ރައީސް ނަޝީދު، އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓެއް ނުހޯދޭނެ
ހަސަން އިބްރާހީމް 10 ނޮވެމްބަރ 2026 (އަންގާރަ)   13:19
ސަރުކާރުން ވަޒީފާ ބަހައިގެން ވޯޓު ހޯދަން މަސައްކަތް ކުރި ނަމަވެސް، އެގޮތަށް ރައްޔިތުންގެ ވޯޓު ނުހޯދޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ސަރުކާރުން ސިޔާސީ ބޭނުމަށް ގިނަ އަދަދަކަށް ވަޒީފާތައް އުފައްދަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި ވެސް އަދި ކައުންސިލް އިންތިހާބުތަކުގައި ވެސް ވަޒީފާ ބަހައިގެން އެއްވެސް ސަރުކާރަކަށް ވޯޓު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މީގެއިތުރުން، މިހާރުގެ ސަރުކާރުން ކުރަމުންދާ އިސްރާފު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ދޭ ވަޒީފާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި ސަރުކާރުގެ އުންމީދަކީ މި ދެވޭ ވަޒީފާތަކުގެ ސަބަބުން ސަރުކާރަށް ވޯޓެއް ލިބިދާނެ ކަމުގެ އުންމީދުކޮށްގެން ތިބުން. އެހެންނަމަވެސް ސަރުކާރަށް އެނގިވަޑައިގަންނަވަންވީ ހަގީގަތްތަކެއް އެބަހުރޭ. އެއްވެސް ސަރުކާރަކުން ވަޒީފާ ބަހައިގެނެއް ވޯޓެއް ނުލިބުނު،" - ނަޝީދު

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ސަރުކާރުގެ އެކި ދާއިރާތަކަށް އިތުރުކުރި މުވައްޒަފުންގެ އަދަދު ވަނީ ހަ ހާހަށްވުރެ މައްޗަށް އަރާފަ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ހަރަދުގެ ގޮތުގައި އެކަނިވެސް 14.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މިފަދަ ބޮޑު ހޭދައެއް ވަޒީފާތަކަށް ކުރަމުން ދަނީ ގައުމުގެ އިގްތިސާދީ ހާލަތަށް ނުބަލައި، ސިޔާސީ މަންފާއަށް ކަމަށް ބުނެ ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ކޮމެންޓް