އަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން އާއި އެޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން.-- ފޮޓޯ: އަދާލަތު ޕާޓީ
ޕީއެންސީއާއެކު އިއްތިހާދުވުމަށް އަދާލާތު ޕާޓީން ނިންމައިފި
ހަސަން އިބްރާހީމް 15 ނޮވެމްބަރ 2026 (އާދީއްތަ)   00:55
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިހާދުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރަން މަސައްކަތްކުރަން އަދާލަތު ޕާޓީން ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކޮށް އާންމުކުރި ގަރާރުގައި ބުނެފައި ވަނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައިވެސް ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ކޯލިޝަން މެންބަރެއްގެ ގޮތުގައި ޕީއެންސީއާއެކު މަސައްކަތް ކުރާނެ ކަމަށެވެ.  

ގަރާރުގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދެވެ.

ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އަދާލަތުން ތާއީދުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށެވެ.

އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ވެރިކަން ވައްޓާލުމަށްފަހު އޭރުގެ ނައިބުރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ރައީސްކަމުގައިވެސް އަދާލަތު ޕާޓީން އެ ސަރުކާރާއެކު މަސައްކަތް ކުރިއެވެ. އަދި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ އިންތިހާބު މިއަހަރުގެ ޖެނުއަރީ މަހު ބޭއްވިއިރު، އެ މަގާމު ކާމިޔާބު ކުރެއްވީ ޝައިޚް މުހައްމަދު ޝިފާން އެވެ. ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ރައީސް ޝިފާން އަށް ދިނުމަށްވެސް މިރޭ ފާސްކުރި ގަރާރުގައި ވަނީ ހިމަނާފައެވެ.  

އަދާލަތުގެ މިހާރުގެ ރައީސް ޝިފާންގެ ކުރިން އެ މަގާމު ފުރުއްވި ޝައިޚް އިމްރާން އަބްދުالله ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއްބޭފުޅަކީ އިމްރާނެވެ.

ކޮމެންޓް