ކީރިތި ގުރުއާނާއި ޒަމާނީ ސައިންސްގެ ހޯދުންތަކަށް ނަޒަރު ހިންގާލުމުން، ކާއިނާތުގެ ހުރިހާ ކަމެއް ގުޅިލާމެހިފައިވާ ފުރިހަމަކަން ހާމަވެގެންދޭ.--
ކީރިތި ގުރުއާނާއި، ޒަމާނީ ސައިންސާއި، އިންސާނީ ދިރުމުގައި ދަގަނޑުގެ އަޖައިބު
މުހައްމަދު ހަލީމް 20 ނޮވެމްބަރ 2026 (ހުކުރު)   06:36
އަހަރުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިމެ ދަގަނޑަކީ އެއާ ނުލައި ނޫޅެވޭހާ މުހިންމު މާއްދާއެކެވެ. އުސް އިމާރާތްތަކާއި ބޮޑެތި ބުރިޖްތަކުން ފެށިގެން، އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރުމަށް އެހީތެރިވެދޭ ހިމޮގްލޮބިންއާ ހަމައަށް ދަގަނޑުގެ ބޭނުންތެރިކަން ވަނީ ފެތުރިފައެވެ.

ނަމަވެސް، މި ބިމުގައިވާ އެހެން ގިނަ މައުދަންތަކާ ހިލާފަށް، ދަގަނޑު އުފެދިފައިވާ ގޮތާއި ބިމަށް އައި ގޮތުގެ އިތުރުން، އިންސާނާގެ ދިރުމާ މި މާއްދާ ގުޅިލާމެހިފައިވާ މިންވަރަކީ ޒަމާނީ ސައިންސާއި ކީރިތި ޤުރުއާނުގެ މުއުޖިޒާތްތައް ގުޅުވައިދޭ ވަރަށް ފުން އިލްމީ ހަގީގަތެކެވެ. ކާއިނާތުގެ ބިޔަ ތަރިތަކުގެ ތެރޭގައި އުފެދި، މަތިން ބާވައިލެއްވުނު މި މައުދަނަކީ، ހަމައެކަނި ބިމުގެ ބިނާކުރުމަށް ބޭނުންވާ އެއްޗެއް ނޫނެވެ. އެއީ އިންސާނާގެ ނާރުތަކުގައި ދައުރުވާ ލޭގެ ކޮންމެ ތިއްކެއްގައި، އަދި ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި ދިރުން ލައްވާފައިވާ އަސާސީ ބަހާއެކެވެ.

ކީރިތި ޤުރުއާނުގެ އަލީގައި ދަގަނޑު ބާވައިލެއްވުން
މީގެ 1400 އަހަރު ކުރިން ބާވައިލެއްވި ކީރިތި ގުރުއާނުގައި، ދަގަނޑާ ބެހޭގޮތުން ވަރަށް ހާއްސަ އާޔަތެއް ވެއެވެ. ހަދީދު ސޫރަތުގެ 25 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ މިފަދައިންނެވެ.

"لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ" މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހު ފާޅުވެގެންވާ ހެކިތަކާއެކު ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނާއެކު ފޮތާއި، އަދުލު އިންސާފުގެ ތިލަފަތް ބާވައިލެއްވީމެވެ. އެއީ، މީސްތަކުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަށްޓަކައެވެ. އަދި ތިމަންއިލާހު ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ގަދަފަދަ ބާރަކާއި، މީސްތަކުންނަށްޓަކައި ގިނަގުނަ މަންފާތަކެއް ވެއެވެ. އަދި ނުފެންނަ ހާލުގައި، އެއިލާހަށާއި، އެއިލާހުގެ ރަސޫލުންނަށް ނަސްރުދެނީ ކޮންބައެއްކަން ﷲ ދެނެވޮޑިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ، އަޒީޒުވަންތަ އިލާހެވެ."

ކުރީގެ މުފައްސިރުންނާއި މިހާރުގެ ތަފްސީރު އިލްމުވެރިންގެ ނަޒަރު
މި އާޔަތުގައި ބޭނުންކުރައްވާފައިވާ "އަންޒަލްނާ" (ބާވައިލެއްވީމެވެ) މި ލަފުޒަކީ އަރަބި ބަހުގައި މަތިން ތިރިއަށް އެއްޗެއް ފޮނުއްވުމަށް ބޭނުންކުރާ ލަފުޒެކެވެ. ކުރީގެ މަޝްހޫރު ތަފްސީރު އިލްމުވެރިން ކަމަށްވާ އިމާމް އައްތަބަރީއާއި، އިބްނު ކަސީރު އަދި އިމާމް އަލްގުރުތުބީ ފަދަ ބޭކަލުން މި ލަފުޒުގެ މާނަ ކުރެއްވީ، މާތްﷲ ދަގަނޑު އުފައްދަވައި އިންސާނުންނަށް އެ ބޭނުންކުރާނެ ގޮތް އިލްހާމްކުރައްވައި ދަސްކޮށްދެއްވި ދެއްވުމަށެވެ. އަދި ބައެއް މުފައްސިރުން ރިވާކުރައްވާފައިވާ ގޮތުގައި، އާދަމުގެފާނު ސުވަރުގެއިން ބިމަށް ފޮނުއްވުނުއިރު އެކަލޭގެފާނާއެކު ދަގަނޑުގެ އާލާތްތަކެއް ފޮނުއްވުނު ކަމަށްވެސް ބަޔާންވެފައިވެއެވެ.

ނަމަވެސް، މިހާރުގެ ޒަމާނީ ތަފްސީރު އިލްމުވެރިން ކަމަށްވާ ޝައިހް މުހައްމަދު މުތަވައްލީ އައްޝައުރާވީއާއި، ޑރ.ޒަގްލޫލް އައްނައްޖާރު އަދި ޝައިހް އަބްދުލްމަޖީދު އައްޒިންދާނީ ފަދަ ބޭކަލުން ވިދާޅުވާ ގޮތުގައި، ގުރުއާނުގެ ލަފުޒުތަކަކީ ކޮންމެ ޒަމާނެއްގެ އިލްމީ ހޯދުންތަކާ ފައިހަމަކުރާ މުއުޖިޒާތެކެވެ. އެބޭފުޅުން ބަޔާންކުރައްވާ ގޮތުގައި، "އަންޒަލްނާ" މި ލަފުޒުގެ ހަގީގީ އަދި ސީދާ މާނައަކީ މަތިން ތިރިއަށް ބާވައިލެއްވުމެވެ. ޒަމާނީ ފަލަކީ އިލްމުގެ ހޯދުންތަކާއެކު، ދަނގަޑަކީ ހަގީގަތުގައިވެސް އުޑުގެ މަތިން މި ބިމަށް ބާވައިލެއްވުނު މާއްދާއެއްކަން ސާބިތުވުމުން، މި އާޔަތުގައިވާ އިލާހީ ވަހީގެ ފުރިހަމަކަން މިއަދު ވަނީ އެއްވެސް ޝައްކެއް ނެތި ހާމަވެފައެވެ.

ޒަމާނީ ސައިންސާއި ފަލަކީ އިލްމުވެރިންގެ ހޯދުންތައް
ފަލަކީ އިލްމުވެރިންނާއި އެސްޓްރޯފިޒިސިސްޓުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، ދަގަނޑަކީ އަޅުގަނޑުމެންގެ މި ދުނިޔޭގައި އުފެދުނު މާއްދާއެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އިރުގެ ނިޒާމުން ބޭރުގައި، އުޑުގެ މަތީގައިވާ ވަރަށް ބިޔަ ތަރިތަކެއްގެ ތެރޭގައި އުފެދުނު އެއްޗެކެވެ. ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، ދަގަނޑުގެ އެޓަމެއް އުފެއްދުމަށްޓަކައި އެތައް ސަތޭކަ މިލިއަން ޑިގްރީ ސެލްސިއަސްގެ ހޫނުމިނެއް ބޭނުންވާއިރު، އަޅުގަނޑުމެންގެ އިރުގެ މެދުތެރޭގައިވެސް ހުންނަނީ ގާތްގަނޑަކަށް 15 މިލިއަން ޑިގްރީ ސެލްސިއަސްގެ ހޫނުމިނެކެވެ. އެހެންކަމުން، އިރަށްވުރެ އެތައް ގުނައެއް ބޮޑެތި ތަރިތަކުގެ ތެރޭގައި ދަގަނޑު އުފެދުމަށްފަހު، އެ ތަރިތައް ގޮވައިގެންދާ ވަގުތު (ސުޕަނޯވާ) އެ ދަގަނޑުތައް ޖައްވުގެ ތެރެއަށް ބުރައިގެންގޮސް، ގިނިހިލަތަކުގެ ސިފައިގައި ދުނިޔެއަށް ވެއްޓި، ބިމުގެ ތެރެއަށް ގަރަގުވެގެން ދިޔައީއެވެ. މިއަދު ދުނިޔޭގެ ކޯރުގައި ހުރި ދަނގަޑާއި، ބިމުގެ ފަށަލަތަކުން ނަގާ ދަނގަޑަކީ މީގެ އެތައް ބިލިއަން އަހަރެއް ކުރިން އުޑުން މި ބިމަށް ބާވައިލެއްވުނު މާއްދާއެކެވެ.

ސައިންސްވެރިންގެ ބުނުންތަކާއި ހެކިތައް
މި މައުލޫއަށް ވާހަކަދެއްކެވި ދުނިޔޭގެ މަޝްހޫރު ސައިންސްވެރިން ވަނީ ދަގަނޑުގެ އަސްލާ ބެހޭގޮތުން ވަރަށް މުހިންމު ހަގީގަތްތަކެއް ހާމަކުރައްވާފައެވެ. އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) ގެ ކުރީގެ ސައިންސްވެރިއެއް ކަމަށްވާ ޕްރޮފެސަރ އާމްސްޓްރޯން މިކަމާ ބެހޭގޮތުން ވިދާޅުވެފައިވަނީ، ދުނިޔޭގައިވާ ދަނގަޑަކީ ބޭރު ޖައްވުން އައިސްފައިވާ އެއްޗެއްކަން ސައިންސްގެ އަލީގައި ޔަގީންވާ ކަމަށާއި، މީގެ 1400 އަހަރު ކުރިން ގުރުއާނުގައި އެކަން އެހާ ސާފުކޮށް ބަޔާންކޮށްފައި އޮތުމަކީ އިންސާނެއްގެ ވިސްނުމުން ލިޔެވޭނެ އެއްޗެއް ނޫން ކަމަށެވެ. ހަމައެފަދައިން، މަޝްހޫރު އެސްޓްރޯފިޒިސިސްޓް ޑރ. ޖޯން ގްރިބިން އޭނާގެ ދިރާސާތަކުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އަޅުގަނޑުމެންގެ ހަށިގަނޑުގެ ލޭގައި ހުންނަ ދަގަނޑުގެ ކޮންމެ އެޓަމަކީވެސް މީގެ ބިލިއަން އަހަރުތަކެއް ކުރިން ދުރު ހިސާބެއްގައި ގޮވި ބިޔަ ތަރިއެއްގެ ތެރޭގައި އުފެދި، ޖައްވުގެ ތެރެއިން ދުނިޔެއަށް އައިސްފައިވާ މާއްދާއެކެވެ. މީގެ އިތުރުން، ޖިއޮލޮޖިސްޓް ޑރ. ޒަގްލޫލް އައްނައްޖާރު ވިދާޅުވާ ގޮތުގައި، ގުރުއާނުގައިވާ ހަދީދު ސޫރަތަކީ މުޅި ގުރުއާނުގެ މެދުގައި އޮންނަ ސޫރަތަކަށް ވާއިރު، ދަނގަޑަކީވެސް ދުނިޔޭގެ އެންމެ މެދުގައި (ކޯރުގައި) ޖަމާވެފައިވާ މާއްދާއަކަށް ވުމަކީ އިއްތިފާގަކަށްވުރެ ބޮޑު އިލާހީ ހިކުމަތެކެވެ.

އިންސާނާގެ ހަށިގަނޑުގައި ދަގަނޑު އަދާކުރާ ދައުރު
އުޑުން ބާވައިލެއްވުނު މި މާއްދާއަކީ ހަމައެކަނި ދުނިޔޭގެ ބިމަށް މުހިންމު އެއްޗެއް ނޫނެވެ؛ އިންސާނާގެ ހަށިގަނޑު ހިނގަހިނގާ ހުރުމަށްޓަކައިވެސް ދަނގަޑަކީ އަސާސީ ބަހާއެކެވެ. ހަށިގަނޑުގައި ދަގަނޑު މައިގަނޑު ގޮތެއްގައި ހުންނަނީ ލޭގެ ރަތް ސެލްތަކުގައި އެކުލެވޭ "ހިމޮގްލޮބިން" ގައާއި، މަސްތަކުގައި ހުންނަ "މަޔޮގްލޮބިން" ގައެވެ. މީގެ އިތުރުން، ޗިސްމޭ އާއި ކަށީގެ މަދުގައި "ފެރިޓިން" ގެ ސިފައިގައި ދަގަނޑު ރައްކާކުރެވިފައި ހުރެއެވެ. އަހަރުމެން ނޭވާލާއިރު ފުއްޕާމެއަށް ވަންނަ އޮކްސިޖަން، ހަށިގަނޑުގެ އެންމެ ކުދި ސެލްތަކާ ހަމައަށް ފޯރުކޮށްދިނުމުގެ ބާރު ހިމޮގްލޮބިންއަށް ލިބެނީ އޭގައި އެކުލެވޭ ދަގަނޑުގެ އެޓަމްތަކުގެ ސަބަބުންނެވެ. ހަމައެއާއެކު، ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައި ކާނާ ހަކަތައަށް ބަދަލުކުރުމަށާއި، ކުޑަކުދިންގެ ސިކުނޑި ތަރައްގީވެ ހަނދާން ގަދަވުމަށާއި، ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ ދިފާއީ ނިޒާމު ވަރުގަދަކުރުމުގައިވެސް ދަގަނޑު އިސްދައުރެއް އަދާކުރެއެވެ.

ހަށިގަނޑުން ދަގަނޑު އުނިވުން މެދުވެރިވާ ސަބަބުތައް
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑު ނުލިބި، ރައްކާކުރެވިފައި ހުރި ދަގަނޑުގެ މިންވަރު ހުސްވަމުން ދިއުމަށް ކިޔަނީ "އަޔަން ޑެފިޝަންސީ" އެވެ. މިކަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދަގަނޑުގެ މާއްދާ އެކުލެވޭ ކާނާ ކަމަށްވާ މަސް، ފެހިކަންގަދަ ފަތްޕިލާވެލި، އަދި މުގު ފަދަ ތަކެތި ކެއުމުގައި މަދުވުން ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންގެ މައްސަރު ކަންތައްތަކުގައި އާދަޔާ ހިލާފަށް ލޭ ފޭބުމާއި، ގޮހޮރުގައި ޒަހަމެއް ހުރެގެން އެތެރެއަށް ލޭ ފޭބުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ބޭރުވުމަކީވެސް ދަގަނޑު އުނިވާ ސަބަބެކެވެ. ހަމައެފަދައިން، މާބަނޑު ދުވަސްވަރާއި ކުޑަކުދިން އަވަހަށް ހެދިބޮޑުވާ ދުވަސްވަރު ހަށިގަނޑަށް ދަގަނޑު ބޭނުންވާ މިންވަރު އިތުރުވުމާއި، ގޮހޮރުގެ ބައެއް ބަލިތަކުގެ ސަބަބުން ކާނާގައި ހުންނަ ދަގަނޑު ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއެޅުމަކީވެސް މި ހާލަތު މެދުވެރިވާ މުހިންމު ސަބަބުތަކެވެ.

ދަގަނޑު އުނިވުމުން ދިމާވާ ސިއްހީ ހާލަތްތަކާއި އަލާމާތްތައް
ހަށިގަނޑުން ދަގަނޑު އުނިވަމުން ގޮސް، ލޭގައި ހިމޮގްލޮބިން އުފެއްދޭ މިންވަރު ދަށްވުމުން ކުރިމަތިވާ އެންމެ ނުރައްކާތެރި ބައްޔަކީ "އަޔަން ޑެފިޝަންސީ އެނީމިއާ" ނުވަތަ ދަގަނޑުގެ ބައި މަދުވުމުން ލޭމަދުވުމެވެ. މި ހާލަތުގައި ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން އާދަޔާ ހިލާފަށް ވަރުބަލިވެ ގައިން ވަރުދޫވުމާއި، ހަންގަނޑާއި ލޮލުގެ ތިރީ ރަވައިގެ އެތެރެ ދޮންފޫޑުވުން ކުރިމަތިވެއެވެ. ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ހަމަކުރުމަށްޓަކައި ހިތުން އިތުރަށް މަސައްކަތްކުރަން ޖެހުމުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ނޭވާކުރުވެ، ދިގުލައިގެން ހިނގައްޖެނަމަ ހިތް ބޮޑުވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، ސިކުނޑިއަށް އޮކްސިޖަން މަދުވުމުން ބޮލުގައި ރިއްސުމާއި، ބޯއެނބުރުމާއި، ނިޔަފަތިތައް ތުނިވެ ސަމުސަލެއްގެ ބައްޓަމަށް ލެނބުމާއި، ބޮލުން އިސްތަށި ފޭބުން ފަދަ އަލާމާތްތައް ފެނެއެވެ. ބައެއް މީހުންނަށް ގަނޑުފެން، ވެލި، ނުވަތަ ކަރުދާސް ފަދަ ކާނާ ނޫން ތަކެތި ކާހިތްވުމުގެ އާދަ އުފެދޭއިރު، މާބަނޑު މީހުންނަށް ދުވަސްނުފުރާ ވިހެއުމާއި، ކުޑަކުދިންގެ ހެދިބޮޑުވުމާއި ވިސްނުމުގެ ބާރު ދަށްވުމުގެ ނުރައްކާ ކުރިމަތިވެއެވެ.

ދަގަނޑުގެ މާއްދާ ހަމަކުރުމާއި ރައްކާތެރިވުން
ހަށިގަނޑުގައި ދަގަނޑުގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށްޓަކައި ދުޅަހެޔޮ ކާނާގެ އާދަތައް ގެންގުޅުން ނުހަނު މުހިންމެވެ. ކާނާގައި ހުންނަ ދަގަނޑު ދެ ބަޔަކަށް ބެހޭއިރު، ޖަނަވާރުގެ ބާވަތްތަކުން ލިބޭ "ހީމް އަޔަން" (ރަތް މަސް، ކުކުޅު މަސް، ކަނޑުމަސް، މޭގަނޑު) އަކީ ހަށިގަނޑަށް އެންމެ ފަސޭހައިން ދަމައިގަންނަ ވައްތަރެވެ. ހަމައެއާއެކު، ގަސްގަހާގެހިން ލިބޭ "ނޮން-ހީމް އަޔަން" (ސްޕިނެޗް، މުގު، ބީންސް، ކަދުރު، ހިކި މޭބިސްކަދުރު) އަކީވެސް ދަގަނޑު ހޯދުމަށް މުހިންމު ވަސީލަތެކެވެ. އިލްމީ ހޯދުންތަކުން ދައްކާ ގޮތުގައި، ދަގަނޑު އެކުލެވޭ ކާނާއާއެކު ވިޓަމިން ސީ އެކުލެވޭ ބާވަތްތައް (ލުނބޯ، އޮރެންޖް، ފޭރު) ބޭނުންކުރުމުން ހަށިގަނޑަށް ދަގަނޑު ދަމައިގަންނަ މިންވަރު އެތައް ގުނައަކަށް އިތުރުވެއެވެ. ނަމަވެސް، ކެއުމާ ވިދިގެން ސައި ނުވަތަ ކޮފީ ބުއިމަކީ އޭގައި ހުންނަ "ޓެނިންސް" ގެ ސަބަބުން ދަގަނޑު ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅާ ކަމަކަށްވާތީ، ކެއުމާ ދުރުކޮށް ސައި ނުވަތަ ކޮފީ ބުއިން ބުއްދިވެރިއެވެ.

ނިންމުން
ކީރިތި ގުރުއާނާއި ޒަމާނީ ސައިންސްގެ ހޯދުންތަކަށް ނަޒަރު ހިންގާލުމުން، ކާއިނާތުގެ ހުރިހާ ކަމެއް ގުޅިލާމެހިފައިވާ ފުރިހަމަކަން ހާމަވެގެންދެއެވެ. ޓެލެސްކޯޕްތަކާއި ޒަމާނީ ލެބޯޓްރީތައް ނެތް ޒަމާނެއްގައި، ދަނގަޑަކީ މަތިން ބާވައިލެއްވި އެއްޗެއްކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވުމާއި، އަދި ހަމަ އެ މާއްދާ އިންސާނާގެ ހަށިގަނޑުގެ އެންމެ އަސާސީ ދިރުމާ ގުޅުވާފައިވުމަކީ، މުޅި ކާއިނާތާއި އިންސާނާ ހެއްދެވި މާތްﷲ ގެ ކުޅަދުންވަންތަކަމުގެ އަލިގަދަ ހެއްކެކެވެ. އެހެންކަމުން، މި އިލާހީ ނިއުމަތާމެދު ފިކުރު ހިންގައި، ހަށިގަނޑުން ދަގަނޑު އުނިވިޔަނުދީ ރައްކާތެރިކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ކޮމެންޓް