އިޒުރޭލުގެ މުސްލިމުންނަކީ ޑިމޮކްރަސީއެއްގެ ނަމުގައި، ހަމަހަމަކަމުން މަހްރޫމުވެފައިވާ، އަމިއްލަ ވަޒަނުގައި ބާކީވެފައިވާ ރައްޔިތެއް.--
އިޒުރޭލުގެ މުސްލިމް ކޮމިޔުނިޓީ: ރައްޔިތުން، އެކަމަކު ބާކީވެފައި
މުހައްމަދު ހަލީމް 5 ނޮވެމްބަރ 2026 (ބުރާސްފަތި)   08:36
އިޒުރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކުގެ ވާހަކަ ދެކެވޭއިރު، ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން އަބަދުވެސް ހުއްޓެނީ ހުޅަނގު އައްސޭރިއާއި ގައްޒާގެ ހަނގުރާމަވެރި މާހައުލަށެވެ. ނަމަވެސް، ދުނިޔެއަށް ނުފެނި އޮތް އެހެން ހަގީގަތެއް އިޒުރޭލުގެ ރަސްމީ ބޯޑަރުގެ އެތެރޭގައި އެބައޮތެވެ. އެއީ އެ ގައުމުގެ ރައްޔިތުންގެ ގޮތުގައި، އިޒުރޭލުގެ ޕާސްޕޯޓާއެކު ދިރިއުޅެމުންދާ ބޮޑު މުސްލިމް އާބާދީއެވެ. މިއީ 1948 ވަނަ އަހަރު އިޒުރޭލު ދައުލަތް އުފެދުނު ބިރުވެރި ދުވަސްވަރު، އަމިއްލަ ބިން ދޫކޮށް ފިލައިގެން ނުގޮސް ސާބިތުކަމާއެކު ތިބި ފަލަސްތީނުގެ އަސްލު ވަޒަންވެރިންގެ ޖީލުތަކެވެ. ކަރުދާހުގައި އެމީހުންނަކީ ހަމަހަމަ ހައްގުތަކެއް ލިބިގެންވާ އިޒުރޭލުގެ ފުރިހަމަ ރައްޔިތުންނެވެ. ނަމަވެސް، ޑިމޮކްރަސީގެ ރީތި ނަމުގެ ފުރަގަހުގައި، އަމަލީ މައިދާނުގައި އެމީހުންނަށް ކަންކަން ހަމަޖެހިފައިވަނީ ޔަހޫދީ މުޖުތަމައާ އެއްހަމައަކުން، އެއް އުސޫލަކުން ހެއްޔެވެ؟

އިޒުރޭލުގެ ރައްޔިތުކަން ލިބުނުގޮތް
އިޒުރޭލުގެ މުޅި އާބާދީގެ ސޫރައަށް ބަލާއިރު، ގާތްގަނޑަކަށް 21 އިންސައްތައަކީ އަރަބި ނަސްލުގެ މީހުންނެވެ. މީގެ ތެރެއިން 18 އިންސައްތައަށްވުރެ ބޮޑު ބަޔަކީ މުސްލިމުންނެވެ. މިއީ އަދަދުގެ ގޮތުން ބަލާނަމަ 1.7 މިލިއަނަށްވުރެ ގިނަ ރައްޔިތުންނެވެ. މި ބޮޑު އާބާދީއަށް އިޒުރޭލުގެ ރައްޔިތުކަން ލިބުނު ގޮތަކީ ތާރީހީ ގޮތުންނާއި ގާނޫނީ ގޮތުން ނުހަނު އަޖައިބު ކުރުވަނިވި ފަލްސަފާއެކެވެ. 1948 ގެ ހަނގުރާމައިގެ ލޭއޮހޮރުވުންތަކަށްފަހު، އިޒުރޭލުން ކަނޑައެޅި ރަސްމީ ބޯޑަރުގެ އެތެރޭގައި ބާކީވި އަރަބިންނަށް 1952 ގެ އިޒުރޭލުގެ ސިޓިޒެންޝިޕް ގާނޫނުގެ ދަށުން ރައްޔިތުކަން ދެވުނެވެ. ނަމަވެސް، މި ރައްޔިތުކަމަކީ ހިތްހަމަޖެހުމެއް ގެނެސްދިން އެއްޗެއް ނޫނެވެ. 1966 އާ ހަމައަށް އެމީހުން ދިރިއުޅެން ޖެހުނީ ހަރުކަށި އަސްކަރީ ވެރިކަމެއްގެ ދަށުގައެވެ. މިއަދު އެމީހުންނަށް އިޒުރޭލުގެ ޕާސްޕޯޓާއި ވޯޓުލުމުގެ ހައްގު އެބައޮތެވެ. ނަމަވެސް، 2018 ވަނަ އަހަރު ފާސްކުރި "ނޭޝަން-ސްޓޭޓް ގާނޫނު" އާއެކު، އިޒުރޭލަކީ ހަމައެކަނި ޔަހޫދީންގެ ގައުމެއްގެ ގޮތުގައި ކަނޑައެޅި، މުސްލިމުން ގާނޫނީ ގޮތުންވެސް ދެވަނަ ދަރަޖައިގެ ބަޔަކަށް ބަދަލުކުރިއެވެ.

މުސްލިމް މުޖުތަމައުގެ ބެހިފައިވާގޮތް
އިޒުރޭލުގެ މުސްލިމުންނަކީ އެއް އަވަށްތަކެއްގައި، އެއް އުސޫލުތަކަކަށް އުޅޭ އެއްގޮތް ބައެއް ނޫނެވެ. މި މުޖުތަމައުގެ ތެރޭގައި މައިގަނޑު ތިން ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ނާސިރާ ފަދަ އުތުރުގެ ސިޓީތަކުގައި ދިރިއުޅޭ، ތައުލީމީ ގޮތުން ކުރިއަރާފައިވާ އަރަބި މުސްލިމުންނެވެ.

ދެވަނަ ބަޔަކީ ގައުމުގެ ދެކުނުން ނަގަވް  ސަހަރާގައި ދިރިއުޅޭ ބަދަވީންނެވެ. ބަދަވީންގެ ތެރެއިން ބައެއް މީހުން އިޒުރޭލު ސިފައިންގެ ތެރޭގައި ހިދުމަތް ކުރެއެވެ. ނަމަވެސް، އެމީހުންގެ އަވަށްތަކަކީ އަސާސީ ހިދުމަތްތަކުން މަހްރޫމު ކުރެވިފައިވާ އަދި ސަރުކާރުން ބަލައިނުގަންނަ ތަންތަނެވެ.

ތިންވަނަ ބަޔަކީ ނަސްލީ ގޮތުން އަރަބި ނޫން، ކޮކޭޝިއަން ސަރަހައްދުން ހިޖުރަކޮށްފައިވާ ސާކޭޝިއަން މުސްލިމުންނެވެ. އެމީހުންނަކީ އިޒުރޭލު ދައުލަތާ ގާތް ގުޅުމެއް ބާއްވާ، ސިފައިންގެ ހިދުމަތް މަޖުބޫރު ބައެކެވެ. މި އެތެރޭގެ ތަފާތުތަކުގެ ސަބަބުން، ދައުލަތުން އެމީހުންނާ މެދު ކަންތައް ކުރާ ގޮތްވެސް ސިޔާސީ ގޮތުން ތަފާތެވެ.

ސިޔާސީ ހަރަކާތާއި، ބައިވެރިވުން
ސިޔާސީ ގޮތުން ބަލާއިރު މުސްލިމުންނަށް ވޯޓުލުމާއި، އަމިއްލަ ޕާޓީތައް ހަދައިގެން ގާނޫނުހަދާ މަޖިލިސް ކަނީސަތަށް ކުރިމަތިލުމުގެ މިނިވަންކަން ލިބިގެންވެއެވެ. 'ރާމް' އަދި 'ޖޮއިންޓް ލިސްޓް' ފަދަ އަރަބި ސިޔާސީ ޕާޓީތަކުން ލަނީސަތުގެ ގޮނޑިތައް ކާމިޔާބު ކުރެއެވެ. މިގޮތުން، 2021 ގައި ރާމް ޕާޓީން އިޒުރޭލުގެ ކޯލިޝަން ސަރުކާރުގައި ބައިވެރިވެ ތާރީހީ ފިޔަވަޅެއްވެސް އެޅިއެވެ. ނަމަވެސް، މި ބައިވެރިވުމަކީ ހަގީގީ ސިޔާސީ ބާރެއް ލިބުނު ކަމެއް ނޫނެވެ. ޔަހޫދީ ކަނާތު ފިޔައިގެ ސިޔާސީވެރިން އަބަދުވެސް އަރަބި މެންބަރުން ސިފަކުރަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައެވެ. އެހެންކަމުން ގައުމުގެ ބޮޑެތި ނިންމުންތައް ނިންމާ ސަލާމަތީ ކޮމިޓީތަކުން އެމީހުން ބާކީކޮށްލައެވެ. މީގެ އިތުރުން، އިޒުރޭލުގެ އަސްކަރިއްޔާއަށް ހިދުމަތްކުރުން މުސްލިމުންނަށް މަޖުބޫރު ނޫން ކަމަށް ހަދާފައި އޮންނަ އޮތުމަކީ ވެސް މުސްލިމުން އަސްކަރިންޔާއިން މަހްރޫމްކުރުމުގެ އުކުޅެކެވެ. މީގެބޭނަކީ،  މަޖުބޫރު އަސްކަރީ ހިދުމަތް ނިންމާ ޔަހޫދީންނަށް ދައުލަތުންދޭ ބޮޑެތި އިނާޔަތްތަކާއި، ބޯހިޔާވަހިކަމުގެ ލޯނުތަކާއި، ވަޒީފާގެ ކުރިއެރުންތަކުން މުސްލިމުން މަހުރޫމު ކުރުމެވެ.

ސުޕްރީމް ކޯޓުގެ ތާރީހީ ނިންމުން
އިޒުރޭލުގެ ސިޔާސީ ނިޒާމުގެ ތެރެއިން މުސްލިމް އާބާދީ ފޮހެލުމަށް ޔަހޫދީ ހަރުކަށި ޕާޓީތަކުން ކުރާ މަސައްކަތްތައް ދޭތެރެ ދޭތެރެއިން ގާނޫނީ ކޯޓުތަކާ ހަމައަށް ދެއެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ، އަރަބި ސިޔާސީ ޕާޓީތަކާއި ޖޮއިންޓް ލިސްޓު އިންތިހާބުގައި ވާދަކުރުން މަނާކުރުމަށް އިޒުރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީން ނިންމި ނިންމުމެވެ. ނަމަވެސް، އިޒުރޭލުގެ ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށްފައެވެ. އަދި އަރަބި ޕާޓީތަކަށް އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގާނޫނީ ގޮތުން ހިމާޔަތްކޮށްދީފައެވެ. މި ނިންމުމަކީ މުސްލިމް މުޖުތަމައަށް ލިބުނު ގާނޫނީ ކާމިޔާބީއެކެވެ. ނަމަވެސް، ކޮންމެ އިންތިހާބަކާ ދިމާކޮށް މުސްލިމުންގެ ސިޔާސީ ވުޖޫދު ނައްތާލަން ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކުން ހާމަވަނީ، މުސްލިމުންގެ ސިޔާސީ ބައިވެރިވުމަކީ ޔަހޫދީ ދައުލަތަށް އަދިވެސް ހަޖަމުކުރަން އުނދަގޫ ކަމެއްގެ ގޮތުގައި އޮތް ކަމެވެ.

ދީނީ މިނިވަންކަމާއި، އަލް-އަގްސާގެ ހިސާރު
ދީނީ މިނިވަންކަމަކީ އިޒުރޭލުން ދުނިޔެއަށް ދައްކާ އެންމެ ބޮޑު އެއް ޝިއާރެވެ. މުސްލިމުންގެ އާއިލީ މައްސަލަތައް ނިންމުމަށް ވަކި ޝަރުއީ ކޯޓުތަކެއް ހުރެއެވެ. އަދި މިސްކިތްތަކުގައި ބަންގިގޮވުމާއި ނަމާދުކުރުން ހުއްދަ ކުރެއެވެ. ނަމަވެސް، މި މިނިވަންކަމުގެ އަސްލު ކުލަވަރު ފެންނަނީ ގުދުސްގައި ހުންނަ އަލް-އަގްސާ މިސްކިތާ ހަމައިންނެވެ. މުސްލިމުންގެ ތިންވަނަ މުގައްދަސް ބިނާއަށް ވަދެނިކުމެވުން އިޒުރޭލުގެ ސަލާމަތީ ބާރުތަކުން ހަރުކަށިކޮށް ކޮންޓްރޯލްކުރެއެވެ. ހާއްސަކޮށް ރޯދަ މަހު ނުވަތަ ސިޔާސީ ހަމަނުޖެހުންތަކާ ދިމާކޮށް، ޒުވާން މުސްލިމުންނަށް މިސްކިތަށް ވަނުން މަނާކުރެއެވެ. އަދި ޔަހޫދީ ހަރުކަށި ޖަމާއަތްތަކަށް ފުލުހުންގެ ހިމާޔަތުގައި އަގްސާގެ ގޯތިތެރެއަށް ވަދެގަތުމުގެ ފުރުސަތު ފުޅާކޮށްދެއެވެ. ހަމައެއާއެކު، ދީނީ ވަގުފް ބިންތައް ދައުލަތަށް ނެގުމާއި، ތާރީހީ މުސްލިމް ގަބުރުސްތާންތައް ހަލާކުކޮށް ޕާކުތައް ހެދުމުގެ ސިޔާސަތުތަކަކީ ޔަހޫދީ މުޖުތަމައާ އަޅާބަލާއިރު މުސްލިމުންގެ ދީނީ އައިޑެންޓިޓީ ފޮހެލަން ކުރާ ބޭއިންސާފު މަސައްކަތްތަކެކެވެ.

