
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މަޢުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް އާއިލާއާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭކަން އެ މިނިސްޓްރީން ހަނދާންކޮށްދީފައި ވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ހަވާލާދީ ޖެންޑާ މިނިސްޓްރީން ބުނީ، ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން އެ ނޫން ވެސް ސަބަބަކާ ހުރެ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ޒާތީ މަޢުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ.
މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މަޢއުލޫމާތު ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާއެއްގައި ނުވަތަ އެހެން ވަސީލަތެއްގައި ޝާއިއުކުރުން މަނާކޮށްފައި ވަނީ އެ ކުދިންގެ މަސްލަޙހަތު ހިމާޔަތްކުރުމަށްޓަކައި ކަމަށް ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އާންމުން ދެކޭ ގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެހެން ބޭނުމަކަށްވިޔަސް، މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ހައްގަކަށް އަރައިގަތުން ކަމަށެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއަކަށްވާތީ، މިފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމުނުކުރުމަށް ވަނީ އަންގާފައެވެ.
"އާންމުން ދެކޭގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެހެން ބޭނުމަކަށްވިޔަސް، މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ހައްގަކަށް އަރައިގަތުން،" - ޖެންޑާ މިނިސްޓްރީ
ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ގާނޫނީ ގޮތުން ކުށަކަށް ވާއިރު، މިފަދަ މައުލޫމާތު އާންމުކުރާ ފަރާތްތަކާމެދު ޖިނާއީ ދައުވާ އުފުލައި އަދަބު ކަނޑައެޅޭނެކަން ގާނޫނުގައި ބަޔާންކޮށްފައި ވެސް ވެއެވެ.




