ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް.--
ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް މަގުފަހިކުރި މަންމައަކު 18 އަހަރާއި 6 މަހަށް ޖަލަށް
މަރްޔަމް މުޙައްމަދު 6 ނޮވެމްބަރ 2026 (ހުކުރު)   19:21
ދަރިފުޅުގެ މައްޗަށް ޖިންސީ ގޯނާ ކުރުމަށް އެހީވުމާއި، ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަނާޅާ ސިއްރުކުރި ހދ. ކުޅުދުއްފުށީ އަންހެނަކަށް ކުރި 18 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓާ އޭނާ ޖަލަށްލުމަށް ނިންމައިފިއެވެ.

މި މައްސަލައިގައި އެ އަންހެނާއަށް ދެ ކުށެއް ތަހުމަތުކުރެވުނެވެ. އެއީ، އެހެން މީހަކު އޭނާގެ ކުޑަކުއްޖާއާ މެދު ޖިންސީ ގޯނާ ކުރުމަށް އެހީވުމާއި، އެކަން އެނގިހުރެ ފުލުހުންނަށް ރިޕޯޓު ނުކުރުމުގެ މައްސަލައެވެ.

މައްސަލައިގެ ތަފްސީލުތަކުން އެނގެނީ، 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަހުގައި އެހެން މީހަކު ކުއްޖާއާ މެދު ޖިންސީ އަމަލުތައް ހިންގުމަށް އެ މަންމަ މަގުފަހިކޮށްދީ، އެކަން އެނގިހުރެވެސް ފުލުހުންނަށް އަންގާފައި ނުވާކަމަށެވެ.

ކުއްޖާގެ އެސެސްމަންޓް ރިޕޯޓާއި، މެޑިކޯ ލީގަލް ރިޕޯޓު، ކުއްޖާގެ ވީޑިއޯ ބަޔާނާއި ހެކިބަސްތައް ބަލައި، މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ކުށަށް 18 އަހަރާއި، ދެވަނަ ކުށަށް 6 މަހުގެ ޖަލު ހުކުމް ކުރިއެވެ.

އެ ހުކުމްތައް ފުރަތަމަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ހުކުމް ބާތިލުކުރިއެވެ. ހައިކޯޓުގެ ރައުޔަކީ، މެޖިސްޓްރޭޓް ކޯޓުގައި މައްސަލައިގެ ލިޔުންތައް އޭނާއަށް ލިބުނުކަން ކަށަވަރުނުވުމާއި، ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުލިބުނުކަމެވެ. އަދި، ރިޕޯޓު ނުކުރުމުގެ ކުށަކީ ތަހުގީގުގައި ތުހުމަތުކުރި ކުށެއް ނޫންކަމެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން މި ނިންމުން ބަދަލުކޮށް، ލިޔުންތައް ނުލިބުނުކަމަށް އެ އަންހެނާ މެޖިސްޓްރޭޓް ކޯޓުގައި ޝަކުވާއެއް ނުކުރިކަމާއި، ވަކީލެއް ހޯދުމަށް 15 ދުވަހާއި، އިތުރު 7 ދުވަހުގެ ފުރުސަތު ދެފަހަރު ދީފައިވާ ކަމާއި، ދައުލަތުގެ ހެކިންނާއި ރިޕޯޓުތައް ހަދާ ފަރާތްތަކާ ސުވާލުކުރިކަމާއި ފާހަގަކުރިއެވެ.

އެހެންކަމުން، ލިޔުންތައް ލިބުނުކަމަށް ނިންމުމަށް ގާތް ކަމަށް ސުޕްރީމް ކޯޓުން ބެލިއެވެ. އަދި، ރިޕޯޓު ނުކުރުމުގެ ދައުވާއާ ބެހޭގޮތުން، ތަހުގީގު ބަޔާނުގައި އެކަމާ ބެހޭ ސުވާލުތައް ކުރެވި، އެ މަންމަ އެކަން އެނގިހުރެ ސިއްރުކުރިކަމަށް ބުނިކަމާއި ގުޅިގެން، އެ ދައުވާވެސް ގާނޫނީ ގޮތުން ރަނގަޅުކަމަށް ނިންމިއެވެ.

މި ނިންމުން ނިންމީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ރައުޔަށް ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމު ތާއީދުކުރެއްވި ގޮތަށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް