ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް.-- ފޮޓޯ: މަޖިލިސް
އަބުރާ ބެހުމުން ފަސްލައްކަ ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް ބިލެއް ހުށަހަޅައިފި
ހިޝާމް ހާރޫން 9 ނޮވެމްބަރ 2026 (ހޯމަ)   16:06
އަބުރާ ބެހުމުން ފަސްލައްކަ ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު މެންދުރުފަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ.

މަޖިލީހުގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ އެ ބިލުގައިވާ ގޮތުން ބިލުގެ މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކުރުމެވެ. އަދި މީހެއްގެ އަބުރަށް އުނިކަމެއް އަންނަ ހާލަތުގައި، ޝަރީއަތުގެ މަރުހަލާގެ ކުރިންނާއި ޝަރީއަތުގެ ތެރެއިން ހައްގު ހޯދައިދިނުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

ބިލުގައިވާ ގޮތުން ގާނޫނު ހިނގާނީ ފަރުދުންނާއި، ގާނޫނީ ޝަހްސުތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކާއި، އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާ ހިމެނޭގޮތަށް ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. އަދި ރާއްޖޭން ބޭރުގައި ކުރާ އަމަލަކުން ރާއްޖޭގައި މީހެއްގެ އަބުރަށް ގެއްލުން ލިބުނަސް މި ގާނޫނު ހިނގާނެއެވެ. 

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މި ބިލް މަޖިލީހަށް ހުށަހަޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބިލުގައި އޮތްގޮތުން، ކިޔާ ލަވައަކުންވެސް، ޓީވީއަކުން ދައްކާ ޚަބަރަކުންވެސް، ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓަކުންވެސް މީހަކާބެހޭ ގޮތުން ދޮގެއް ހަދައިފިނަމަ އަބުރާބެހުނުކަމަށް ބެލެވޭނެ ކަމަށެވެ.

މި ބިލުގައި އަބުރާ ބެހުން މާނަކޮށްފައިވަނީ ދައްކާ ވާހަކައަކުން ނުވަތަ ދޭ މައުލޫމާތަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ އިންޓަނެޓާއި ޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭ މައުލޫމާތު މެދުވެރިކޮށް ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން އެ ބަސް ނިސްބަތްވާ ފަރާތަކަށް ކުރަމުން އައި އިހުތިރާމު ގެއްލި، އެ ފަރާތާ މެދު މުޖުތަމައުގައި ނަފުރަތު އުފެދޭ ގޮތް މެދުވެރިވުމަށެވެ.

އަބުރާ ބެހުމުގެ ދައުވާއެއް އެއް އަހަރު ހަމަވުމުގެ ކުރިން އުފުލަންޖެހޭނެކަމަށް މި ބިލުގައި އޮވެއެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭ ގޮތެއް ނިންމަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައިވާ ނަމަ އެ ބަހެއް ނުވަތަ މައުލޫމާތެއް އަބުރާ ބެހެވޭ ފަރާތަށް ނިސްބަތްވާނެ ކަމަށް ބެލެވޭނެ އެވެ. އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައި ނެތް ނަމަވެސް މައުލޫމާތު ދިނުމުގައި އެ ފަރާތަށް އިޝާރާތްކުރެވޭކަން ގަބޫލުކުރެވޭނަމަ އެ ބަހެއް ނިސްބަތްވަނީ އެ ފަރާތަށް ކަމަށް ބެލެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

އަބުރާ ބެހުނު ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ދައުވާކުރި ފަރާތުން އެދިފައިވާނަމަ، އަދި އެކަން ސާބިތުވާނަމަ ކޯޓުން ބަދަލު ނަގައިދޭން ވާނެ ކަމަށް ވެސް އެ ބިލުގައި ހިމަނައިފައިވެއެވެ.

އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި ހިމަނައިފައި ވެއެވެ.

ކޮމެންޓް