މޫސުން އެޕް އިފްތިތާހުކުރުން.--- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ލިބޭނެ މޫސުން އެޕް އިފްތިތާހުކޮށްފި
މަރްޔަމް މުޙައްމަދު 9 ނޮވެމްބަރ 2026 (ހޯމަ)   07:35
މޫސުމާ ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެހެން، ޒަމާނީ ބަދަލުތަކާއެކު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގެ ރަސްމީ ވެބްސައިޓާއި "މޫސުން" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އާދީއްތަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމްތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފެވެ.

މެޓް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، ކުރީގެ އެޕްލިކޭޝަނުން ރާއްޖޭގެ ފަސް ސްޓޭޝަނެއްގެ މަޢުލޫމާތު ލިބުނު ނަމަވެސް، އަލަށް ގެނެވުނު ބަދަލުތަކާއެކު މީހުން ދިރިއުޅޭ ރަށްރަށާއި، ރިޒޯޓުތަކާއި، ސިނާޢީ ރަށްތަކާއި، އެއާޕޯޓުތައް އަދި ފަޅުރަށްތައް ހިމެނޭހެން ޖުމްލަ 516 ސަރަހައްދެއްގެ މޫސުމީ މައުލޫމާތު މިހާރު ލިބިގެންދާނެއެވެ.

މީގެއިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ މޫސުން ލަފާކުރާގޮތް ކޮންމެ ތިން ގަޑިއިރަކުން އަޕްޑޭޓުވަމުންދާނެ ކަމަށާއި، ރާއްޖޭގައި ގާއިމުކޮށްފައިވާ ވެދަރ ރާޑަރުތަކާއި ސެޓެލައިޓް ފޮޓޯތަކުގެ އިތުރުން ބިންހެލުމާ ގުޅޭ މައުލޫމާތުވެސް ފަސޭހަކަމާއެކު ބަލައިލެވޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ މި އެޕްލިކޭޝަން މެދުވެރިކޮށް މޫސުމީ ކުއްލި އިންޒާރުތައް ޕުޝް ނޮޓިފިކޭޝަންގެ ގޮތުގައި ވަގުތުން ލިބިގެންދާނެކަމަށް މެޓް އޮފީހުން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވިދާޅުވީ މި ބަދަލުގެ މައިގަނޑު ބޭނުމަކީ ޢާންމުން ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ޞައްޙަ އަދި ތަފްޞީލީ މަޢުލޫމާތު ލިބޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ މީގެ ކުރީގެ ތަޖުރިބާތަކަށާއި ޢާންމުން ބޭނުންވާ މުހިންމު ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ދިވެހި ޓީމެއްގެ ބުރަ މަސައްކަތުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޑިޖިޓަލް ޕްލެޓްފޯމްތަކަކީ މޫސުމީ ކާރިސާތަކުން ރައްކާތެރިވުމަށް އަވަހަށް އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި މެޓް އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "ތައްޔާރު" މަޝްރޫޢުގެ ދަށުން ތަރައްގީކުރެވުނު ވަސީލަތްތަކެކެވެ.

މި މަޝްރޫޢަށް ޚަރަދުކޮށްފައި ވަނީ ޗައިނާ ސަރުކާރުގެ "ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު" ގެ އެހީގައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ރަސްމީ މޫސުމީ ލަފާކުރުންތަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ މަޢުލޫމާތު އަދި މޫސުމީ އިންޒާރުތައް، އެ މަޢުލޫމާތަށް އެންމެ ބޭނުންވާ ފަރާތްތަކަށް އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެއިތުރުން މި ޕްލެޓްފޯމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މުޖުތަމަޢުގެ އެންމެންނަށް ވެސް ބޭނުންކުރެވޭނެ ފަދަ ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެޓް އޮފީހުގެ އާ ވެބްސައިޓް އާންމުކޮށް ހުޅުވާލާފައިވާއިރު، އަލުން ފަރުމާކުރި "މޫސުން" އެޕްލިކޭޝަން، އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓް