މާލެސިޓީގެ ކުރީގެ ކައުންސިލަރ އައިމަން މުހައްމަދު
ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އައިމަންގެ ބަންދަށް 30 ދުވަސް
މަރްޔަމް މުޙައްމަދު 8 ނޮވެމްބަރ 2026 (އާދީއްތަ)   14:44
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އައިމަން އިސްމާއިލް 30 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފި އެވެ.

ޖިންސީ ގޯނާގެ މައްސަލާގައި އައިމަން ހައްޔަރުކުރީ ނޮވެމްބަރު 3 ގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހަށް ބަންދުކުރަން ނިންމާފައެވެ.

އެހެންނަމަވެސް، އެ ބަންދު އަމުރު ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައި ނުވާތީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އިތުރު ތަފްސީލެއް ނޭނގެއެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ އައިމަންގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި ތަހުގީގު އިތުރަށް ފުރިހަމަކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅުން ހުރި އާއިލީ މައްސަލައެއް ކަމަށްވާއިރު، އެ މައްސަލަ އަދި ދައުވާކުރަން ފޮނުވިފައިނުވަނީ އާއިލާގެ ބައެއް މީހުންގެ ބަޔާންތައް ނެގުން ލަސްވެފައިވާތީ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް އައިމަން ހޮވާފައިވަނީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ. އޭނާ އެފަހަރު ވާދަކުރީ އެމްޑީޕީ ޓިކެޓްގައެވެ.

ކޮމެންޓް