ކުރިއަށް އޮތް ފަސްދުވަހުގެ މޫސުމީ ލަފާ
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރަ ކުރިއަށް އޮތް ފަސް ދުވަހުވެސް ދެމިގެންދާނެ - މެޓް
ޖުމްހޫރީ ދުވަހާއި ހަފުތާ ބަންދާ ގުޅިގެން ގިނަ ބަޔަކު ދަތުރުފަތުރުކުރަމުންދާތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރޭ
މަރްޔަމް މުހައްމަދު 12 ނޮވެމްބަރ 2026 (ބުރާސްފަތި)   12:25
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނެކަމަށް ކުރިން ލަފާކޮށްފައި އޮތް ނަމަވެސް، އިތުރު ފަސް ދުވަހަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީސް (މޫސުމާބެހޭ ގައުމީ މަރުކަޒް) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، އުތުރުގެ ރަށްތަކަށް މޫސުން މަޑުމަޑުން އަލިވާން ފެށި ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވިއްސާރަކުރުން އެކަށީގެންވެއެވެ. މީގެ އިތުރުން، މި ދުވަސްވަރު އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ޖުމްހޫރީ ދުވަހާއި ހަފުތާ ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމާ އެކު، ގިނަ ބަޔަކު ދަތުރުފަތުރުކުރަމުންދާތީ، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދުނިޔޭގެ މޫސުމަށް މިހާރު އަންނަމުންދާ ބަދަލުތަކާއި، މޫސުމީ ވިއްސާރަ ވިލާތަކުގެ ސަބަބުން ކުރާ ކަމެއް ކަމަށް ދުނިޔޭގެ މޫސުން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ މޫސުމަށް މިހާރު އެންމެބޮޑު ބަދަލެއް ގެނުވަނީ މިހާރު ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލްނީނޯގެ ސަބަބުން ކަމަށް މޫސުމާބެހޭ ފަރާތްތަކުން ބުނާއިރު، އެލްނީނޯގެ ސަބަބުން ދުވަސްތަކެއްގައި ވިއްސާރަ ވެހުމަށްވުރެ ބޮޑަށް، މޫސުމީ މައިގަނޑު ސިފަތަކަށް ކުއްލި ބަދަލުތައް ގެނުވާ ކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

އެލްނީނޯ (El Nino) ގެ އަސަރަކީ ކުއްލިއަކަށް ފިލައިގެންދާ ކަމަކަށް ނުވާއިރު، މިއީ ކަނޑުގެ ފިނިހޫނުމިން ބަދަލުވަމުންދާ ދިގު މުއްދަތުގެ ކްލައިމެޓް ސައިކަލެއް ކަމަށް، ބައިނަލްއަގުވާމީ މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ.

މިހާރު ކުރިއަށްދާ އެލްނީނޯގެ އަސަރު އެންމެ ބޮޑަށް އިންތިހާއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ވާއިރު، މި ހޫނު އުދަރެހާއި އަސަރުތައް 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ވީމާ، އެލްނީނޯ މުޅިން ކެނޑި ދުނިޔޭގެ މޫސުން އާންމު ހާލަތަކަށް އަންނާނީ އަންނަ 2027 ބަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ބައިނަލްއަގުވާމީ މޫސުމާބެހޭ އިދާރާތަކުން ބުނެއެވެ.

ކޮމެންޓް