
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ޙަވާލުވި އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 123.7 އިންސައްތައިގައި ކަމަށާއި، ކުރިން ނުދައްކައި ހުރި ބިލުތަކަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 25.13 ބިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރު ނިމިގެންދާއިރު ދިވެހިރާއްޖޭގެ ބަޖެޓުން، މި ސަރުކާރު ހަވާލުވި އިރު ހުރި މިންވަރަށްވުރެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2029 ވަނަ އަހަރަށް މި ނިސްބަތް 112.9 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، މިއީ ކޮވިޑް-19 ގެ ކުރިން ހުރި މިންވަރަށްވުރެވެސް ރަނގަޅު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ރިޒާވަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަސްމީ ރިޒާވް 1.3 ބިލިޔަން ޑޮލަރާ ހަމައަށް ގެންދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރަކީވެސް ރިޒާވް އިތުރަށް މަތިވެގެންދާނެ އަހަރެއް ކަމަށެވެ. އަދި ދަރަނި ދެއްކުމާއި ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަވާފައިވާ ހަރުދަނާ ބަދަލުތަކާއެކު، މޫޑީޒް އަދި ފިޗް ރޭޓިންގުން ރާއްޖެއަށް އެއް ދަރަޖައިގެ ކުރިއެރުމެއް ލިބި، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވެފައިވާކަން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
އިގުތިސާދު ފުޅާކުރުމުގެ ގޮތުން ހިންގުނު މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދެބައިކުޅަ އެއްބައި ނިމިފައި އޮތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތާއި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމައި، މިހާރު ޚިދުމަތަށް ހުޅުވާލާފައިވާ ކަން ފާހަގަ ކުރެއްވި އެވެ.
އަދި މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި، މިހާރަށްވުރެ ހަ ގުނަ ބޮޑު ސަރަހައްދަކަށް އެ ބަނދަރު ބަދަލުވުމުން ރާއްޖޭގެ ވިޔަފާރި ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ލޮޅުމެއް ކުރިމަތިވި ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ކާމިޔާބުތަކުގެ އިތުރުން ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާނެ ކަންކަމާއި ގެންގުޅުއްވާނެ އުސޫލުތަކާ ގުޅޭގޮތުންވެސް ރައީސް ވާހަކަ ދެއްކެވި އެވެ. އަދި ހާއްސަ ގޮތެއްގައި މި ދުވަސްވަރު، ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމަށް ރައީސް ރައްދު ދެއްވިއެވެ.
ރައީސް ވިދާޅުވީ، ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ހުރި ހުރިހާ ކަންބޮޑުވުންތަކަކީ އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއް ކަމުގައާއި އަޅުގަނޑުމެންގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނާއި ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ.
އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަށް ބުރޫއަރާނެ، ލޮޅުންއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ ކަމަށާއި ދިވެހިންގެ އިޖުތިމާޢީ ފޭރާމަށް އެކަމުން ނުރަނގަޅު އަސަރު ފޯރާނެ އެއްވެސް ކަމެއްވެސް މިސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.




