
އެމްޑީޕީގެ ޗެއާޕާސަނަށް ފުރޫ އިއްޔެ ފޮނުއްވި ސިޓީ ހިމަނުއްވަވާ، ސޯޝަލް މީޑިއާގައި އޭނާ އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ރައްޔިތުންނާއެކު ދެމިއޮންނަ، އަދި ބާރުވެރިކަމާ ދެކޮޅަށް ބަސްބުނާ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ގަބޫލުކުރައްވައިގެން ކަމަށެވެ. އަދި މިހާރުވެސް ގަބޫލުކުރައްވަނީ އެ ފިކުރު ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ފުރުޝާން ވިދާޅުވީ، ރަސްމާލޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ ޕާޓީގެ އެތެރޭގެ ކޮންމެ އިންތިހާބަކަށްވުރެ މާ ބޮޑު ކަމެއް ކަމަށެވެ. ގައުމަށް އިންވެސްޓްމަންޓާއި ތަރައްގީ ބޭނުންވާކަން ފާހަގަކުރައްވައި، އެހެންނަމަވެސް އެކަން ކުރަންވާނީ އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ގުރުބާންކޮށްގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަނަށް ފުރޫ ފޮނުއްވި ސިޓީމީގެ އިތުރުން، ވަކި ކަމަކާ މެދު ޕާޓީން ވަކި ސްޓޭންޑެއް ނަގާފައިވާއިރުވެސް، ޕާޓީގެ ހަރަކާތްތައް ހުއްޓިފައި އޮތުމާއި، ޕާޓީގެ ލީޑަޝިޕުން ދެކޮޅު ނުޖެހޭ މެސެޖުތައް ދެމުންދާނަމަ، ޕާޓީގެ އިސްކަންދޭ ކަންކަމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށް ފުރުޝާން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ޕާޓީގެ އެތެރޭގެ އިންތިހާބުތައް ފަސްކޮށް، އަލުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފޯކަސް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބުން ނަން އަނބުރާ ގެންދެވި ނަމަވެސް، އެމްޑީޕީ ދޫކޮށްލައްވަނީ ނޫން ކަމަށާ، އޭނާ ދެމިހުންނަވާނީ އެ ޕާޓީއާ ގުޅިވަޑައިގަތް މަގްސަދުތަކުގައި ސާބިތުވެ ކަމަށް ފުރުޝާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން އިންތިހާބުތަކާއި، މަގާމުތަކާއި، ފުރުސަތުތައް ލިބޭނެ ކަމަށާ، ނަމަވެސް އޮތީ "އެއް ދިވެހިރާއްޖެ" ކަމަށެވެ. އަދި ފުރޫގެ ބަޔާން ނިންމަވާލައްވާފައި ވަނީ، މިއަދު އަޅާ ފިޔަވަޅުތަކަކީ މާދަމާގެ ޖީލަށް ދޫކުރެވޭނެ ތަރިކަ ކަމަށް ވިދާޅުވަމުންނެވެ.




