ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައި.-- (ފައިލް ފޮޓޯ)
ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ، ކެޕްޓަނަށް ފަރުވާދެނީ
10 ނޮވެމްބަރ 2026 (އަންގާރަ)   09:12
ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ ލޯންޗްގެ ކެޕްޓަނަށް ލިބުނު އަނިޔާތަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:00 ހާއިރު އެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:30 ހާއިރު އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ ލޯންޗްގެ ކެޕްޓަންކަން ކުރާ އެމީހާއަށް ލިބުނު އަނިޔާތަކުގެ ތެރޭގައި އޭނާގެ ކަރާއި މޭމަތި ވަނީ ފިހިފައެވެ. އޭނާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނިގޮތުގައި އަލިފާނުގެ ހާދިސާ ހިނގިއިރު ލޯންޗްގައިހުރީ ކެޕްޓަން އެކަންޏެވެ.

އަލިފާން ރޯވުމުގެ ސަބަބުން އެ ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް