
ދިރާސާ ކުރާ މި ޖަމްއިއްޔާއިން މިމަހުގެ 17 ވީ އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި މުސްލިމުންގެ އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ މިންވަރު ވަޒަންކޮށްފައިވާއިރު، މި ދެ ދީނުގެ ވެސް އާބާދީ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ނަމަވެސް، ރިޕޯޓުގައި ބުނެފައިވަނީ މުސްލިމުންގެ އާބާދީ އިތުރުވަނީ "ވަރަށް ބާރު ސްޕީޑެއްގައި" ކަމަށެވެ.
މި އަންދާޒާއަކީ ދުނިޔޭގެ އާބާދީގެ 99.98 އިންސައްތަ ހިއްސާކުރާ 201 ގައުމަކާއި ސަރަހައްދެއް ދިރާސާކޮށް، 2020 އިން 2070 އަށް ދީނީ ހަތް ގުރޫޕަކާއި ގުޅުންތަކެއް (މުސްލިމުން، ކްރިސްޓިއަނުން، ޔަހޫދީން، ހިންދޫން، ބުޑިސްޓުން، އަދި އެހެނިހެން ފަރާތްތައް) ޖިއޮގްރަފީ ގޮތުން ބެހިފައިވާ ގޮތާއި މުސްތަޤުބަލުގައި އަންނާނެ ބަދަލުތަކުގެ މައްޗަށް އެކުލަވާލާފައިވާ އަންދާޒާއެކެވެ.
މި ނަތީޖާތަކަކީ ދީނަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ދުނިޔެއަށް ކުރާނެ އަސަރުތައް ދިރާސާކުރުމަށް ކުރިއަށްގެންދާ 'ޕިއު-ޓެމްޕަލްޓަން ގްލޯބަލް ރިލިޖަސް ފިއުޗާސް ޕްރޮޖެކްޓް' ގެ ބައެކެވެ.
މި ޖަމްޢިއްޔާއިން ފާހަގަކުރި ގޮތުގައި މި ހޯދުންތަކަކީ "ދުނިޔެ ބަދަލުވެގެން ހިނގައިދާނެ ހުރިހާ ގޮތްތަކެއް ލަފާ ކުރުމަށް އަމާޒުކޮށްފައިވާ" ހޯދުންތަކެއް ނޫނެވެ. ސަބަބަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތްތަކާއި، ޤުދުރަތީ ކާރިސާތަކާއި، ހަނގުރާމަތައް ފަދަ، ވަކި ބައެއްގެ ދީނީ ވިސްނުމަށް އަސަރުކޮށްފާނެ އެހެނިހެން ކަންކަން ވެސް މެދުވެރިވެދާނެތީއެވެ.
ރިޕޯޓުގައިވާ ގޮތުން، އެންމެ ގިނައިން ކުދިން ވިހަނީ މުސްލިމުންނެވެ. މިއީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ދީނީ ޖަމާއަތަކަށް މުސްލިމުން ވާ އެއް ސަބަބު ކަމަށް ޕިއު އިން ބުނެއެވެ.
ދިރާސާއިން ދައްކާ ގޮތުގައި މުސްލިމް އަންހެނަކު ވިހާ ނިސްބަތަކީ 3.1 ކުދިންނެވެ. އަދި ދެވަނައަށް އެންމެ މަތީ ރޭޓެއް އޮތް ކްރިސްޓިއަން އަންހެނަކު ވިހާ ނިސްބަތަކީ 2.5 ކުދިންނެވެ.
އާންމު ގޮތެއްގައި އާބާދީގެ ޖީލެއް ދެމެހެއްޓެނީ އަންހެނަކަށް ގާތްގަނޑަކަށް 2.1 ކުދިންގެ ފާޓިލިޓީ ރޭޓެއްގައެވެ.
ޕިއު އިން ބުނާ ގޮތުގައި މި ދެ ޖަމާއަތް ވެސް "ދުނިޔޭގެ ޖުމްލަ އާބާދީ އިތުރުވަމުންދާ މިންވަރާ އެއްވަރަކަށް ކުރިއަށްދާނެ" ކަމަށް ބެލެވެއެވެ.
ގުދުރަތީ ގޮތުން އާބާދީއަށް އަންނަ ބަދަލުތަކުގެ ތެރެއިން މުސްލިމުންގެ އާބާދީއަށް 1.6 ބިލިއަން މީހުން އިތުރުވެދާނެ ކަމަށް ބެލެވޭއިރު، ކްރިސްޓިއަނުންގެ އާބާދީއަށް އިތުރުވާނީ 792 މިލިއަން މީހުންނެވެ.
ދީން ދޫކޮށްލާ ނުވަތަ އެހެން ދީންތަކަށް ބަދަލުވާ މީހުންގެ ސަބަބުން ކްރިސްޓިއަނުންނަށް ވުރެ މުސްލިމުންގެ މުޖުތަމަޢަށް ލިބޭ އުނިކަން މާ ކުޑަވާނެ ކަމަށް ބެލެވެއެވެ.
"އިސްލާމްދީނާ އަލަށް ގުޅޭ މީހުންނާއި ދީން ދޫކޮށްދާ މީހުންގެ ފަރަގަށް ބަލާއިރު، ލަފާކުރެވޭ މުއްދަތުގެ ތެރޭގައި މުސްލިމުންގެ ތެރެއިން އުނިވާނީ 8 މިލިއަން މީހުންނެވެ. [އެހެންނަމަވެސް] ކްރިސްޓިއަނުންގެ ސާފު ފަރަގަކީ 105 މިލިއަން މީހުން އުނިވުމެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، މި ދިރާސާއިން ދައްކާ ގޮތުގައި އިސްލާމްދީން ކުރިއަރާނެ ކަމަށް ލަފާކުރެވެނީ ކްރިސްޓިއަން ދީނުން މީހުން މުރުތައްދުވެގެންނެއް ނޫނެވެ. ކްރިސްޓިއަން ދީނަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ މުސްލިމުންގެ އަދަދު، މުސްލިމުންނަށް ވާނެ ކަމަށް ބެލެވޭ ކްރިސްޓިއަނުންގެ އަދަދަށްވުރެ އިތުރުވަނީ "ވަރަށް ކުޑަކޮށް" ކަމަށްވާތީއެވެ.
2020 ވަނަ އަހަރާއި 2070 ވަނަ އަހަރާ ދެމެދު، "ދުނިޔޭގެ މުސްލިމް އާބާދީ އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވެނީ މިހާރުވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުތަކުގައި" ކަމަށް ޕިއު އިން ބުންޏެވެ. 2070 ވަނަ އަހަރާ ހަމައަށްދާއިރު، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އާބާދީގެ 95 އިންސައްތަ ހިއްސާކުރާނީ މުސްލިމުންނެވެ. އަދި ހަމައެއާއެކު، އޭޝިއާ-ޕެސިފިކް ސަރަހައްދުގައި އެއްވެސް ދީނަކަށް ތަބާނުވާ މީހުންނަށްވުރެ މުސްލިމުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
2020 ވަނަ އަހަރު، ދުނިޔޭގެ 53 ގައުމެއްގައި އެންމެ ބޮޑު ދީނީ އާބާދީއަކީ މުސްލިމުންނެވެ. 2070 އާ ހަމައަށްދާއިރު މި ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ އަދަދަށް އިތުރު 1.2 ބިލިއަން މީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދުނިޔޭގެ މުސްލިމް އާބާދީއަށް އަންނާނެ ކަމަށް ލަފާކުރާ ކުރިއެރުމުގެ 74 އިންސައްތައެވެ.
މިސާލަކަށް، ޕާކިސްތާނުގެ މުސްލިމް އާބާދީ 2020 ގައި ހުރި 227 މިލިއަނުން، 2070 ވަނަ އަހަރު 461 މިލިއަނަށް ދެގުނަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި އިންޑޮނޭޝިއާ ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ގައުމަކަށް އެ ގައުމު ވެގެންދާނެ ކަމަށް ޕިއު އިން ބުންޏެވެ.
ޕިއު ރިސާޗް ސެންޓަރަކީ ދުނިޔޭގެ ތަފާތު މައުލޫތަކާއި، މައްސަލަތަކާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭ، ވަކި ފަރާތަކަށް ނުޖެހޭ އަދި ވަކި ސިޔާސަތެއް ކުރިއެރުވުމަށް މަސައްކަތް ނުކުރާ "ފެކްޓް ޓޭންކް" (ހަގީގަތްތައް ހޯދައި ދިރާސާކުރާ) އިދާރާއެކެވެ. މި ސެންޓަރުން ވަކި ސިޔާސަތުތަކަކަށް ތާއީދެއް ނުކުރެއެވެ. މި ސެންޓަރުން ކުރިއަށްގެންދަނީ އާންމުންގެ ހިޔާލު ހޯދުމުގެ ޕޯލްތަކާއި، ޑެމޮގްރަފިކް (އާބާދީގެ) ދިރާސާތަކާއި، ކޮމްޕިއުޓޭޝަނަލް ސޯޝަލް ސައިންސް ދިރާސާތަކާއި އަދި އެހެނިހެން ޑޭޓާގެ މައްޗަށް ބިނާކޮށް ކުރެވޭ ދިރާސާތަކެވެ. ޕިއު ރިސާޗް ސެންޓަރަކީ އެ ތަނަށް މައިގަނޑު ގޮތެއްގައި ހަރަދުކުރާ "ދަ ޕިއު ޗެރިޓަބަލް ޓްރަސްޓްސް" ގެ ދަށުން ހިންގާ އިދާރާއެކެވެ.




