
އެލްޖީއޭ އިން މިމަހުގެ ތިންވަނަ ދުވަހު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައި ވާދަކޮށް ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ޝުޖާއު، ކައުންސިލްގެ ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ޝުޖާއު ކައުންސިލްގެ ރައީސްކަމުގެ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި، އެ މަގާމު މިހާރު ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް އެލްޖީއޭގެ ބަޔާނުގައި ވެއެވެ.
އެ މައްސަލާގައި އެމްޑީޕީން ކޯޓަށް ދާން ނިންމިކަން އިއުލާނު ކުރެއްވީ އެޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ތިނަދޫގެ ކައުންސިލަރު ވަކި ކުރުމުގެ މައްސަލަ އަޅުގަނޑުމެން މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅާނަން. މިހާރު ޕާޓީގެ ގާނޫނީ ޓީމުން އެ މަސައްކަތް ކުރަމުންދަނީ،" ނަޝީދު ވިދާޅުވި އެވެ.
ޝުޖާއު އެމްޑީޕީއަށް ސޮއި ކުރީ ދަ ޑިމޮކްރެޓްސް އުވާލާފައިވާކަން އެ ޕާޓީއަށް އެންގުމުންނެވެ. ނަމަވެސް ރަސްމީކޮށް ޕާޓީ އުވާލީ ޝުޖާއު އެމްޑީޕީއަށް ސޮއި ކުރި ފަހުންނެވެ.




