ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) - ފޮޓޯ:މަޖިލިސް
ޖިންސީ ގޯނާ ކޮށްގެން ޖަލުގައި ހުކުމް ތަންފީޒުކުރަންޖެހޭ 20 މީހަކު ތިބީ ގޭގައި
މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވުމުގެ އިތުރުން، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި ވެސް ކުޑޫ ވަނީ އެކަމާ ވާހަކަދައްކަވާފައި
މަރްޔަމް މުހައްމަދު 16 ނޮވެމްބަރ 2026 (ހޯމަ)   10:46
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ބައެއް ކުށްވެރިން ޖަލުން ގޭބަންދަށް ބަދަލުކޮށްފައިވާ މައްސަލައާ ގުޅިގެން، އެކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ނަންއޮތް ވިހި މީހުން މިވަގުތު ވެސް ގޭބަންދުގައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާ، މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ވަރަށް ނާޒުކު އަދި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ.

"ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު) ގެ ފަންސާސް ވަނަ މާއްދާގައި ވާގޮތުން، އެ ޤާނޫނުގެ ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން ބަންދަށް ލުޔެއް ދެވޭނެއެވެ. ނަމަވެސް ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ އެއް ސަތޭކަ ބާވީސް ވަނަ މާއްދާގެ (ށ) ގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުތަކުގެ މަގުސަދަކީ މިފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބާ، ކުޑަކުދިން މިފަދަ ކުށްވެރިންގެ ކިބައިން ރައްކާތެރިކުރުމެވެ." – ކުޑޫ

މިކަމާގުޅިގެން ކުޑޫ ޖާވާބުހޯއްދަވަން ބޭނުންފުޅުވާ ސުވާލުތަކެއް ކަމަށް ވިދާޅުވެފައި ވަނީ:

  • ގޭބަންދުގައި ތިބުމަށް މި މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކީ ކޮބައިތޯ، އަދި އެ ޝަރުތުތަކަށް އަމަލުކުރޭތޯ ބަލަހައްޓަމުންދަނީ ކޮން ފަރާތަކުންތޯ؟
  • މި މީހުން ތިބި ގޭގެއާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކީ ކޮބައިތޯ، އަދި މި މީހުން ގޭބަންދަށް ބަދަލުކުރެވިފައިވާ ރަށް ރަށުގެ ކައުންސިލަށާއި އެކަމާއި ގުޅުންހުރި ބެލެނިވެރިންނަށް މިކަން އަންގާފައިވޭތޯ؟
  • މި މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅައިގެން، އެމީހުން ހުރިތަން ބަލަހައްޓާ ނިޒާމެއް އޮވޭތޯ؟ ނުވަތަ އެކަމަށް ތިޔަ ވުޒާރާއިން ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ؟
  • މި މީހުން އަނބުރާ ޖަލަށް ގެންދިއުމަށް ތިޔަ ވުޒާރާއިން ކުރައްވާނެ ކަންތައްތަކަކީ ކޮބައިތޯ؟

އެގޮތުން މިފަދަ މީހުން ޖަލުން ގޭބަންދަށް ބަދަލުކުރީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންތޯ ސުވާލު އުފައްދަވަމުން ކުޑޫ ވިދާޅުވެފައި ވަނީ، އެ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކާ އެ ތަންތަނުގައި ކުދިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ކަމާބެހޭ ވުޒާރާތަކާއި ކަމާބެހޭ އެހެނިހެން ފަރާތްތައް ވެސް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް މައްސަލަ ހަރުދަނާކޮށް ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިންސާފުވެރިކަމާއެކު މަރުގެ ހުކުމް ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފައްދަވައި ޖިންސީ ގޯނާގެ މައްސަލަތަކުގައި ޖަލަށް ހުކުމްކޮށްފައި ތިބި އެތައް ބަޔަކު ތިބީ ގޭގައި ކަމަށް ވިދާޅުވެ ކުޑޫ ވަނީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި ވެސް ވިދާޅުވެފައެވެ.

ކުޑޫ ވިދާޅުވީ މަރުގެ ހުކުމަކީ ތަންފީޒު ކުރަންޖެހޭ ކަމެއް ކަމަށާ، އެކަމާ ދެކޮޅު ނުހެދޭނެ ކަމަށެވެ.ނަމަވެސް، ރާއްޖޭގެ ކަންކަން ހުރިގޮތުން، އިންސާފުވެރިކަމާއެކު އެ އަދަބު ތަންފީޒު ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

ކުޑޫ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން އާންމުވެފައި އޮތީ މިސްކިތްތައް އެޅުމާއި ހައްޖު ކޯޓާއިން ވެސް ވައްކަން ކުރާ މިންވަރަށް ކަމަށާ، އެކަން އެހެން އޮއްވައި މަރުގެ ހުކުމް ތަންފީޒު ކުރާނަމަ، އެ އަދަބު ތަންފީޒުކުރަން ގަންނަންޖެހޭ ވާގަނޑު ގަތުމުގައި ވެސް ކޮރަޕްޝަން ހިންގާނެކަމަށެވެ. އެހެންކަމުން މަރުގެ ހުކުމް ތަންފީޒު ކުރެވެން ޖެހޭނީ ވަރަށް އިންސާފުވެރިކަމާއެކު ހިންގޭ ޝަރީއަތެއްގެ ދަށުން ކަމަށް ކުޑޫ ވިދާޅުވި އެވެ.

ކޮމެންޓް