އިދިކޮޅު ލީޑަރު އަދި ކުރީގެ އަސްކަރީ ވެރިޔާ ގާދީ އައިޒެންކޮޓް.--
އިޒްރޭލުގެ އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ލީޑަރަށް ދީފި
މަރްޔަމް މުޙައްމަދު 8 ނޮވެމްބަރ 2026 (އާދީއްތަ)   09:12
އިޒްރޭލުގައި އެންމެ ގިނަ ދުވަހު ވެރިކަންކުރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ހަޔާތަށް ބޮޑު ލޮޅުމެއް އަރައި، އެ ގައުމުގެ އާ ސަރުކާރު އެކުލަވާލުމުގެ ރަސްމީ ފުރުސަތު އިދިކޮޅު ލީޑަރު އަދި ކުރީގެ އަސްކަރީ ވެރިޔާ ގާދީ އައިޒެންކޮޓް އަށް ރައީސް އައިޒަކް ހަރުޒޮގް ދީފިއެވެ.

ރައީސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަރުޒޮގް  މި ނިންމެވުން ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު އައިޒެންކޮޓްއަށް އަންގަވާފައިވާ ކަމަށާއި، ރަސްމީކޮށް އެ މެންޑޭޓް އޭނާއާ ހަވާލުކުރައްވާނީ އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައެވެ.

ރައީސް ހަރުޒޮގް މި ގޮތަށް ނިންމީ މިދިޔަ މަހުގެ 27 ގައި ބޭއްވި އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް އަޣުލަބިއްޔަތު ނުލިބި، ގާނޫނު ހަދާ މަޖިލިސް (ނެސެޓް) ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ.

ސަރުކާރު އެކުލަވާލުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ހަރުޒޮގް ވަނީ މި ހަފުތާގައި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވާފައެވެ.

އަރަބި ޕާޓީތައް ހިމެނޭހެން ގާތްގަނޑަކަށް 67 މެންބަރުން ވަނީ އާ ސަރުކާރު އެކުލަވާލުމަށް ޔަޝާރް ޕާޓީގެ ލީޑަރު އައިޒެންކޮޓްއަށް ތާއީދުކުރައްވާފައެވެ. އަދި މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ތާއީދުކުރެއްވީ އެންމެ 46 މެންބަރުންނެވެ.

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އެންމެ ދަށް މިންވަރު ކަމަށްވާ، ނެސެޓް 120 ގޮނޑީގެ ތެރެއިން މަދުވެގެން 61 ގޮނޑީގެ ކޯލިޝަނެއް ހެދުމަށް އައިޒެންކޮޓްއަށް 28 ދުވަސް ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު 14 ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

އޮކްޓޫބަރު މަހުގެ އިންތިޚާބުގައި އައިޒެންކޮޓްގެ ހަތަރު ޕާޓީގެ އިއްތިހާދަށް 48 ގޮނޑި ލިބުނުއިރު، ނަތަންޔާހޫގެ ކަނާތުފިޔައިގެ އަދި ދީނީ ބްލޮކަށް ލިބުނީ 53 ގޮނޑިއެވެ. އެހެންކަމުން ދެ ފަރާތަށްވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތަށް ބޭނުންވާ 61 ގޮނޑި ހަމައެއް ނުކުރެވުނެވެ. އިސްރާއީލުގެ ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ އަރަބި ޕާޓީތަކުން ވަނީ ރެކޯޑް އަދަދަކަށް، އެއީ 19 ގޮނޑި ކާމިޔާބުކޮށްފައެވެ.

ނަތަންޔާހޫއާ ދެކޮޅަށް އަރަބި ޕާޓީތަކުން ވޯޓު ދިނުމުން، އެ ޕާޓީތައް ވެގެން ގޮސްފައިވަނީ ވެރިކަން ކަނޑައެޅުމުގެ މައިގަނޑު ބާރަށެވެ.

އައިޒެންކޮޓަށް ވެސް ސަރުކާރެއް އެކުލަވާލުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އިދިކޮޅު އިއްތިހާދުގައި ހިމެނޭ ބައެއް ޔަހޫދީ ޕާޓީތަކުން އަރަބި ޕާޓީތަކާ އެކު ސަރުކާރު ހަދަން ދެކޮޅު ހަދާއިރު، ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލައި އައިޒެންކޮޓް ގެންގުޅޭ ޝަރުތުތަކަށް އަރަބި ބައެއް ޕާޓީތަކުން އެއްބަހެއް ނުވެއެވެ.

ނަތަންޔާހޫ ވަނީ، ޢަރަބި ޕާޓީތަކުގެ ތާއީދާއެކު އިދިކޮޅު ފަރާތްތަކުން ސަރުކާރެއް އެކުލަވާލައިފިނަމަ އެކަން ވެގެންދާނީ އިސްރާއީލު ފުނޑުފުނޑުވެގެންދާނެ ކަމަކަށް ކަމަށް ބުނެ އިންޒާރު ދީފައެވެ.

"އިސްލާމިސްޓުންގެ މައްޗަށް ބިނާވެފައިވާ މިފަދަ ސަރުކާރަކުން، ޔޫރަޕުގެ ގައުމުތަކަށް ވަމުންދާ ގޮތަށް އަދި އެއަށްވުރެ މާ ބޮޑަށް، އިސްރާއީލު ދައުލަތް އެތެރެއިން ރޫޅާލާނެ،" ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯ ތަގުރީރެއްގައި ނަތަންޔާހޫ ބުނެފައި ވެއެވެ. އޭނާ މިހެން ބުނެފައިވަނީ ޔޫރަޕުގެ ބައެއް ސަރަހައްދުތަކުގައި އިސްލާމީ ޝަރީއަތް ހިންގަމުންދާ ކަމަށް ދޮގު މައުލޫމާތު ފަތުރާ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުގެ ވާހަކަތަކަށް ބާރުދެމުންނެވެ.

އައިޒެންކޮޓަށް ދީފައިވާ މުއްދަތުގައި ސަރުކާރެއް ނުއުފެއްދިއްޖެ ނަމަ، ރައީސް ހަރުޒޮގް ދެން ސަރުކާރު ހެދުމުގެ ފުރުސަތު ދޭނީ ނަތަންޔާހޫ އަށެވެ. އާ ސަރުކާރެއް އެކުލަވާލެވެންދެން ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ހުންނާނީ ނަތަންޔާހޫ އެވެ.

އައިޒެންކޮޓް ވަނީ 2015 އިން 2019 އަށް އިސްރާއީލުގެ އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައެވެ. އަދި އޮކްޓޫބަރު 2023 ގައި ފެށި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ ހަނގުރާމައިގެ ފުރަތަމަ 8 މަސްދުވަހު ނަތަންޔާހޫގެ ވޯ ކެބިނެޓުގައި އޮބްޒާވަރެއްގެ ގޮތުގައި އޭނާ ބައިވެރިވިއެވެ.

ކޮމެންޓް