ވަޅުލާފައި ހުއްޓާ ހޯދި ފައިސާ އާއި އެކި ތަންތަނުން ހޯދި ފައިސާތައް މިހާރު ވަނީ ދައުލަތުގެ ހަޒާނާއަށް ޖަމާކޮށްފައި.--
ހަންގޭރީގެ ކުރީގެ މިނިސްޓަރަކު ވަޅުލާފައިހުރި 20 މިލިޔަނެއްހާ ޑޮލަރު ހޯދައިފި
މަރްޔަމް މުޙައްމަދު 15 ނޮވެމްބަރ 2026 (އާދީއްތަ)   09:46
ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބަންގެ ވެރިކަމުގައި ހިނގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް، އެ ގައުމުގެ އާ ސަރުކާރުން ތަހުގީގުކުރަމުން ދަނިކޮށް، ފޮރުވާފައިހުރި 20 މިލިޔަނެއްހާ ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފި އެވެ.

ހަންގޭރީގެ ތަހުގީގީ އިދާރާތަކުން މިފައިސާ ހޯދާފައިވަނީ އެ ގައުމުގެ ޖަންގަލިތަކުގެ ބިންގަނޑު ކޮނެގެންނާއި އިމާރާތްތަކުގެ އެކި ތަންތަނުގައި ފައިސާ ބޮނޑިތައް ވަރަށް ބޮޑަށް ރައްކާކޮށްފައި ހުއްޓައެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް އަލަށް އުފެއްދި އެޖެންސީ ކަމަށްވާ ނޭޝަނަލް އެސެޓް ރިކަވަރީ އެންޑް ޕްރޮޓެކްޝަން އޮފީހުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ނޮވެމްބަރު 12 އަދި 13 ވަނަ ދުވަހު ބުޑަޕެސްޓާއި ހަންގޭރީގެ އިތުރު ތިން ސަރަހައްދެއް ފާސްކޮށްފައިވާ ކަމަށެވެ.

އެ އިދާރާގެ ތަހުގީގު ޓީމުތަކުން ވަނީ ދަނޑުވެރިކަންކުރާ ސަރަހައްދުތަކާއި، އިމާރާތްތަކާއި، ގުދަންތަކާއި، ގެއަކާއި، "އެކަހެރި ތަނެއްގައި ހުރި އަގުބޮޑު ތިޖޫރީއެއް"ގެ އިތުރުން ޖަންގަލިތަކުގެ ބިމުގެ އަޑިން ހަންގޭރިއަން ފޮރިންޓާއި، ޔޫރޯ އަދި އެމެރިކާ ޑޮލަރު ހޯދާފައެވެ. އެ އެޖެންސީން ވަނީ އިރުއޮއްސި އަނދިރިވުމަށްފަހު އޮފިސަރުން ބިން ކޮންނަމުންދާ މަންޒަރާއި ފައިސާ ބޮނޑިތައް ޗެކްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ.

އެކި ތަންތަނުން ހޯދި މި ފައިސާތައް މިހާރު ވަނީ ދައުލަތުގެ ހަޒާނާއަށް ޖަމާކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު އަންދްރާސް ކަރމަން ހުކުރު ދުވަހު ފޭސްބުކްގައި ވިދާޅުވީ، އެ ފައިސާތައް ގުނުމަށް ޓްރެޒަރީގެ 12 މުވައްޒަފުން 8 ގަޑިއިރު ހޭދަކުރި ކަމަށެވެ.

މި ފައިސާތައް ފެނިފައިވަނީ ހަންގޭރީގެ ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި 2014 އިން 2018 އަށް ހުންނެވި މިކްލޯސް ސެސްޓާކްގެ މައްޗަށް ކުރެވޭ ތަހުގީގެއްގެ ތެރެއިންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބޭނުންކޮށްފައިހުރި ބަސްތަކެއް ބޮޑު އަގުގައި ދައުލަތުގެ ޓްރާންސްޕޯޓް ކުންފުންޏަކަށް ގަތުމާއި ސަރުކާރުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް މެދުވެރިކޮށް ރިޝްވަތާއި ކޮރަޕްޝަނުގެ ގޮތުގައި 37.2 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ނެންގެވި ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އަދި އޭނާ ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

އޭޕްރީލް މަހު އޯރބަންގެ 16 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި މެދުމިނުގެ ކަނާތުފިޔައިގެ، ޔޫރަޕަށް ތާއީދުކުރާ ޓިޒާ ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ޕީޓަރ މަގްޔާރު ހުކުރު ދުވަހު ފޭސްބުކްގައި ވިދާޅުވީ، މި ފައިސާތައް ހޯދުމަކީ އޭނާ ސިފަކުރެއްވި ގޮތުގައި "ފިޑޭޒް-ކޭޑީއެންޕީ މާފިއާ" ގެ ނިމުން އަންގައިދޭ ކަމެއް ކަމަށެވެ.

ފިޑޭޒް އަކީ އޯރބަންގެ ކަނާތުފިޔައިގެ ޕާޓީ އެވެ. އަދި ކޭޑީއެންޕީ (ކްރިސްޓިއަން ޑިމޮކްރެޓިކް ޕީޕަލްސް ޕާޓީ) އަކީ ވެރިކަންކުރި ކޯލިޝަންގެ ބައިވެރިޔާއެވެ.

އޯރބަން މީގެ ކުރިން ވިދާޅުވެފައި ވަނީ އާ ސަރުކާރުން މި ތަހުގީގުތައް ބޭނުންކުރަނީ އޭނާ ސިޔާސީ މައިދާނުން ބޭރުކޮށްލުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ވަކިވަކި އެހެން މައްސަލަތަކުގައި ކުރީ ސަރުކާރުގެ އެހެން ބައެއް މިނިސްޓަރުން ވެސް ހައްޔަރުކޮށްފައިވާއިރު، މަނިޓަރީ ސިޔާސަތު ކަނޑައަޅާ ހަންގޭރީގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ގްޔޯރގީ މަޓޮލްސީ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ މައްސަލައަކީ މަރުކަޒީ ބޭންކުގެ ފައުންޑޭޝަނެއްގެ ބެލުމުގެ ދަށުގައިވާ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެކެވެ. މަޓޮލްސީ ވަނީ ކުށެއް ކުރެއްވި ކަމަށް އިންކާރު ކުރައްވާފައެވެ.

ހަންގޭރީގެ ޚަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ އެޗްވީޖީ އިން މި ހަފްތާގައި ޝާއިޢުކުރި، މީޑިއަން ޕޯލްސްޓަރގެ ސާވޭއަކުން ދައްކާ ގޮތުގައި ސާވޭގައި ބައިވެރިވި މީހުންގެ 70 އިންސައްތަ މީހުން ދެކޭގޮތުގައި އޯރބަންގެ ވެރިކަމުގައި ހިނގާފައިވާ ކަމަށް ޝައްކުކުރެވޭ ކޮރަޕްޝަންތައް ތަހުގީގުކޮށް، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮމެންޓް