ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ).-- ފޮޓޯ: މަޖިލިސް
ވަރިވިޔަސް ފްލެޓާއި ގޯތިން ދެ މީހުންނަށް ހައްގު ކަށަވަރު ކުރަން އިސްލާހު ހުށަހަޅައިފި
ހިޝާމް ހާރޫން 17 ނޮވެމްބަރ 2026 (އަންގާރަ)   12:45
ސަރުކާރުގެ ހައުސިން ސްކީމްތަކުން ލިބޭ ފްލެޓާއި އެ ނޫން ވެސް މުދަލުގައި ދެމަފިރިންނަށް ހަމަހަމަ ޙައްޤު ކަށަވަރުކުރުމަށް އާއިލާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހުތައް ހިމެނޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ސޯޝަލް ހައުސިން ސްކީމްތަކުގެ ޝަރުޠުތައް ކަނޑައެޅިފައި އޮންނަ ގޮތުން، ޕޮއިންޓް ދޭ މިންގަނޑުގައި ކައިވެންޏާއި ދަރިންގެ ޢަދަދު ހިމެނޭ ކަމަށެވެ. ނަމަވެސް ދެމަފިރިންގެ ތެރެއިން ފްލެޓަށް ހުށަހެޅެނީ އެންމެ ފަރާތަކަށް ކަމަށާއި، އަނެއް ފަރާތުގެ ނަމުގައި ވަކި ގޯއްޗެއް ނުވަތަ ބިމެއް ނެތުން ވެސް ޝަރުޠެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ކަމަށެވެ.

މި ޝަރުޠުތަކާ ހެދި ސްކީމް ފަރުމާވެފައި އޮންނަނީ ވަކި ފަރުދަކަށް ދޭ އެއްޗެއްގެ ބަދަލުގައި އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް ރަޖިސްޓްރީ ހެދެނީ ހުށަހެޅި ފަރާތުގެ ނަން މައްޗަށް އެކަނި ކަމުން، ވަރިވާ ޙާލަތުގައި ފްލެޓް ވެގެންދަނީ އެ މީހެއްގެ ރައްކާތެރިކަމެއް ނެތް ވަކި ފަރާތެއްގެ މިލްކަކަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޅި އާއިލާ ބޯހިޔާވަހިކަމުން މަޙްރޫމްވާ ކަން ބިލުގައި ފާހަގަކޮށްފައި ވެއެވެ. 

އާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނީގެ ތެރޭގައި ހޯދި މުދާ ޢަދުލުވެރިކަމާ އެކު ބެހުމުގެ އުސޫލެއް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާމެދު ޢަމަލުކުރާނޭ ސާފުގޮތެއް ބަޔާންކޮށްފައި ނެތްކަން ބިލުގައި ފާހަގަކޮށްފައި ވެއެވެ. 

"އެހެންކަމުން މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި، އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދު ކަމަށްވާ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުން،" ކަން ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ފާހަގަކުރައްވާފައި ވެއެވެ. 

މި ބިލުން އިޞްލާޙު ގެންނަން ހުށަހަޅާފައިވާގޮތުން، ދައުލަތުގެ ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ބިމަކީ ކައިވެނިކޮށްގެން ތިބި މުއްދަތުގައި ލިބިފައިވާ ތަނެއްނަމަ، އަދި އެތަން ދެމަފިރިންގެ ތެރެއިން އެކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތްނަމަވެސް އެއީ އެ އާއިލާއަށް ލިބިފައިވާ ތަނެއްގެ ގޮތުގައި ބެލުމަށާއި އެތަނަކަށް ދެމީހުންނަށްވެސް ހަމަހަމަ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައި ވެއެވެ. 

އަދި ތަނާ ގުޅިފައިވާ ކުއްޔާއި ލޯނާއި އަދި މިނޫންވެސް ޒިންމާތައްވެސް ދެފަރާތުގެ މެދުގައި ބެހުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ. 

މީގެ އިތުރުން، އެފަދަ ތަނެއް ނުވަތަ ބިމަކާ ގުޅޭގޮތުން ދެމަފިރިންގެ ތެރެއިން އެކެއްގެ ހައްގު ދޫކޮށްލުމަށް ބޭނުންވެއްޖެ ހިނދެއްގައި ކޯޓު މެދުވެރިކޮށް ދެމަފިރިންގެ މެދުގައި އެއްބަސްވުމެއް ހެދުމަށް ނޫންނަމަ ކޯޓު އަމުރަކުން ކަނޑައެޅުމަށްވެސް މި ބިލްގައި ހިމަނާފައި ވެއެވެ. 


ކޮމެންޓް