ސަމީރު (ކ) އަދި ރައޫފް: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެ ދެ ބޭފުޅުން ވަނީ ކުރިމަތިލައްވާފައި.--
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރާއި ރައޫފް ކުރިމަތިލައްވައިފި
ހިޝާމް ހާރޫން 8 ނޮވެމްބަރ 2026 (އާދީއްތަ)   18:21
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން އެ މަގާމުން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލީ މިދިޔަ ހަފުތާގަ އެވެ.

އެ މުއްދަތު މިއަދަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި ރައޫފް ކަމަށް އެނގިފައިވެއެވެ. ނަމަވެސް އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.

ކުރީގެ ފަނޑިޔާރު ސަމީރަކީ ފުރަތަމަ ހުންނެވީ ސިވިލް ކޯޓުގައެވެ. އެ ކޯޓުގެ އިސްގާޒީ ކަންވެސް ކުރެއްވުމަށްފަހު، 2011 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު 2022 މެއި 12 އިން ފެށިގެން އޭނާ ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2024 އޮކްޓޫބަރު 28 ގައެވެ.

ފަނޑިޔާރު ރައޫފަކީ ވެސް 2011 ވަނަ އަހަރުން ފެށިގެން މެއި 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޫކުރި ފްލެޓެއް އޭނާއަށް ހުށަހެޅުމުން ގަބޫލުކުރެއްވުމުން މިދިޔަ ސަރުކާރުގައި ޖޭއެސްސީން މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމުމާ ގުޅިގެންނެވެ.

2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ރައޫފު ވ.ކެޔޮދޫ ދާއިރާއަށް ވާދަވެސް ކުރެއްވިއެވެ. އެ އިންތިހާބް އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނިއުޝާދު (ނިއުބެ) ކާމިޔާބު ކުރެއްވީ 422 ވޯޓުންނެވެ. ރައޫފަށް ލިބިވަޑައިގަތީ 361 ވޯޓެވެ.

ރައޫފް އަލުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

ކޮމެންޓް