ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޙުސައިން
އަލީ ރަޝީދު ރިޓަޔާ ކުރާތީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި
ހިޝާމް ހާރޫން 4 ނޮވެމްބަރ 2026 (ބުދަ)   18:57
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ޙުސައިން، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރުކަމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މަހު އެވެ.

ޖޭއެސްސީން މިއަދު ފުރަތަމަ ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ ގާނޫނާއި ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް އަންނަ މަހުން ފެށިގެން ރިޓަޔާކޮށްދިނުމަށް ޖޭއެސްސީން އޮކްޓޫބަރު 28 ގައި ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ދެވަނަ އިއުލާނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.

އަލީ ރަޝީދު، ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މީގެ ހަ އަހަރު ކުރިންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީއަށް ހުށަހެޅިއެވެ. އެކަމަކު، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

ކޮމެންޓް
ތައުފީގު
2 weeks ago
މިއީ ވަރަށް ކޮރަޕްޓް ފަނޑިޔާރެއް ކަމަށް އަޑުއަހަން. މީނާ ރިޓަޔާ ވީމަ ދެން ގެންނާނީ ޕީއެންސީ ޕަޕެޓެއްކަން ޔަގީން.