އިޒްރޭލްގެ އިންތިހާބަށްފަހު އެގައުމުގެ ރައްޔިތުން މަގުތަކަށްނުކުމެ ޝުއޫރު ފާޅުކުރަނީ.--
އިޒްރޭލުގެ އިންތިހާބު: އަރަބި ޕާޓީތަކަށް ލިބުނު ކާމިޔާބެއް
މުހައްމަދު ހަލީމް 1 ނޮވެމްބަރ 2026 (އާދީއްތަ)   07:56
އޮކްޓޯބަރު 2023 ގައި ފެށުނު ހަނގުރާމައިގެ ހިޔަނި އެންމެ ބޮޑަށް އެޅިގެންދިޔައީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުނު އިޒްރޭލުގެ 26 ވަނަ ކަނީސަތު ނުވަތަ ޕާލަމެންޓް އިންތިހާބަށެވެ. މިއީ އިޒްރޭލުގެ މި ފަހުގެ ތާރީހުގައި ބޭއްވުނު އެންމެ ވާދަވެރި އިންތިހާބެވެ. މި އިންތިހާބުން ފެނިގެންދިޔައީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ އިއްތިހާދަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ މަންޒަރެވެ. އަދި އިޒްރޭލުގައި ސިޔާސީ މަރުތަޅަކަށް ވެއްޓިގެންދިޔަ ތަނެވެ. ވޯޓު ގުނާ ނިމުނުއިރު އެއްވެސް ބްލޮކަކަށް ސަރުކާރު އެކުލަވާލަން ބޭނުންވާ އަގުލަބިއްޔަތެއް ނުލިބުނެވެ. ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ނަތަންޔާހޫ ކުރެއްވި ތުހުމަތުތަކުގެ ސަބަބުން އިޒްރޭލުގެ ދިފާއީ އަދި ގާނޫނީ ނިޒާމު މިވަނީ ބޮޑު އިމްތިހާނެއްގެ ކުރިމަތީގައެވެ.

އިޒްރޭލުގެ ކަނީސަތު އެކުލެވިގެންވާ ގޮތް
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ "ކަނީސަތު" އެކުލެވިގެންވަނީ ޖުމްލަ 120 ގޮނޑީގެ މައްޗަށެވެ. އިޒްރޭލުގައި އޮންނަނީ މުޅި ގައުމު އެއް ދާއިރާއެއްގެ ގޮތުގައި ބަލައިގެން ވޯޓުދޭ، ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން ނިޒާމެކެވެ. ކަނީސަތުން ގޮނޑިއެއް ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މަދުވެގެން ޖުމްލަ ވޯޓުގެ 3.25 އިންސައްތަ ހޯދަންޖެހެއެވެ. މި ނިޒާމުގެ ސަބަބުން އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނިމާއެކަނި މާސިންގާ އަގުލަބިއްޔަތެއް ނުވަތަ 61 ގޮނޑި ހޯދުމަކީ ތާރީހުވެސް ނުދެފައިނުވާ ނާދިރު ކަމެކެވެ. އެހެންކަމުން، ސަރުކާރެއް އުފެއްދުމަށްޓަކައި އަބަދުވެސް މަޖުބޫރުވަނީ ގިނަ ޕާޓީތަކެއް ގުޅިގެން ކޯލިޝަން ހެދުމަށެވެ. މިއީ އިޒްރޭލުގެ ސިޔާސީ ހަމަޖެހުން ގެއްލި، ކޯޅުން އޮންނަ މައިގަނޑު ސަބަބެވެ.

އަރަބި ޕާޓީތައް މަނާކުރުމުގެ މަސައްކަތާއި ސުޕްރީމް ކޯޓުގެ ތާރީހީ ނިންމުން
އިންތިހާބުގެ ކުރިން، ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް ޕާޓީއާއި އޭނާގެ އިއްތިހާދުގައި ހިމެނޭ ހަރުކަށި ލީޑަރު އިތަމާރު ބެން-ގްވީރްގެ "ޖުވިޝް ޕަވަރ" ޕާޓީން އިސްނަގައިގެން، އިޒްރޭލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީ (CEC) މެދުވެރިކޮށް އަރަބި ޕާޓީތައް އިންތިހާބުގައި ބައިވެރިވުން މަނާކުރިއެވެ. އެ ކޮމިޓީގެ ނިންމުގައިވަނީ، އަރަބި ޕާޓީތަކުން އިޒްރޭލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ. އަދި ހަތިޔާރު އެޅި ޖަމާއަތްތަކަށް ތާއީދުކުރާ ކުރާ ކަމަށެވެ. ނަމަވެސް، 2 އޮކްޓޯބަރު 2026 ގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޓީގެ އެ ނިންމުން ބާތިލުކޮށްފައެވެ؛ ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓުގެ 9 ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، އަރަބި ޕާޓީތައް ކަމަށްވާ "ރާމް" އަދި "ޖޮއިންޓް ލިސްޓް" އިންތިހާބުން މަހްރޫމް ކުރަންޖެހޭ ފަދަ ގާނޫނީ ހެއްކެއް ހުށަހެޅިފައި ނެތް ކަމަށެވެ. މި ތާރީހީ ނިންމުމުން ހާމަކޮށްދިނީ ސިޔާސީ ނުފޫޒުން އަރަބި ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމެވެ.

މި ނިންމުމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ޖޮއިންޓް ލިސްޓްގެ ޔަހޫދީ މެންބަރެއް ކަމަށްވާ، އަދި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރާ އޮފަރ ކާސިފް ދިފާއުކުރުމެވެ. އޭނާ އިންތިހާބުން މަނާކުރަން CEC އިން ނިންމި ނިންމުންވެސް ސުޕްރީމް ކޯޓުގެ 7-2 ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ބާތިލުކޮށްފައެވެ. އަނެއްކޮޅުން، ބަލަދު ޕާޓީގެ ލީޑަރު ސާމީ އަބޫ ޝަހާދާ ލިޔުއްވި ހަރުކަށި އާޓިކަލްއަކާ ގުޅިގެން ކޯޓުން އޭނާ އަމިއްލައަށް ވަކިވުމަށް ލަފާދިނެވެ. މި ލަފައާއި އެއްގޮތަށް ސާމީ ވަނީ ކެނޑިޑެސީ އަނބުރާ ގެންގޮސްފައެވެ. މި ނިންމުންތަކާއެކު ސުޕްރީމް ކޯޓުން ވަނީ ހަރުކަށި ސިޔާސީ އޮއިވަރުގެ ތެރެއިން ގާނޫނީ ހަމަހަމަކަން އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދީފައެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާއާއި ބްލޮކްތަކުގެ ތަފްސީލު
މިފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 77.9 އިންސައްތައަށް އެރިއެވެ، މިއީ ފަހުގެ ތާރީހެއްގައި އިޒްރޭލުގައި އެންމެ ގިނަ ބަޔަކު ވޯޓުލާން ނިކުތް ފަހަރެވެ. ސެންޓްރަލް އިލެކްޝަންސް ކޮމިޓީން އާންމުކުރި ރަސްމީ ނަތީޖާއަށް ބަލާއިރު، ބޮޑުވަޒީރު ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ލިބުނީ 27 ގޮނޑިއެވެ. އޭނާގެ އިދިކޮޅު މައި ލީޑަރު ގާދީ އައިޒެންކޮޓްގެ ޔާޝަރު ޕާޓީން 21 ގޮނޑި، ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ބިޔާޗާޑް ޕާޓީން 12 ގޮނޑި ވަނީ ހޯދާފައެވެ. އަރަބި ކޯލިޝަން ކަމަށްވާ ޖޮއިންޓް ލިސްޓަށް 11 ގޮނޑި ލިބުނެވެ. އަދި ވާތު ފިޔައިގެ ޑިމޮކްރެޓްސް ޕާޓީއާއި މަންސޫރު އައްބާސްގެ ރާމް ޕާޓީން ކުރެ ކޮންމެ ޕާޓީއަކުން 8 ގޮނޑި ހޯދިއެވެ. މީގެ އިތުރުން ޔިސްރޭލް ބޭތެއިނޫ، ޔުނައިޓެޑް ޓޯރާ ޖުޑާއިޒަމް، އަދި އޮޓްޒްމާ ޔެހޫދީން ކުރެ ކޮންމެ ޕާޓީއަކަށް 7 ގޮނޑި ލިބިފައިވެއެވެ. ޝާސް ޕާޓީއާއި ރިލިޖަސް ޒަޔަނިޒަމް ޕާޓީން ކުރެ ކޮންމެ ޕާޓީއަކަށް ލިބުނީ 6 ގޮނޑިއެވެ.

މި ނަތީޖާގެ މައްޗަށް ބިނާކޮށް ސިޔާސީ ބްލޮކްތައް އެކުލެވިގެންދިޔައީ އިޒްރޭލު މަރުތަޅަކަށް ވައްޓާލާފަދަ ކަމަކަށެވެ. ބޮޑުވަޒީރު ނަތަންޔާހޫގެ ހަރުކަށީ ދީނީ އަދި ގައުމީ އިއްތިހާދު ނުވަތަ ނަތަންޔާހޫ ބްލޮކް އަށް ޖުމްލަ ލިބުނީ 53 ގޮނޑިއެވެ. އައިޒެންކޮޓް އިސްވެ ހުންނެވި އިދިކޮޅު ބްލޮކަށް 48 ގޮނޑި ލިބިފައިވެއެވެ. އެހެންކަމުން މި ދެ ބްލޮކުން ކުރެ އެއްވެސް ބްލޮކަކަށް ސަރުކާރެއް އެކުލަވާލަން ބޭނުންވާ 61 ގޮނޑީގެ މެޖޯރިޓީއެއް ނުލިބުނެވެ. މި އިންތިހާބުގެ އެންމެ ބޮޑު ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އަރަބި ޕާޓީތަކުން ޖުމްލަ 19 ގޮނޑި ހޯދައި، އިޒްރޭލުގެ ތާރީހުވެސް ނުދެކޭ ފަދަ ސިޔާސީ ބޮޑު ބާރަކަށް އަރަބި ޕާޓީތައް ވެގެންދިއުމެވެ.

ނަތަންޔާހޫގެ "ވޯޓު ވަގަށްނެގި" ކަމުގެ ތުހުމަތާއި މުއައްސަސާތަކުގެ ރައްދު
ނަތީޖާ ދައްކާގޮތުން ނަތަންޔާހޫއަށް ވަނީ އަގުލަބިއްޔަތު ގެއްލިފައެވެ. މިއާއެކު އޭނާގެ ލިކޫޑް ޕާޓީއާއި އޭނާގެ ސަޕޯޓަރުން ވަނީ އަރަބި ޕާޓީތަކުން ގަތަރުގެ އެހީތެރިކަމާއެކު "ވޯޓު ވަގަށް ނަގާފައިވާ" ކަމުގެ ބޮޑު ތުހުމަތެއް ކޮށްފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި މަކަރު ހަދާފައިވާ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ޑިރެކްޓަރު ޑީން ލިވްނޭ ސާފު ބަހުން ވިދާޅުވީ، އިންތިހާބުގެ ނިޒާމު ހިންގާފައިވަނީ ފުރިހަމަ ނަޒާހަތްތެރިކަމާއެކު ކަމަށެވެ. އަދި ސިސްޓެމެޓިކްކޮށް ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުންވެސް ވަނީ ގާނޫނީ އިމުގެ ބޭރުން އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދީފައެވެ؛ ޝަރުއީ ދާއިރާގެ މިނިވަންކަން ސާބިތުކޮށްދީފައެވެ.

