އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަދާލާތު ޕާޓީ
ދީނާއި ގައުމުގެ މިނިވަންކަމަށް އޮތް ގޮންޖެހުމަކަށްވާތީ، ބިދޭސީންނަށް ރެޒިޑެންސީ ލިބޭ މަޝްރޫއުތައް ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލައިފި
ބޭރުގެ ފަރާތްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުން މިހާރެކޭ އެއްގޮތަށް ޗުއްޓީ ހޭދަކުރުމަށް އައުމަކީ މައްސަލައެނޫން - އަދާލަތު ޕާޓީ
ހިޝާމް ހާރޫން 11 ނޮވެމްބަރ 2026 (ބުދަ)   13:37
ބިދޭސީންނަށް ރާއްޖޭގައި ދިގު މުއްދަތަށް ވަޒަންވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް މިސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި އިންވެސްޓްމަންޓް ޕްރޮގްރާމްތަކަކީ ދީނާއި މިވަންކަމާއި، ސަލާމަތަށް އޮތް ގޮންޖެހުމަކަށްވާތީ، އެފަދަ މަޝްރޫއުތައް ހުއްޓާލުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން މިކަމަށް ގޮވާލާފައިވަނީ ރާއްޖޭގައި އިންވެސްޓްކުރާ ބިދޭސީންނަށް ޕްރޮޕަޓީ ގަތުމުގެ ޒަރީއާއިން ދިގު މުއްދަތުގެ ރެޒިޑެންސީ ނުވަތަ ހޯމްއޯނަރޝިޕް ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ގަރާރެއްގައެވެ.

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ގައުމީ ސިޔާދަތަށް ނުރައްކާވެ، ރާއްޖޭގެ ބިންބިމާއި މިނިވަންކަމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމުގެ ކަންބޮޑުވުމަކީ ދީނީ އިލްމުވެރިންނާއި، ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންގެ މެދުގައި ވެސް މިހާރު އޮތް ވަރަށް ބޮޑު މައްސަލައެކެވެ.

ވަކިން ހާއްސަކޮށް، ރާއްޖޭގެ ބިން މިލްކުކުރުމާއި ދިގު މުއްދަތަށް ބިދޭސީން ވަޒަންވެރިކުރުމުގެ އިންތިޒާމުތަކާ މެދު އިދިކޮޅު ފަރާތްތަކުންނާއި މުޖުތަމައުގެ އެކި ދާއިރާތަކުން ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މިސަރުކާރުން ހިންގުމަށް ރާވާފައިވާ އެފަދަ އެންމެބޮޑު މަޝްރޫއެއްގެ ގޮތުން ފާހަގަކޮށްލެވޭ ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެ ދަށުން ގައުމީ ހަރަކާތެއް ވެސް މިހާރު ވުޖޫދުވެ ހަރަކާތްތެރިވާން ފަށާފައި ވާކަން ފާހަގަކޮށްލެވެއެވެ.

އެފަދަ މަޝްރޫއުތައް ނުހިންގުމަށް ގޮވާލާ އަދާލަތު ޕާޓީން މިއަދު ނެރުނު ގަރާރުގައި ފާހަގަކޮށްފައިވަނީ، މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އޭގެ ސަބަބުން ގައުއުމުގެ އިގުތިސޯދަށާއި އިޖުތިމާއީ ފޭރާމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކަށް ފުންކޮށް ވިސްނަންޖެހޭ ކަމަށާ، މިފަދަ ކަންކަން ނިންމުމުގައި ދެފުށް ފެންނަ، އުސޫލުތަކެއް ގެންގުޅެ، ރައްޔިތުންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން، ގާނޫނީ ހަމަތަކުގެ މަތިން އަދި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމައަށް ރައްކާތެރިކުރެވިގެން މެނުވީ، ބިދޭސީންނަށް ދިގު މުއްދަތުގެ ރެޒިޑެންސީ ދިނުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިޔުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އަދާލަތު ޕާޓީން ނެރުނު ގަރާރުގައި އިލްތިމާސް ކޮށްފައި ވެސް ވެއެވެ.

"އިސްލާމީ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން، އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް ފަދަ މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ، ސިންދަފާތު ކުރެވިފައިވާ ވިލުންތެރި އިގުތިސޯދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް އަދާލަތު ޕާޓީއިން ދެކެމެވެ." - އަދާލަތު ޕާޓީ

އަދާލަތު ޕާޓީން މި ބަޔާން ނެރެފައި ވާއިރު، ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް، އަންނަ ހުކުރުދުވަހުގެ ރޭ ބޮޑު ރެލީއެއް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައި "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން އެކަމަށް ހާއްސަ ލޯގޯއެއް ވެސް ތައާރަފްކޮށްފައި ވާއިރު، ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމާމެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓެއް ނެގުމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ގަރާރެއް ވެސް ފާސްކޮށްފައެވެ.

އަދި ސަރުކާރުން އެކަމަށް އިޖާބަ ނުދީފިނަމަ، ސިޔާސީ އެހެން ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުންނާނެ ކަމުގެ އިންޒާރުވެސް އެމްޑީޕީން ވަނީ ދީފައެވެ.

އަބޫދާބީގެ ވިޔަފާރި ކުންފުނި، އީގަލް ހިލްސްއަށް ރަސްމާލެއިން ބޮޑު ބައެއް ދިނުމަށް މި ސަރުކާރުން ނިންމުމުން އެ މައްސަލަ، މިހާރު ރާއްޖޭގައި އެންމެ ހޫނުވެފައިވާ މައްސަލައިގެ ގޮތުގައި ފާހަގަ ކޮށްލެވޭއިރު، އެކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 500 ހެކްޓަރުގެ ބިން 99 އަހަރަށް، ސަރުކާރުން ބުނާ ގޮތުގައި އެއްވެސް އެކްކިއުޒިޝަން ފީ ނުވަތަ ރެންޓެއް ނުދީ، 99 އަހަރަށް ކުއްޔަށް ދީފައިވުން ހިމެނެއެވެ.

އަދި އެ ލީސް ވިއްކުމުން ނުވަތަ ވިރާސަތުކުރުމުން އަލުން 99 އަހަރު ފެށޭ (ރޯލިންގ ލީޒް) އުސޫލަކަށް އެކަން ވުމާއެކު، އެ އެއްބަސްވުމުގެ ތަފްސީލް ހާމަނުކުރުން ވެސް މިކަމުގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގަ އާއި ދީނީ އިލްމުވެރިންގެ މެދުގައި ވެސް މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި މައްސަލަ، ނުވަތަ މި މަޝްރޫއު ޓެންޑަރ ކުރުމެއް ވެސް ނެތުމާއި، އަގު ކަނޑައަޅުމެއް ވެސް ނެތުމުން އެކަމާ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި، އާންމުން ވެސް ބޮޑެތި ސުވާލުތަކެއް އުފައްދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އަދި މިކަމުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ، އިސްރާއީލުގެ ގުޅުންތަކާ ބެހޭ ބިރު އޮތުންކަމަށް ގިނަ ބަޔަކު ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އެގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އިސްރާއީލާ އެކުގައި އުފައްދާފައިވާ ގުޅުންތަކާ ބެހޭ ޚަބަރުތަކެއް ވެސް މަންޒަރާއެކުގައި ދައުރުވަމުން އަންނައިރު، އެކަންކަމުގެ ސަބަބުން ވެސް، ރަސްމާލެ ޔަހޫދީންގެ ސެޓަލްމަންޓަކަށް ބަދަލުވާނެ ކަމުގެ ބިރު ފޯރާފައި އޮތުމުން، ދީނީ އިލްމްވެރިންގެ ގުޅުންތަކުން ވެސް އެކަމުގެ އިންޒާރުތައް މި ސަރުކާރަށް ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، މި އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވައެވެ.

ނަމަވެސް މި ސަރުކާރުން ބުނާގޮތުގައި ރަސްމާލެއިން "އެންމެ އިންޗިއެއް ވެސް" ބޭރުގެ ބަޔަކަށް ދީފައެއް ނުވަތަ ވިއްކާލާފައެއް ވެސް ނުވާނެއެވެ. އަދި އެ ބިން ދައުލަތުގެ މިލްކިއްޔާތުގައި އަބަދުމެ އޮންނާނެ ކަމަށާ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފެންނާނެ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ކަމަށްވާއިރު، މިކަމުގެ ސަބަބުން 54،000 ވަޒީފާ އުފެދި، އާންމުންނަށް 5،000 ހައުސިން ޔުނިޓް އެޅިގެން ދާނެކަމަށް ވެސް މިސަރުކާރުން ބުނެއެވެ.

ކޮމެންޓް