ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.-- ފޮޓޯ: މަޖިލިސް
ރިއަލް އެސްޓޭޓް ބިލާއެކު މުހިންމު ހަތަރު ބިލެއް މާދަމާއަށް އެޖެންޑާކޮށްފި
ހިޝާމް ހާރޫން 15 ނޮވެމްބަރ 2026 (އާދީއްތަ)   16:33
ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްގީކުރުމުގެ ދާއިރާއަށް ހާއްސަކޮށްގެން އެކުލަވާލާ ފުރަތަމަ ގާނޫނު "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ހިމެނޭހެން ހަތަރު ބިލެއްގެ ބަހުސް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖުމްހޫރީ ދުވަހާއެކު އައި ހަފްތާ ބަންދަށްފަހު މާދަމާ މަޖިލީހުގެ ޖަލްސާތައް ފެށޭ އިރު، މުހިންމު ބިލުތަކެއްގެ މަސައްކަތުގެ އިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

އިބްތިދާއީ ބަހުސް އަށް އެޖެންޑާކޮށްފައިވާ ބިލްތަކަކީ؛

  • ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު
  • މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލު
  • ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު


ރިއަލް އެސްޓޭޓްގެ ބިލު ހުށަހަޅާފައި މިވަނީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމެއް ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ބަޖެޓް ބަހުސް ތާވަލުކޮށްފައިވާއިރު، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ކަނޑައަޅާފައިވާ ސުންގަޑިއަކީ މި މަހުގެ 19ވަނަ ދުވަހެވެ.

ކޮމެންޓް