އިންތިހާބަށްފަހު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޮތްގޮތް
އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ގޮތަށް އޮތީ މި ނޮވެމްބަރުގެ 4 ވަނަ ދުވަހުއެވެ. އެ ރަސްމީ ނަތީޖާ އިޒްރޭލުގެ ރައީސް އައިޒަކް ހަރުޒޮގް ލިބުމުން ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެއެވެ. މިގޮތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބުނު ނަމަވެސް އޭނާގެ ބްލޮކްގައި އޮތީ 53 ގޮނޑި އެވެ. އެހެންކަމުން ސަރުކާރު  ބޭނުންވާ މެޖޯރިޓީއަށް އިތުރަށް 8 ގޮނޑި ބޭނުންވެއެވެ. މިނިވަންކޮށް އޮތް ނަފްތާލީ ބެނެޓްގެ ޕާޓީގެ 12 ގޮނޑި ގުޅުވައިގެން ސަރުކާރެއް ހެދުމުގެ ފުރުސަތު އޮތް އެބައޮތެވެ. ނަމަވެސް،  ބެނެޓާއި ނަތަންޔާހޫގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަނެއްކޮޅުން، އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ ބްލޮކަށް 48 ގޮނޑި ލިބިފައިވާއިރު، އޭނާއަށް ސަރުކާރެއް ހެދޭނީ އަރަބި ޕާޓީތަކުގެ ތާއީދަކާއެކީގައެވެ. ނަމަވެސް، ޒަޔަނިސްޓް ގިނަ ޕާޓީތަކުން އަރަބި ޕާޓީތަކާއެކު ސަރުކާރު ހަދަން ނުވަތަ އެމީހުންގެ ތާއީދު ހޯދަން ސީދާ ދެކޮޅު ހަދައެވެ. އެހެންކަމުން އައިޒެންކޮޓަށްވެސް ސަރުކާރު އުފެއްދުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

މި ނަތީޖާއިން ނަތަންޔާހޫގެ ކޮރަޕްޝަން ޝަރީއަތްތަކަށް ކުރާނެ އަސަރު
މި އިންތިހާބުގެ ނަތީޖާއަކީ ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަނާއި ރިޝްވަތު ހިފުމުގެ ބޮޑެތި ޝަރީއަތްތަކަށް ސީދާ ނުފޫޒު ފޯރުވާނެ ކަމެކެވެ. ނަތަންޔާހޫ އުންމީދު ކުރައްވައިގެން ހުންނެވީ މި އިންތިހާބާއެކު އެކުލަވާލެވޭ ހަރުކަށި ސަރުކާރެއްގެ އެހީގައި، ބޮޑުވަޒީރުގެ މަގާމު ދިފާއީ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ގާނޫނަށް ބަދަލުތަކެއް ގެނެސް ޝަރީއަތްތައް ހުއްޓުވުމަށެވެ. ނަމަވެސް އޭނާއަށް މެޖޯރިޓީ ގެއްލުމުން، ޝަރީއަތްތަކުން ސަލާމަތްވުމަށް އޮތް ސިޔާސީ ދޮރުތައް މިވަނީ ވަރަށް ބޮޑަށް ބަންދުވެފައެވެ. ސަރުކާރުން ވަކިވާން ޖެހިއްޖެ ހާލަތެއްގައި ނަތަންޔާހޫއަށް ޖަލު ހުކުމަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ، އޭނާ ކޮންމެ ފަދަ ގޮތަކުންވެސް ވެރިކަމުގައި ހުންނަން މަސައްކަތްކުރާނެ މައިގަނޑު ސަބަބެވެ.

ގައްޒާ އަދި ލުބުނާނުގެ ހަނގުރާމައަށް އަތުވެދާނެ ބަދަލުތައް
ސިޔާސީ ގޮތުން އިޒްރޭލު ބައިބައިވެފައި އޮތް މި ދަނޑިވަޅުގައި، ގައްޒާއާއި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައިގެ މިސްރާބަށްވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. ނަތަންޔާހޫއަށް ކަނީސަތުގެ މެޖޯރިޓީ ނުލިބުމަކީ ހަނގުރާމަ ދިގުދަންމާލުމަށް އޭނާ ކުރާ މަސައްކަތްތަކަށް އެޅުނު ހުރަހެކެވެ. އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓަކީ އަސްކަރީ ގޮތުން ހަރުދަނާ ބޭފުޅެކެވެ. ނަމަވެސް، އޭނާ ބޮޑަށް ވަކާލާތު ކުރަނީ ރަހީނުން ސަލާމަތްކުރުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށެވެ. އެހެންކަމުން، މި ނަތީޖާގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ ބައިނަލްއަގުވާމީ މަޝްވަރާތަކަށް އާ ދިރުމެއް ލިބިގެންދާނެއެވެ، އަދި ސަރަހައްދީ ހަމަޖެހުމަށް މަގުފަހިވެދާނެ ކަމުގެ އުންމީދު ބޮޑެވެ.

