މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް.--
ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވާގޮތަށް ދައްކާ ވާހަކަތަކުގެ ގެއްލުން ޖީލުތަކަށް ދެމިގެންގޮސްދާނެ
މަރްޔަމް މުޙައްމަދު 10 ނޮވެމްބަރ 2026 (އަންގާރަ)   08:52
ދިވެހިރާއްޖެއާއި ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާގޮތަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން ލިބޭ ގެއްލުން ޖީލުތަކަށް ދެމިގެން ގޮސްދާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ކެބިނެޓް މިނިސްޓަރުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ "އަހާ" ފޯރަމްގެ ސިލްސިލާގެ ތެރެއިން ރޭ ބޭއްވި ފޯރަމްގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ރާއްޖޭން މިހާތަނަށް 186 ޤައުމާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާއިރު އިތުރު ގައުމުތަކާވެސް ގުޅުން ބަދަހިކުރުމަށާއި، މިހާރު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ.

އިރުތިޝާމް ވިދާޅުވީ، ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށާއި އެހެނިހެން ދާއިރާތަކުން އެކި ގައުމުތަކުން އެހީތެރިކަން ލިބެނީ ޚާރިޖިއްޔާއިން ކުރާ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ނަމަވެސް، އެ ގުޅުމަށް އަސަރުކުރާފަދަ ގޮތަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން ގުޅުންތައް ހީނަރުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ. 

ރަސްމާލެ މަޝްރޫޢަށް އިޝާރާތް ކުރައްވައި އިރުތިޝާމް ވިދާޅުވީ، އެ މަޝްރޫޢާ ގުޅުވައިގެން ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ނިސްބަތްވާ ޤައުމާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މީގެ ސަބަބުން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އިންވެސްޓްމަންޓުތައް ނުދިނުން ފަދަ ކަންކަން ދިމާވުން އެކަށީގެންވާތީ، އެފަދަ ވާހަކަތައް ނުދެއްކުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ޚާރިޖީ ސިޔާސަތުގެ ދަށުން ދޭދޭ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާއިރު އެ ގުޅުމަށް އަސަރުކުރާނެފަދަގޮތަށް މަސައްކަތް ކުރުމަކީ އެ ގައުމުތަކަށް ދަތުރުކުރުމުގައިވެސް ދަތިކަމެއް ކުރިމަތިވެދާނެ ކަންކަން. ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުކޮށް އުޅޭއިރު ދިވެހިރާއްޖޭގެ ރީތި ނަމާއި ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިފަހައްޓައި އެހެން ގައުމުތަކުގެ އަދަބާއި އެ ގައުމުތަކުގެ ޤާނޫނަށްވެސް އިހްތިރާމް ކުރައްވައިގެން ރާއްޖޭގެ ރައްޔިތުންނަށް އެ ލިބިފައިވާ ފައިދާތައް ނުގެއްލޭ ގޮތަށް މަސައްކަތް ކުރަން،" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ބިނާކުރެވޭނެ ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރާއްޖެއަށް މުހިންމު ޚިދުމަތްތަކެއް ލިބި، ޑޮލަރުގެ މައްސަލަ ހައްލުވެ، ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ މުހިންމު މަޝްރޫއެއްކަންވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް