
މިއަދު މެންދުރުން ފެށިގެން ހުއްޓާނުލައި ވާރޭ ވެހުމުގެ ސަބަބުން ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ، ހިފާ ގެންގުޅޭ ސާމާނަށާއި އިލެކްޓްރޯނިކް ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ފެންވަނުމުގެ ސަބަބުން ދިރިއުޅެން ދަތިވި ގޭގޭގެ މީހުން މިހާރު ވަނީ އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ގެތަކަށާއި ބައެއް މުއައްސަސާތަކަށް ފެންވަދެފައިވާއިރު، މުޅި ރަށުން ކަރަންޓް ކެނޑިގެން ވެސް ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުންވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވެފައެވެ.
"ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބުމާ ގުޅިގެން ފުލުހުން ދަނީ ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ." ފުލުހުން މިރޭ އާންމުކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.
ފުލުހުންގެ އިތުރުން އެ ރަށަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެންހިއްކާ ޕަންޕާއި، ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި ހިފައިގެން ސިފައިންގެ ޓީމެއް ކޮލަމާފުއްޓަށް ދަތުރުކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރަނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ލަފާކޮށްފަ އެވެ.




