ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު.--
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަމީރު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި
ހިޝާމް ހާރޫން 18 ނޮވެމްބަރ 2026 (ބުދަ)   09:31
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުން ވަނީ އެކަން އިއުލާން ކުރައްވައި، ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގައި އިއްވަވާފަ އެވެ. އަދި އެއަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި އެކަން ރައީސަށް އެންގެވީ އިއްޔެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ކޮމިޓީ މަރުހަލާއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓަކުން މަޖިލީހުން ފާސްކޮށްގެންނެވެ.

ކުރީގެ ފަނޑިޔާރު ސަމީރު ފުރަތަމަ ހުންނެވީ ސިވިލް ކޯޓުގައެވެ. އެ ކޯޓުގެ އިސްގާޒީ ކަންވެސް ކުރެއްވުމަށްފަހު، 2011 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު 2022 މެއި 12 އިން ފެށިގެން އޭނާ ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2024 އޮކްޓޫބަރު 28 ގައެވެ.

ކޮމެންޓް