލީހުގައި މުސްލިމުންގެ ތަމްސީލުވުން އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ގުނި ވޯޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ކޮންގްރެސް އަށް ޖުމްލަ 6 މުސްލިމް މެންބަރުން ވަނީ އިންތިހާބުވެވަޑައިގެންފައިފައެވެ. މިގޮތުން އިލްހާންއުމަރު ވަނީ މިނެސޯޓާގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓުގެ ގޮޑި 76.6% ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުން ހޯއްދަވަވާފައެވެ. އަދި ނިއާއެކު އިލްހާން ވަނީ ކޮންގްރެސްގެ 5 ވަނަ ދައުރަކަށް ހޮވިވަޑައިގންފައެވެ. އަދި ރާޝިދާ ތަލީބް ވަނީ މިޝިގަންގެ 12 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓުން ވާދަކުރައްވައި، 83% އަށްވުރެ މަތީ އަގުލަބިއްޔަތަކުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާފައެވެ.
އިޖުތިމާއީ ބަހުސް: އެބޯޝަން އަދި އެއްޖިންސުގެ ކައިވެނި ހުއްދަކުރުން
މިފަހަރުގެ އިންތިހާބުގައި ކެނޑިޑޭޓުން ހޮވުމުގެ އިތުރުން، ބައެއް ސްޓޭޓްތަކުގައި ރައްޔިތުންގެ ސީދާ ވޯޓަކަށް ނުވަތަ ބެލަޓް މެޝާސްއަށް އިޖުތިމާއީ މުހިންމު ކަންތައްތަކެއް ހުށަހެޅުނެވެ. މީގެ ތެރެއިން އެބޯޝަން ހައްގުތަކާއި އަދި އެއްޖިންސުގެ ކައިވެނި ނުވަތަ ސޭމް ސެކްސް މެރިޖްގެ ހައްގުތައް ހުއްދަކޮށް ދިފާއުކުރުމަށް ބާރުއެޅި ސްޓޭޓްތައް ފާހަގަކޮށްލެވެއެވެ. މިގޮތުން؛
އެބޯޝަންގެ ހައްގުތައް ދިފާއުކުރުމުގެ ގޮތުން ވާޖިނިއާގެ ރައްޔިތުން ވަނީ 61.5% ވޯޓުން އެ ސްޓޭޓްގެ ގާނޫނުއަސާސީއަށް އިސްލާހެއް ގެނެސްފައެވެ. އަދި އެބޯޝަންގެ ހައްގު ރައްކާތެރިކުރުމަށް ފާސްކޮށްފައެވެ. މީގެ އިތުރުން އައިޑަހޯ އަދި ނެވާޑާ ފަދަ ސްޓޭޓްތަކުގައިވެސް އެބޯޝަންގެ ހައްގުތައް ދިފާއުކުރުމުގެ މުހިންމު އިސްނެގުންތަކެއް ވަނީ ކުރިއަށް ގޮސްފައެވެ.
އެއްޖިންސުގެ ކައިވެނި ހުއްދަކުރުމުގެ ގޮތުން ވާޖީނިއާ ސްޓޭޓްގެ ރައްޔިތުން ވަނީ 61.5% ވޯޓުން ފާސްކޮށް، އެ ސްޓޭޓްގެ ގާނޫނުއަސާސީގައި މިހާރު އޮތް އެއްޖިންސުގެ ކައިވެނި މަނާކުރާ މާއްދާ އުވާލުމަށް ފާސްކޮށް، ކައިވެނީގެ ހަމަހަމަކަން ގާނޫނީ ގޮތުން ކަށަވަރުކުރުމަށް ނިންމާފައެވެ.
މި ބޭއްވުނު މިޑްޓާމް އިންތިހާބަކީ އެމެރިކާގެ ސިޔާސީ އަދި އިޖުތިމާއީ މިސްރާބު ބަދަލުކޮށްލި ތާރީހީ އިންތިހާބެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާގެ ދާހިލީ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނަތީޖާއެއް ނެރެދިން އިންތިހާބެކެވެ.




