ރައީސް މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރެސިޑެންސީ ވިސާއަށް ބޮޑު ބަދަލެއް ގެންނަން އިސްލާހެއް
10 އަހަރަށް ވުރެ ގިނަ ދުވަހު، ރާއްޖޭގައި ގެއެއް ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންސީ ވިސާ ދެނީ
ހިޝާމް ހާރޫން 15 ނޮވެމްބަރ 2026 (އާދީއްތަ)   11:12
ދިވެހިރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދެވޭ ގޮތަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި މި އިސްލާހުގައި ބިދޭސީންނަށް ރެސިޑެންސް ވިސާ ދޫކުރެވިދާނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރެސިޑެންސީ ވިސާ ލިބޭނެ ކަމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ރާއްޖޭގައި މަދުވެގެން އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ކޮންމެ ބިދޭސީއަކަށް ވެސް ރެސިޑެންސީ ވިސާ ދޫކުރުމަށް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މި އިސްލާހުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ، ރާއްޖެއިން 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ ކޮންމެ ބިދޭސީއަކަށް ވެސް ރެސިޑެންސީ ވިސާ ލިބޭ ގޮތަށް ހިމަނާފައިވާ ބައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާނޫނަށް މިފަދަ ބަދަލެއް ގެންނަން ހުށަހަޅާފައިވަނީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި ދީގެން، ބިދޭސީން ރާއްޖޭގައި ވަޒަންވެރިކުރުވުމަށް ސަރުކާރުން ހިންގަން ރާވާފައިވާ ބިޔަ މަޝްރޫއަށް ގާނޫނީ ގޮތުން މަގުފަހިކުރުމުގެ ބޭނުމުގައެވެ.

މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް، ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ބެލުމެއްނެތި ރައީސް މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.

ކޮމެންޓް