
އެމްއެންޑީއެފްއިން މައުލޫމާތު ދިންގޮތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ ހެނދުނު 06:05 ހާއިރު އެވެ.
މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އަލިފާން ރޯވި އިމާރަތަށް އެކިވަރުގެ ގެއްލުން ލިބުނުނަމަވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވެއެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އޮފީހުގައި ހުރި އޭސީއެއްގައެވެ. ރޯވާން ދިމާވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.
އެ އިމާރާތުގައި އެ އެސޯސިއޭޝަނުގެ އިދާރީ ކަންކަމަށް ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ލިޔެކިޔުންތައް ހުރިކަމަށާއި ލިބިފައިވާ ގެއްލުމަށް ބަލާއިރު، ގިނަ ތަކެތި ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަމަށްވެސް ހޭންޑްބޯލް ޖަމުއިއްޔާގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ.
ހޭންޑްބޯލް މޯލްޑިވްސްގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ހެނދުނު 06:21 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.