އިންސާނީ ހައްގުތަކާއި، ދިފާއީ ބަންދު
ގާނޫނުގެ ކުރިމަތީގައި އިޒުރޭލުގެ ހުރިހާ ރައްޔިތުން ހަމަހަމަ ކަމަށް ބުނާ ބުނުމަކީ ކަރުދާހުގައި އޮތް ބާތިލު ފަލްސަފާއެއްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހާމަކުރެއެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއާއި ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަކުރާގޮތުގައި، އިޒުރޭލުގެ އެތެރޭގައި މުސްލިމުންނާ މެދު އަމަލުކުރެވެނީ ތަފާތުކުރުންތަކުން ފުރިގެންވާ 'އެޕާތައި' އުސޫލުންނެވެ. މިކަން އެންމެ ބޮޑަށް ހާމަވަނީ ދިފާއީ ބަންދު ނުވަތަ އެޑްމިނސްޓްރޭޓިވް ޑިޓެންޝަން ގެ ގާނޫނު ތަންފީޒުކުރާ ގޮތުންނެވެ. ލިޔެވިފައިވާ ގާނޫނަށް ބަލާއިރު، މިއީ ހަމައެކަނި މުސްލިމުންނަށް ހަދާފައިވާ ގާނޫނެއް ނޫނެވެ. ގައުމުގެ ސަލާމަތަށް ނުރައްކާވާ ކަމަށް ފެންނަ ކޮންމެ އިޒުރޭލު ރައްޔިތަކު، މުސްލިމުންނާއި، ޔަހޫދީން ހިމެނޭ ގޮތަށް، ޝަރީއަތަކާނުލައި ބަންދުކުރުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. ނަމަވެސް އަމަލީ ގޮތުން ބަލާއިރު މި ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހުންގެ 99 އިންސައްތައަކީ މުސްލިމުންނެވެ. މުސްލިމުން އެއްވެސް ޝަރީއަތެއް ނެތި އަހަރުތަކެއް ވަންދެން ޖަލުގައި ބައިތިއްބައެވެ؛ ހަރުކަށި އަމަލުތައް ހިންގާ މަދު ޔަހޫދީއަކު ބަންދުކުރިޔަސް، ބަންދު ކުރަނީ ވަރަށް ކުރު މުއްދަތަކަށެވެ. އަދި ޔަހޫދީންނަށް ގިނަ ފަހަރަށް ދެނީ ލުއި ގޭބަންދުގެ އަމުރެކެވެ. މިފަދަ ކުށްވެރިން ހިމާޔަތްކުރުމަށް ސަރުކާރުގެ ތެރޭގައި ތިބޭ ވަޒީރުން ސަލާމަތީ ބާރުތަކަށް ފިއްތުންތައް ކުރިމަތިކުރުވައެވެ. މީގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ބޮޑު ފަރަގެއް އޮވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ނުވަތަ ހަނގުރާމައާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ލިޔެފިނަމަ، މުސްލިމް ރައްޔިތުން ވަޒީފާއިން ވަކިކޮށް ހައްޔަރުކުރެއެވެ. ނަމަވެސް، ޔަހޫދީން މުސްލިމުންނާ ދެކޮޅަށް ނުވަތަ ސަރުކާރާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުންކުރިއަސް އެއްވެސް ފިޔަވަޅެއް ނޭޅެއެވެ.

ތައުލީމީ ނިޒާމު
އިޒުރޭލުގެ ތައުލީމީ ނިޒާމު ރޭވިފައި އޮންނަނީ ދެ ބަޔަކަށް ބެހިގެންނެވެ. އެއީ ހީބްރޫ ބަހުން ކިޔަވައިދޭ ޔަހޫދީ ދަރިވަރުންގެ ސިސްޓަމާއި، އަރަބި ބަހުން ކިޔަވައިދޭ އަރަބި ދަރިވަރުންގެ ސިސްޓަމެވެ. މި ދެ ނިޒާމުގެ މެދުގައި ހުރި ބަޖެޓުގެ ފަރަގަކީ އިންތިހާއަށް ބޮޑު، އަދި ނުހަނު ބޭއިންސާފު އެއްޗެކެވެ. އިޒުރޭލުގެ ސަރުކާރުން ޔަހޫދީ ދަރިވަރެއްގެ ބޮލަކަށް ހަރަދުކުރާ މިންވަރު، އަރަބި މުސްލިމް ދަރިވަރަކަށް ކުރާ ހަރަދަށްވުރެ ބޮޑުތަނުން އިތުރެވެ. މީގެ ސަބަބުން މުސްލިމް ސްކޫލްތަކުގެ ކްލާސްރޫމްތައް ތޮއްޖެހި، ލެބޯޓްރީތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް މަދެވެ. މުސްލިމް ދަރިވަރުން ޔުނިވަރސިޓީތަކަށް ވަންނައިރު، ހީބްރޫ ބަހުގެ ހުރަސްތަކާ ކުރިމަތިލާންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން، މަތީ ތައުލީމާއި ވަޒީފާގެ ބާޒާރުގައި ޔަހޫދީންނާ އެއްހަމައަކުން ވާދަކުރުމުގެ ފުރުސަތު މުސްލިމް ޒުވާނުންނަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

އިގުތިސާދީ ތަފާތުތައް
އިޒުރޭލުގެ އިގުތިސާދީ މައިދާނަށް ބަލާއިރު، ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތަކުގެ ބާރު އޮންނަނީ ޔަހޫދީންގެ އަތްމަތީގައެވެ. މުސްލިމް މުޖުތަމައަށް އިގުތިސާދީ ގޮތުން ކުރިއަރައި، ޔަހޫދީންގެ މައްޗަށް މާލީ ބާރުވެރިކަން ނުހޯދުމުގެ ފަހަތުގައި ނިޒާމީ ބޮޑެތި ހުރަސްތަކެއް އެބައޮތެވެ. ފުރަތަމަ ކަމަކީ، ބޭންކުތަކުން މުސްލިމުންގެ ވިޔަފާރިތަކަށް ބޮޑެތި ލޯނުތައް ދޫކުރުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަކެވެ.

ދެވަނަ ކަމަކީ، ގައުމުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ 'ހައި-ޓެކް' އަދި ޓެކްނޮލޮޖީ ދާއިރާގެ ވަޒީފާތަކުން މުސްލިމް ޒުވާނުން މަހްރޫމުކުރުމެވެ. މި ދާއިރާގެ ގިނަ ކުންފުނިތަކަކީ އަސްކަރިއްޔާގެ ޓެކްނޮލޮޖީ ވިންގާ ގުޅިފައިވާ ތަންތަން ކަމަށްވާތީ، ސިފައިންގެ ހިދުމަތް ނުކުރާ މުސްލިމުންނަށް އެތަންތަނުން ޖާގައެއް ނުލިބެއެވެ. މީގެ އިތުރުން، ސަރުކާރުން ސިނާއީ ސަރަހައްދުތަކާއި ފެކްޓްރީތައް ބިނާކުރަނީ ހަމައެކަނި ޔަހޫދީ އަވަށްތަކުގައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ގިނަ ބަޔަކަށް މަސައްކަތްކުރަން ޖެހެނީ އާދައިގެ މަސައްކަތްތަކުގައެވެ.

މުސްލިމް އަންހެނުންގެ ހިތްވަރު
އިޒުރޭލުގެ މުސްލިމް އަންހެނުންގެ ހާލަތަކީ މި މައުލޫއިން ދޫކޮށްލެވެން ނެތް މުހިންމު ބައެކެވެ. ފަހަކަށް އައިސް މުސްލިމް އަންހެނުން ދަނީ ތައުލީމީ ދާއިރާއިން، ހާއްސަކޮށް، ބޭސްވެރިކަމާއި ނަރުސްކަމުގެ ދާއިރާއިން ޔުނިވަރސިޓީތަކުގައި ޔަހޫދީންނާ އެއްހަމައަކުން ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. ނަމަވެސް އެކަނބަލުންނަށް ކުރިމަތިވަނީ ދެފަރާތުގެ ފިއްތުންތަކެކެވެ. އެއްކޮޅުން އިޒުރޭލު ދައުލަތުގެ ނިޒާމުގެ ތެރެއިން އަރަބި މުސްލިމަކަށް ވީތީ ކުރާ ނަސްލީ ތަފާތުކުރުންތަކެވެ. އަނެއްކޮޅުން، އަމިއްލަ މުޖުތަމައުގެ ތެރޭގައި އޮންނަ ހަރުކަށި ފިރިހެންވަންތަ އާދަކާދަތަކާއި، ވަޒީފާއަށް ނުކުތުމަށް ހުންނަ އިޖުތިމާއީ ހުރަސްތަކެވެ. މި ހުރިހާ ކަމަކާއެކުވެސް، މުސްލިމް އަންހެނުންނަކީ މިއަދު އެ މުޖުތަމައުގެ އިގުތިސާދީ އަދި ތައުލީމީ ވޭކް-އަޕް ކޯލެވެ.

ބޯހިޔާވަހިކަމާއި، ބިމުގެ މައްސަލަ
ބޯހިޔާވަހިކަމާއި ބިމުގެ މިލްކުވެރިކަމަށް ބަލާއިރު، މުސްލިމުންނާއި ޔަހޫދީންނާ ދެމެދު އެއްވެސް ހަމަހަމަކަމެއް ނެތެވެ. އިޒުރޭލުގެ ބިމުގެ 93 އިންސައްތައަކީ ދައުލަތާއި 'ޖުއިޝް ނޭޝަނަލް ފަންޑު' ގެ މިލްކެކެވެ. މި ބިންތައް މުސްލިމުންނަށް ކުއްޔަށްދިނުމާއި ވިއްކުން ގާނޫނުތަކާއި ސިޔާސަތުތަކުން މަނާކުރެއެވެ. މީގެ އިތުރުން، މުސްލިމް އަވަށްތަކުގެ ބިންތައް އިތުރުކުރުމުގެ މާސްޓަރ ޕްލޭންތައް ސަރުކާރުން ފާހެއް ނުކުރެއެވެ. އާބާދީ ބޮޑުވަމުންދާއިރު ގެދޮރު އަޅާނެ ބިމެއް ނުލިބުމުގެ ސަބަބުން، އަމިއްލަ ބިމުގައި ހުއްދަނެތި އިމާރާތްކުރަން މުސްލިމުންނަށް މަޖުބޫރުވެއެވެ. އިޒުރޭލު ސަރުކާރުން މިފަދަ ގެތަކަކީ ގަވާއިދާ ހިލާފަށް ބިނާކޮށްފައިވާ ތަންތަންކަމަށް ނިންމައި ބުލްޑޯޒަރުތަކުން ސުންނާފަތިކުރެއެވެ. އަދި ޔަހޫދީންނަށް ހާއްސަކޮށްގެން އާ ސިޓީތަކާއި ޓައުންތައް ބިނާކުރާއިރު، 1948 ގެ ފަހުން މުސްލިމުންނަށްޓަކައި އެންމެ އާ އަވަށެއްވެސް ސަރުކާރުން ހަދައިދީފައެއް ނުވެއެވެ.

އިންފްރާސްޓްރަކްޗާ އާއި ހިދުމަތްތަކުގެ ފަރަގު
އިޒުރޭލުގެ ޔަހޫދީ ސިޓީއަކުން އަރަބި މުސްލިމް ސިޓީއަކަށް ވަދެގެންދާއިރު، ދެ ގައުމެއްހާ ތަފާތު އިހުސާސެކެވެ. ޔަހޫދީ އަވަށްތަކުގައި ޒަމާނީ ފެންވަރުގެ މަގުތަކާއި، ފެންވަރު ރަނގަޅު ޕާކުތަކާއި، ނަރުދަމާގެ ފުރިހަމަ ނިޒާމުތައް ހުންނައިރު، މުސްލިމް އަވަށްތަކުގައި މަގުތައް ހުންނަނީ ހަލާކުވެފައެވެ. ކުނި މެނޭޖްކުރުމުގެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން މަގުމަތީގައި ކުނިތައް އޮންނަނީ ގިނަވެފައެވެ. މަގުބައްތިތައް ހުއްޓަސް ދިއްލެނީ ވަރަށް މަދުންނެވެ. މިހެން ދިމާވަނީ މުނިސިޕަލް ބަޖެޓުތައް ކަނޑައެޅުމުގައި އިޒުރޭލު ސަރުކާރުން ގެންގުޅޭ ނަސްލީ ސިޔާސަތުގެ ސަބަބުންނެވެ. މިގޮތުން، މުސްލިމް ކައުންސިލްތަކަށް ލިބޭ ފައިސާ އިންތިހާއަށް މަދެވެ. މީގެ ސަބަބުން އާންމު ދަތުރުފަތުރާއި، ކުޑަކުދިންގެ ކުޅޭ ބިންތަކާއި، އިޖުތިމާއީ މަރުކަޒުތައް ބިނާކުރުމުގެ ފުރުސަތެއް މުސްލިމް އާބާދީއަކަށް ނުލިބެއެވެ. މިއީ ނުފެންނަ ނިޒާމެއްގެ ތެރެއިން މުސްލިމުންގެ ދިރިއުޅުމުގެ ފެންވަރު ދައްކޮށް، ނަފްސާނީ ގޮތުން މުސްލިމުން ބަލިކޮށްލަން ގެންގުޅޭ އުކުޅެކެވެ.

މުސްލިމް އަވަށްތަކުގައި ކުށްކުރުން އިތުރުވުން
އިޒުރޭލުގެ މުސްލިމް މުޖުތަމައަށް ދާހިލީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ އަރަބި އަވަށްތަކުގައި ގޭންގު ކުށްތަކާއި، މީހުން މެރުމާއި، ހަތިޔާރުގެ ގާނޫނާ ހިލާފު ވިޔަފާރި އިންތިހާއަށް އިތުރުވުމެވެ. މިކަމުގެ ހަގީގަތަކީ ވެސް ނަސްލީ ތަފާތުކުރުމެވެ. ޔަހޫދީ އަވަށްތަކުގައި ހިނގާ މިފަދަ ކުށްތައް ހުއްޓުވަން އިޒުރޭލުގެ ފުލުހުންނާއި ޖާސޫސީ އިދާރާތަކުން ވަގުތުން ފިޔަވަޅު އަޅައެވެ. ނަމަވެސް، މުސްލިމް އަވަށްތަކުގައި ހިނގާ ލޭއޮހޮރުވުންތަކާ މެދު ފުލުހުން ތިބެނީ މުޅިން ލޯމަރާލައިގެނެވެ. މުސްލިމް ލީޑަރުން ތުހުމަތުކުރާ ގޮތުގައި، އިޒުރޭލު ސަރުކާރުން ބޭނުންވަނީ މުސްލިމް މުޖުތަމައުގެ އެތެރޭގައި ހަމަނުޖެހުން އުފެދި، އެމީހުންގެ އިޖުތިމާއީ ފޭރާން އަމިއްލައަށް ވީދިގެން ދިއުމަށެވެ. މީގެ ސަބަބުން މުސްލިމް އާއިލާތަކަށް އަމިއްލަ ރަށްތަކުގައި ދިރިއުޅުމުގެ ރައްކާތެރިކަން މިއަދު ވަނީ މުޅިން ގެއްލިފައެވެ.

ސިވިލް ސާވިސްގައި ވަޒީފާއަދާކުރުމުގެ ފުރުސަތު
ސަރުކާރުގެ ވަޒީފާތައް ނުވަތަ ސިވިލް ސާވިސް ގައި މަސައްކަތް ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން މުސްލިމުންނަށް އޮވެއެވެ. ބައެއް މުސްލިމުން ފަނޑިޔާރުކަމާއި، ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ނަރުހުންގެ ވަޒީފާ އަދާކުރެއެވެ. ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސިވިލް ސާވިސްގެ މަތީ ފަންތީގެ ވަޒީފާތަކުގައި މުސްލިމުންގެ ނިސްބަތަކީ އެންމެ 10-12 އިންސައްތައެވެ. މިއީ އެމީހުންގެ އާބާދީގެ ނިސްބަތާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ. ހާއްސަކޮށް މިނިސްޓްރީތަކުގެ ސެކިއުރިޓީ، ފައިނޭންސް، އަދި ޕްލޭނިންގެ މުހިންމު މަގާމުތަކަށް މުސްލިމުން އައްޔަނެއް ނުކުރެއެވެ. ސަބަބަކީ 'ސަލާމަތީ ފާސްވުން' ނުވަތަ ސެކިއުރިޓީ ކްލިއަރެންސް މުސްލިމުންނަށް ނުލިބުމެވެ. އަސްކަރިއްޔާގައި ހިދުމަތް ނުކުރާ ކޮންމެ މީހަކީ ސަލާމަތީ ގޮތުން އިތުބާރު ނެތް މީހެއްގެ ގޮތުގައި ލޭބަލްކޮށް، ވަޒީފާގެ ދޮރުތައް ބަންދުކުރެވެއެވެ.

މުސްލިމުންނާއި، ޔަހޫދީންގެ ލޯތްބާއި، ކައިވެނި
އިޒުރޭލުގެ މުޖުތަމައުގައި ޔަހޫދީންނާއި މުސްލިމުންގެ މެދުގައި ކައިވެނިކުރުމަކީ ގާނޫނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އިންތިހާއަށް އުނދަގޫ، އަދި ނާދިރު ކަމެކެވެ. އެ ގައުމުގައި 'ސިވިލް މެރިއޭޖް' ނުވަތަ ދީނުން ބޭރުން ކުރެވޭ ގާނޫނީ ކައިވެންޏެއް ނޯވެއެވެ. ކައިވެނިތައް ކުރަންޖެހެނީ ހަމައެކަނި ދީނީ ކޯޓުތައް މެދުވެރިކޮށެވެ. ޔަހޫދީ ރާހިބުންގެ ނުވަތަ ރައްބީންގެ ކޯޓުން މުސްލިމަކާ ޔަހޫދީއަކު ކައިވެނި ކޮށެއް ނުދޭނެއެވެ. އަދި ޝަރުއީ ކޯޓުންވެސް ޔަހޫދީއަކު އިސްލާމްނުވާ ނަމަ ކައިވެނި ކޮށެއް ނުދޭނެއެވެ. ތަފާތު ދީންތަކުގެ ދެމީހަކު ކައިވެނި ކުރަން ބޭނުންނަމަ، ޖެހެނީ ސައިޕްރަސް ފަދަ ބޭރު ގައުމަކަށް ގޮސް ސިވިލް ކައިވެނި ކުރާށެވެ. އެއަށްފަހު އެނބުރި އައުމުން އިޒުރޭލުގެ ދާހިލީ މިނިސްޓްރީން އެ ކައިވެނި ރަޖިސްޓްރީ ކޮށްދެއެވެ. ނަމަވެސް އިޖުތިމާއީ ހުރަސްތައް މިއަށްވުރެ ބޮޑެވެ. މިފަދަ ކައިވެންޏެއް ކޮށްފިނަމަ، ޔަހޫދީ މުޖުތަމައުން އެމީހަކު އެކަހެރިކޮށް، 'ލޭގެ ސާފުކަން ގެއްލުވާލި' މީހެއްގެ ގޮތުގައި ބަލައެވެ. އަދި ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން، މިސާލަކަށް، ލެހާވާ — ފޯ ދަ ޕްރިވެންޝަން އޮފް އެސިމިލޭޝަން އިން ދަ ހޮލީ ލޭންޑް އިން މުސްލިމުންނާ ލޯބީގެ ގޮތުން ގުޅޭ ޔަހޫދީ އަންހެނުން ހޯދައި، އެމީހުންނަށް ބިރުދައްކައި ހަމަލާދީ ހަދައެވެ.

ރޫޅިފައިވާ އާއިލާތައް އެއްކޮށްލުމުގައި ހުރި ގާނޫނީ ހުރަސްތައް
އިޒުރޭލުގެ މުސްލިމުންނަށް ރައްޔިތުކަން ލިބުމާއި ހިޖުރަކުރުމުގެ ސިޔާސަތުގައި ވެސް އޮތީ ބޮޑު ތަފާތުކުރުމެކެވެ. އިޒުރޭލުގެ 'ލޯ އޮފް ރިޓާން' ބުނާގޮތުން، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ޔަހޫދީއަކަށްވެސް އިޒުރޭލަށް ހިޖުރަކޮށް، ވަގުތުން ފުރިހަމަ ރައްޔިތުކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް، 1948 ގައި ބިމުން ބޭރުކޮށްލެވުނު ފަލަސްތީނުގެ މުސްލިމް ރެފިއުޖީންނަށް އެމީހުންގެ އަސްލު ވަޒަނަށް އެނބުރި އައުމުގެ އެއްވެސް ހައްގެއް ނޯވެއެވެ.

މީގެ އިތުރުން، އިޒުރޭލުގެ މުސްލިމް ރައްޔިތަކު ހުޅަނގު އައްސޭރި ނުވަތަ ގައްޒާގެ ފަލަސްތީނު މީހަކާ ކައިވެނިކޮށްފިނަމަ، 'ސިޓިޒެންޝިޕް އެންޑް އެންޓްރީ ލޯ' ގެ ދަށުން، އެމީހެއްގެ ބައިވެރިޔާއަށް އިޒުރޭލުގެ ރައްޔިތުކަމެއް ނުވަތަ ދާއިމީ ރެސިޑެންސީއެއް ނުލިބެއެވެ. މީގެ ސަބަބުން އެތައްހާސް މުސްލިމް އާއިލާތަކަށް ޖެހެނީ ވަކިން ދިރިއުޅޭށެވެ. ނުވަތަ ކޮންމެ އަހަރަކު ސަލާމަތީ އިދާރާތަކުން ދޭ ވަގުތީ ހުއްދައެއްގެ ދަށުން، ކޮންމެ ވަގުތަކުވެސް ގައުމުން ބޭރުކޮށްލެވިދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ދިރިއުޅޭށެވެ.

އޮކްޓޫބަރު ހަތަކަށްފަހު
އޮކްޓޫބަރު 7 ގައި ހިނގި ހާދިސާތަކާއި އޭގެ ފަހުން ފެށުނު ގައްޒާ ހަނގުރާމައާއެކު، އިޒުރޭލުގެ އެތެރޭގައި އުޅޭ މުސްލިމުންގެ ހާލަތު ވަނީ ބިރުވެރި ދަރަޖައަކަށް ވެއްޓިފައެވެ. ޔަހޫދީ މުޖުތަމައުން އެމީހުންނާ މެދު ގެންގުޅޭ ޝައްކާއި ނަފުރަތު ވަނީ ދެގުނައަށް އިތުރުވެފައެވެ. މަގުމަތިންނާއި ވަޒީފާގެ މާހައުލުގައި އަރަބި ބަހުން ވާހަކަދެއްކުމަކީ ވެސް މިހާރު ނުރައްކަލަކަށް ވެފައިވާކަމެކެވެ. އަދި ސަލާމަތީ ބާރުތަކުން ދަނީ މުސްލިމުންގެ ހަރަކާތްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތަކަށް ފާރަލަމުންނެވެ. އަދި ކިތައްމެ ކުޑަކުޑަކަމަކާވެސް ހައްޔަރުކުރަމުންނެވެ. އެއްކޮޅުން އިޒުރޭލުގެ މުސްލިމުން ތިބީ ގައްޒާގައި ޝަހީދުވަމުންދާ އެމީހުންގެ އަހުންނާއި އުހުތުންގެ ހިތާމައިގައެވެ. އަނެއްކޮޅުން އިޒުރޭލުގެ އެތެރޭގައި ގައްދާރުންގެ ގޮތުގައި ލޭބަލްވެ، ގެދޮރުން ބޭރަށް ނުކުންނަން ބިރުގަންނަ ނާޒުކު ފާލަމެއްގެ މަތީގައެވެ.

ނިންމުން
އިޒުރޭލުގެ މުސްލިމް ކޮމިޔުނިޓީއަށް ރައްޔިތުކަމާއި، ވޯޓުލުމުގެ ހައްގު އަދި ވަޒީފާގެ ފުރުސަތުތައް ގާނޫނުން ލިބިދީފައި އޮތް ނަމަވެސް، އެއީ ޔަހޫދީ މުޖުތަމައާ އެއްހަމައަކުން ލިބިދީފައިވާ ހައްގުތަކެއް ނޫނެވެ. ބިމުގެ ސިޔާސަތާއި، ތައުލީމީ ބަޖެޓާ ހަމައަށް، އަދި ސިވިލް ސާވިސްގެ ވަޒީފާތަކުން ފެށިގެން ދިފާއީ ބަންދު ގެ ނަމްބަރުތަކާއި ހަމައަށް އޮތީ ނުފެންނަ ނަސްލީ އިމްތިޔާޒުތަކެކެވެ. އިޒުރޭލުގެ މުސްލިމުންނަކީ ޑިމޮކްރަސީއެއްގެ ނަމުގައި، ހަމަހަމަކަމުން މަހްރޫމުވެފައިވާ، އަމިއްލަ ވަޒަނުގައި ބާކީވެފައިވާ ހާއްސަ މުޖުތަމައެކެވެ.

ކޮމެންޓް