އެއްވެސް ޕާޓީއަކަށް ސަރުކާރު އެކުލަވައި ނުލެވިއްޖެނަމަ ދެން ވާނީ ކިހިނެއް؟
އިޒްރޭލުގެ ގާނޫނުތައް ބުނާގޮތުން، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދެވޭ ކެންޑިޑޭޓަކަށް ސަރުކާރު އެކުލަވާލަން 28 ދުވަސް ލިބޭނެއެވެ؛ އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ރައީސްގެ އަރިހުން އިތުރު 14 ދުވަސް ހޯދިދާނެއެވެ. މި މުއްދަތުގެ ތެރޭގައި ފުރަތަމަ ކެންޑިޑޭޓަށް ސަރުކާރު ނުހެދިއްޖެނަމަ، ރައީސް ދެން އެ ފުރުސަތު ހަވާލުކުރައްވާނީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދިދާނެ ފަދަ އެހެން މެންބަރަކާއެވެ. އެ ދެވަނަ މެންބަރަކަށްވެސް ސަރުކާރު އެކުލަވާލަން ލިބޭނީ 28 ދުވަހެވެ. މި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ، އެއްވެސް ފަރާތަކަށް 61 ގޮނޑީގެ އަގުލަބިއްޔަތު މަޖިލީހުގެ ތެރެއިން ކަށަވަރު ނުކުރެވިއްޖެނަމަ، ކަނީސަތު އަމިއްލައަށް އުވިގެންދާނެއެވެ. އެ ހާލަތުގައި ގާނޫނު ލާޒިމުކުރާ ގޮތުން، މަޖިލިސް އުވާލާ ދުވަހުން ފެށިގެން އެންމެ ގިނަވެގެން 90 ދުވަހުގެ ތެރޭގައި އާ ކުއްލި އިންތިހާބެއް ނުވަތަ ސްނެޕް އިލެކްޝަނެއް ބާއްވަން ޖެހޭނެއެވެ. އެފަދަ ހާލަތެއްގައި، އާ ސަރުކާރެއް އުފެދެންދެން ބޮޑުވަޒީރުގެ މަގާމުގައި ކެއާޓޭކަރެއްގެ ގޮތުގައި ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދެވުނު ދެ މެންބަރުންގެ ކުރެ އެކަކު ހުންނާނެއެވެ. މިއީ، މިވަގުތު ނަތަންޔާހޫ ސިޔާސީ ބާރުވެރިކަމުގައި ދެމިހުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވުން އެކަށީގެންވެއެވެ.

ނިންމުން
2026 ގެ އިންތިހާބަކީ އިޒްރޭލުގެ ރައްޔިތުން ނަތަންޔާހޫގެ ހަރުކަށި ސިޔާސަތުތަކަށް ދިން އިންޒާރުގެ ބޮޑު ސިގްނަލެކެވެ. އަރަބި ޕާޓީތަކުން ހޯދި ތާރީހީ ކާމިޔާބީއަކީ އެ ގައުމުގެ ޑިމޮކްރެސީގެ މިސްރާބު ބަދަލުކޮށްލަނިވި ބާރެކެވެ. ކުރިއަށް އޮތް ހަފްތާތަކަކީ އިޒްރޭލު ދެން ދާނީ އާ ހަނގުރާމައަކަށްތޯ ނުވަތަ ސިޔާސީ އާ ލީޑަރޝިޕަކަށްތޯ ކަނޑައެޅިގެންދާނެ ނާޒުކު ދުވަސްތަކެކެވެ. ވާގޮތެއް ބަލަން ތިބެމާ ބަހީއެވެ.

ކޮމެންޓް