އަދާލަތު ޕާޓީ އާއި ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުން.--- ފޮޓޯ: ޕީއެންސީ
އަދާލަތު ޕާޓީން ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވެއްޖެ
ހިޝާމް ހާރޫން 16 ނޮވެމްބަރ 2026 (ހޯމަ)   18:12
އަދާލަތު ޕާޓީ އިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިގެން މަސައްކަތް ކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕީއެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޝިފާން ވިދާޅުވީ ސަރުކާރާ އެކު މަސައްކަތް ކުރަން ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިތުރުން އަތޮޅުތަކުގައި ތިބި މެންބަރުންނާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ސަރުކާރާ އެކު މަސައްކަތް ކުރަން އަދާލަތުން ނިންމީ ރައީސް މުއިއްޒުގެ ވެރިކަމުގައި ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅުކުރައްވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި މިވަނީ، ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު އިއްތިހާދުވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ފަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަދާލަތު ޕާޓީން ފާސްކޮށް އާންމުކުރި ގަރާރުގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދެވެ.

ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އަދާލަތުން ތާއީދުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށެވެ.

އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ވެރިކަން ވައްޓާލުމަށްފަހު އޭރުގެ ނައިބުރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ރައީސްކަމުގައިވެސް އަދާލަތު ޕާޓީން އެ ސަރުކާރާއެކު މަސައްކަތް ކުރިއެވެ. އަދި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ އިންތިހާބު މިއަހަރުގެ ޖެނުއަރީ މަހު ބޭއްވިއިރު، އެ މަގާމު ކާމިޔާބު ކުރެއްވީ ޝައިޚް މުހައްމަދު ޝިފާން އެވެ. ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ރައީސް ޝިފާން އަށް ދިނުމަށްވެސް މިރޭ ފާސްކުރި ގަރާރުގައި ވަނީ ހިމަނާފައެވެ. 

އަދާލަތުގެ މިހާރުގެ ރައީސް ޝިފާންގެ ކުރިން އެ މަގާމު ފުރުއްވި ޝައިޚް އިމްރާން އަބްދުالله ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއްބޭފުޅަކީ އިމްރާނެވެ.

ކޮމެންޓް