މުހައްމަދު އަލައްބާރު: ބެންކޮކްގައި ދުނިޔޭގެ އެންމެ އުސް އިމާރާތް އެޅުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައި.--
އަލައްބާރު، ފަސް ބިލިޔަން ޑޮލަރުގެ މަޝްރޫއެއް ބެންކޮކްގައި ހިންގުމަށް ޕްލޭން ހާމަކޮށްފި
ހަސަން އިބްރާހީމް 14 ނޮވެމްބަރ 2026 (ހޮނިހިރު)   15:43
ރަސްމާލޭގައި ޕްރޮޖެކްޓް ހިންގަން މަސައްކަތްކުރާ އީގަލް ހިލްސް އިން ތައިލެންޑުގެ ބެންކޮކުގައި 5 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި، ތަފާތު ބޭނުންތަކަށް ހާއްސަ މަޝްރޫއެއް ހިންގުމުގެ ޕްލޭންތައް ހާމަކޮށްފިއެވެ.

ޔޫއޭއީގެ އެމާރް ޕްރޮޕަޓީސް އަދި އީގަލް ހިލްސްގެ ޗެއާމަން، މުހައްމަދު އަލައްބާރު، މިފަހުން ތައިލެންޑަށް ކުރެއްވި ދަތުރެއްގައި ވަނީ އެ ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ހާމަ ކުރައްވާފަ އެވެ.

ތައިލެންޑްގެ "ދަ ސްޓޭންޑާޑް" ގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ ލިޔުމުގައި އަލައްބާރު ވިދާޅުވެފައިވަނީ ބެންކޮކް ޕްރޮޖެކްޓްގެ ތެރޭގައި ދުނިޔޭގެ އެންމެ އުސް އިމާރާތަށް ވެގެންދާނެ ފަދަ ފާހަގަކޮށްލެވޭ ޓަވަރެއް ހިމެނޭނެ ކަމަށެވެ. އަލައްބާރު ވަނީ ބުރްޖު ޚަލީފާ އަދި ދަ ދުބާއީ މޯލް ފަދަ ރިއަލް އެސްޓޭޓްގެ ބޮޑެތި ބިނާތައް ތަރައްގީކުރުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ.

އައްބާރު ވަނީ ތައިލެންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ސްރެތާ ތަވިސިންގެ ވެރިކަމުގައި 2024 ވަނަ އަހަރު ސަރުކާރާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން، ކޮންކްރީޓަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ގޮތްތައް ހިމެނޭހެން، ބޮޑެތި އުސް އިމާރާތްތައް ބިނާކުރުމަށް ބޭނުންކުރާ ޒަމާނީ އެހެނިހެން ޓެކްނޮލޮޖީތައް ތަޢާރަފުކުރުމަށްވެސް އޭނާ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

އަލައްބާރު ވިދާޅުވީ، އޭނާގެ ކުންފުނިން ބެންކޮކްގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދިރާސާކުރަމުން އަންނަތާ ހަތަރު އަހަރު ވެއްޖެ ކަމަށާއި، މިހާރުގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކާތާ ގާތްގަނޑަކަށް 18 މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއް ދެހަފްތާއެއް ތެރޭގައި އެއްބަސްވުން ފައިނަލް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތައިލެންޑުގައި ހިންގުމަށް ހުށަހަޅާފައިވާ މި އިންވެސްޓްމަންޓް ފުރަތަމަ ކުރިއަށްގެންދާނީ އީގަލް ހިލްސް އިންނެވެ. އަދި ފަހުގެ މަރުހަލާއެއްގައި، ވިޔަފާރި ފިހާރަތަކާއި ހޮޓާ ތަރައްގީކުރުމުގެ ބައިތަކުގައި އެމާރް އިން ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބިމެއް ފައިނަލް އަދި ނުކުރިނަމަވެސް، މަޝްރޫއު ކުރިއަށް ގެންދާނީ ބެންކޮކުން ކުއްޔަށް ނަގާ ގާތްގަނޑަކަށް 3.2 އާއި 4.8 ހެކްޓަރާ ދެމެދުގެ ގެ ބިމެއްގައެވެ. މި ޕްލޭނުގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި، ވިޔަފާރި ފިހާރަތަކާއި، އޮފީސްތަކުގެ އިތުރުން ހޮޓާތައް ހިމެނެއެވެ.

އަލައްބާރު ލަފާކުރައްވާ ގޮތުގައި ފުރަތަމަ އިންވެސްޓްމަންޓަކީ 5 ބިލިއަން އެމެރިކާ ޑޮލަރެވެ. މުޅި މި ތަރައްގީގެ މަސައްކަތަށް ގާތްގަނޑަކަށް ތިނެއް ނުވަތަ ފަސް އަހަރު ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ އަހަރު ހާއްސަކުރެވޭނީ ތަފްސީލީ ޑިޒައިންތައް ހެދުމަށާއި ބޭނުންވާ ހުއްދަތައް ހޯދުމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ މި މަރުހަލާ ފެށޭތާ ގާތްގަނޑަކަށް 18 މަސް ފަހުންނެވެ.

އަލައްބާރު ވިދާޅުވީ، ކުންފުނީގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ބިނާވެފައިވަނީ ކުރުމުއްދަތުގެ އިގްތިސާދީ ހާލަތަށްވުރެ ބޮޑަށް ދިގު މުއްދަތުގެ ފުރުސަތުތަކުގެ މައްޗަށް ކަމަށެވެ. އޭނާގެ މަޝްރޫއުތަކަކީ އާންމުކޮށް 10 އާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ތަރައްގީކުރެވޭ މަޝްރޫއުތަކެއް ކަމަށާއި، އެހެންކަމުން ވަގުތީ އިގްތިސާދީ ލޮޅުންތަކަށްވުރެ މުސްތަގުބަލުގެ ކުރިއެރުމަށް ވިސްނުން މުހިންމު ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް